އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޖަލުން ސަލާމަތްކޮށް 2023ގައި އޮންނަ އިންތިޚާބުގައި ވެރިކަމަށް ގެންނަން ހިތްވަރާއެކު ކުމެތިބި ކަމަށް ޕީޕީއެމްގެ ނައިބުރައީސް، ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ވ.އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން މިއަދު އިއްވުމާއި ގުޅިގެން އިދިކޮޅުން ވަނީ ސިޔާސީ ހަރަކާތްތައް އަނެއްކާވެސް ވަރުގަދަކޮށްފައެވެ.
"ޕީޕީއެމްގެ ސަފުތައް ބަދަހި. އަޒުމެއް ނުގުޑާ. ގަދަފަދަވަންތަ މާތްﷲ ގެ ހަޟްރަތުން ނަސްރަށް އެދިތިބެ، ގައުމުގެ ހައްގުގަ، ރައީސް ޔާމީން ސަލާމަތްކޮށް އެމަނިކުފާނު 2023 ގައި ވެރިކަމަށް އިންތިޚާބު ކުރަން މި ނިކުތީ ހިތްވަރާއެކު" ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރައްވާނެ ކަމަށާއި، މަތީ މަރުހަލާގެ ކޯޓުތަކުން އެ ހުކުމް ބާތިލުކުރާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ ވިދާޅުވެފައެވެ.
ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން ދައުލަތުން އެދުނީ ރައީސް ޔާމީނުގެ މައްޗަށް 19 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ. އެގޮތުން ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ ސާބިތުވާކަމަށް ކަނޑައެޅުމުން، 8 އަހަރު ދުވަހަށް ޖަލަށްލާން ދައުލަތުން އެދުނެވެ. އަދި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިދިނުމަަށް ދައުލަތުން އެދުނެވެ.
އަދި މަނީ ލޯންޑަރިން މައްސަލާގައި ކުށް ސާބިތުވާކަމަށް ކަނޑައެޅުމާއެކު ޤާޟީ ނިންމާފައިވަނީ ރައީސް ޔާމީނުގެ މައްޗަށް 7 އަހަރުގެ ޖަލު ހުކުމެއް އިއްވާށެވެ. އެ ހުކުމް އިއްވާފައިވަނީ ކުށުގެ އަސާސީ އަދަބުން އެއް ދަރަޖަ މަތިކޮށްފައެވެ.