އަންނަ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުސް ބޮޑުކުރުމުން އިންފުލޭޝަން މަތިވާ މަތިވުމަކީ ރައްޔިތުންނަށް "އެހާ ބޮޑު ބުރައަކަށް" ވާނެކަމަށް ދެކެވަޑައިނުގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ޓެކުސް ބޮޑުކުރުމުގެ ސަބަބުން މުދަލާއި ޚިދުމަތުގެ އަގު އުފުލޭނެކަން ޤަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެއީ ރައްޔިތުންނަށް ނުދެއްކޭ މިންވަރުގެ ބޮޑުވުމަކަށްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ކޮންމެއަކަސް އިންފުލޭޝަނެއް އަންނާނެ. އެއީ އަޅުގަނޑުވެސް ޤަބޫލުކުރާ އެއްޗެއް. ނަމަވެސް އެއީއަކީއެއް އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންނަށް އެ ނުދެއްކޭ ވަރުގެ އެއްޗަކަަށްވެގެންނެއް ނުދާނެ. ރައްޔިތުންނަށް އެހާ ބޮޑު ބުރައެއް އުފުލަންޖެހޭނެ އެއްޗަކަށް ވެގެންދާނެކަމަށް އަޅުގަނޑު ނުދެކެން،" ރައީސް ޞާލިޙު ވިދާޅުވިއެވެ.
ޓެކުސް ބޮޑުވުމާއެކު އަގުތަކަށް އަންނަ ބަދަލުތައް ބައްލަވަމުން ގެންދަވާނެ ކަމަށާއި، ރައްޔިތުންނަށް އުފުލަން ދަތިވާ ވަރުގެ ބުރައަކަށް ވެދާނެކަމަށް ބެލެވޭނަމަ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި ރައީސް ވިދާޅުވީ ޓެކުސް ބޮޑުކުރީ އެކަމުގައި ޝާމިލުވާ ވަރަށް ގިނަ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ. އަދި އެންމެ ރަނގަޅު ގޮތަކަށްވީހީ ދިގު މުއްދަތެއް ޓެކުސް ނެގުމުގެ ކުރިން ދެވުނުނަމަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކޮޅުގައި އެކަމާމެދު މަޝްވަރާކުރަން ފެށިފައިވާކަމަށާއި، އެހެންކަމުން 8 މަހެއްހައި ދުވަހުގެ މުހުލަތެއް ޓެކުސް ބޮޑުކުރުމުގެ ކުރިން ދެވުނުކަމަށް ރައީސް ވިދާޅުވިއެވެ.
ޓެކުސް ބޮޑުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނެފައިވަނީ، އަންދާޒާކުރާ މިންވަރަށްވުރެ ބޮޑަށް ޓެކުހުގެ ސަބަބުން ތަކެތީގެ އަގު އުފުލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.