އިނގިރޭސިވިލާތުގެ ރާނީ، އެލިޒަބަތު ދެވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ދެކަނބަލުން އިނގިރޭސިވިލާތައް ކުރައްވާ ދަތުރުފުޅަށް ކުރެއްވި ޚަރަދުކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ހެއްދެވީ ދޮގުކަން ހާމަވެއްޖެއެވެ.
ރައީސް ޞާލިޙު ރާނީ އެލިޒަބަތުގެ ޖަނާޒާއަށް ވަޑައިގަތް ދަތުރުފުޅަށް ހިނގި ޚަރަދު އޮޅުންފިލުވުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ ދަށުން "ދިޔަރެސް"އިން ހުށަހަޅައި މައުލޫމާތު ހާމަކުރަންޖެހޭ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް އެ މައުލޫމާތު ހާމަކޮށްފައިނުވާތީ މީގެކުރިން ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި "ދިޔަރެސް" އިން ވަނީ އެ ދަތުރުފުޅަށް ކިތައް މިލިއަން ރުފިޔާ ޚަރަދުވިތޯއާއި އެ މައުލޫމާތު ހާމަނުކުރައްވައި ހިފަހައްޓަވަނީ ކީއްވެތޯ ސުވާލުކޮށްފައެވެ.
ނޫސްވެރިންގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގެ ތަރުޖަމާނު "ދިޔަރެސް"އަށް ދެއްވި ޖަވާބުގައިވާގޮތުން އެދަތުރުފުޅުގެ ޓިކެޓަށް 1.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި އެކޮމޮޑޭޝަންއަށް 6 ލައްކަ 12 ހާސް ޚަރަދުކޮށްފައިވާއިރު ކެއުމަށް 1 ލައްކަ 31 ހާސް ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެހެންކަމުން މިއުވާން ވިދާޅުވިގޮތުގައި ރައީސްގެ އެ ދަތުރުފުޅަށް މުޅި ޖުމުލަ ޚަރަދުވެފައިވަނީ 2.4 މިލިއަން ރުފިޔާއެވެ.
ނަމަވެސް މިއުވާން އެ ވިދާޅުވި އަދަދާއި ރައީސް އޮފީހުން އޭގެ ފަހުން "ދިޔަރެސް"އަށް ފޮނުވި އަދަދާއި ދިމައެއް ނުވެއެވެ. ރައީސުލްޖުމުހުރިއްޔާގެ ދެކަނބަލުން އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމާއި ގުޅިގެން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދު ރައީސް އޮފީހުން މިހާރު ވަނީ މި ނޫހާ ހިއްސާކޮށްފައެވެ.
ރައީސް އޮފީހުން ބުނީ އެ ދަތުރަށް މުޅި ޖުމުލަ 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާކަމަށެވެ.