Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބްރެޒިލް

ބޮމުގެ އިންޒާރާއެކު ލޫލާ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ބުރެޒިލުން ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

ބްރެޒިލުގައި ހަމަނުޖެހުން އުފެއްދުމަށް ބޮމުގެ ހަމަލާއެއް ރޭވި ބައެއްގެ ތެރެއިން އަކަކު ނިމުނު ހަފުތާ ބަންދުގައި ހައްޔަރުކޮށްފައިވާއިރު، އެ ޤައުމުގެ އިންތިޚާބީ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާ މަޤާމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ސަލާމަތީ ކަންކަން ވަރުގަދަކުރާނެކަމަށް އެ ޤައުމުގެ މުސްތަޤުބަލުގެ ޖަސްޓިސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ޖަސްޓިސް މިނިސްޓަރުކަމަށް ދެން ވަޑައިގަންނަވާނެ ފްލޭވިއޯ ޑީނޯ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ދެން އުފެދޭ ސަރުކާރުން ބުރެޒިލުގައި އެއްވެސް ބާވަތެއްގެ ސިޔާސީ ނުރުބަވެރިކަމަށް ޖާގައެއް ނުދޭނެ ކަމަށެވެ.

ހޮނިހިރުދުވަހު ފުލުހުން ހައްޔަރުކުރި މުއްތަހަމަށް އިޝާރާތްކުރައްވި ޑީނޯ ވިދާޅުވީ އެއީ އެކަނި ގިނިކަންޏާ މަސައްކަތްކުރި މީހެއް ނޫން ކަމަށެވެ. ބްރެޒިލް ފުލުހުން ބުނީ ހޮނިހިރުދުވަހު ހައްޔަރުކުރި ޖޯޖް ވޮޝިންޓަން ޑެ އޮލިވޭރާ ސޯސާ ރާވާފައި އޮތީ ވެރިރަށް ބްރެޒިލިއާގެ އެއާޕޯޓުގައި ބޮމެއް ގޮއްވަން ކަމަށެވެ.

ބޮމުގެ މި ހަމަލާ ފަޅާއެރީ ޖަނަވަރީ 1 ވަނަ ދުވަހު ބްރެޒިލްގެ އިންތިޚާބީ ރައީސް މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކަންކަން އިންތިޒާމުކުރަމުން ދަނިކޮށެވެ. ޑީނޯ ކުރެއްވި ޓުވީޓެއްގައި އޭނާވަނީ ލޫލާ މަޤާމުގެ ހުވައިކުރެއްވުމުގެ ކަންކަން ސުލްހަވެރިކަމާއެކު ހަމަނުޖެހުމެއް ނުހިނގައި ކުރިއަށްދާނެކަމަށް ވިދާޅުވެފައެވެ.

ލޫލާއަކީ 2003 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ދެމެދުގައި ބުރެޒިލުގެ ވެރިކަމުގައި ދެ ދައުރު ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އޮކްޓޯބަރު މަހުގައި އޮތް ބުރެޒިލުގެ ތާރީޚުގައި ހިނގި އެންމެ ވާދަވެރި އިންތިޚާބުކަމަށް މުހައްލިލުން ބަޔާންކުރާ ރިޔާސީ އިންތިޚާބުގައި ލޫލާވަނީ އެ ޤައުމުގެ ކުރީގެ ރައީސް ޖައިރް ބޮލްސަނާރޯގެ މައްޗަށް ކުރިހޯއްދަވައި އިންތިޚާބު ކާމިޔާބުކުރައްވާފައެވެ.

އެތައް މަހެއް ވަންދެން ބޮލްސަނާރޯ ގެންދެވީ ބުރެޒިލުގެ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ވިދާޅުވަމުންނެވެ. އެ ވާހަކަފުޅުގެ ސަބަބުން އަދި މިހާތަނަށްވެސް އޭނާގެ ވަރަށް ގިނަ ސަޕޯޓަރުން ނިމުނު ރިޔާސީ އިންތިޚާބުގެ ނަތީޖާ ޤަބޫލުނުކުރެއެވެ.

ފުލުހުން ބުނި ގޮތުގައި ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ސޯސާގެ އިއުތިރާފުގައި އެ ބޮމުގެ ހަމަލާއަކީ ބްރެޒިލުގައި ހަމަނުހުން އުފައްދައި، ކޮމިއުނިޒަމް އެ ޤައުމުގައި ޤާއިމުކުރަން ހުރަސްއެޅުމަށް ރޭވި ރޭވުމެއްކަމަށް ބުނެފައިވެއެވެ.

އަދި މި ރޭވުން ރާވާފައިވަނީ މިހާރު އެ ޤައުމުގެ އަސްކަރިއްޔާގެ މައި އިދާރާ ކައިރީގައި ލޫލާ ރައީސްކަމާ ހަވާލުވެވަޑައިގަތުން ހުއްޓުވުމަށް އަސްކަރިއްޔާއަށް ގޮވައިލާ އިހުތިޖާޖުކުރާ ބޮލްސަނާރޯގެ ސަޕޯޓަރުންގެ ބަޔަކާއެކު ކަމަށް ސޯސާ އެއްބަސްވެފައިވެއެވެ.

މި ލިއުމާއި ގުޅޭ