Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީންގެ ޝަރީޢަތް

އަދަބާމެދު ވާހަކަދައްކަން އެކަށީގެންވާ މުއްދަތެއް ނުދިނުމުން ރައީސް ޔާމީނުގެ ވަކީލުންގެ އިއުތިރާޒު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވާ އާރަށް މައްސަލާގައި ރިޝްވަތު ގަބޫލުކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވުމުން އަދަބާމެދު ވާހަކަދައްކަން އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު ވަކިން އަޑުއެހުމެއް ބާއްވަން އެމަނިކުފާނުގެ ފަރާތްޕުޅުން އެދުމުން އަޑުއެހުމެއް ނުބާއްވާތީ އެމަނިކުފާނުގެ ވަކީލުން އިއުތިރާޒުކޮށްފިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ދެ ދައުވާ ސާބިތުވެއްޖެކަމަށް ކުރިމިނަލް ކޯޓުން މިއަދު ކަނޑައެޅުމާ ގުޅިގެން ދައުލަތުން އަދަބާމެދު ވާހަކަދައްކަމުން އެދިފައިވަނީ އެމަނިކުފާނުގެ މައްޗަށް 19 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އެގޮތުން ރައީސް ޔާމީނުގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް 8 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް ދައުލަތުން އެދުނެވެ. އަދި މަނީ ލޯންޑަރިންގެ ކުށް ސާބިތުކުރުމާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް އެދިފައިވެއެވެ.

ދައުލަތުން އަދަބު އެތައް ދަރަޖައަކުން މަތިކުރަން އެދުމާ ގުޅިގެން ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުން ވިދާޅުވެފައިވަނީ ދައުލަތުން އަދަބު އެތައް ދަރަޖައަކުން ބޮޑުކުރުމަށް އެދިފައިވަނީ ވަރަށް ގިނަ ވާހަކަތައް ދެއްކުމަށްފަހުގައި ކަމަށެވެ. ދައުލަތުން ދެއްކި ވާހަކަތަކާ ގުޅިގެން ގިނަ ވާހަކަތަކެއް ދައްކަންޖެހޭ ކަމަށެވެ. އަދި ޤާނޫނުގައި އަދަބާމެދު ވާހަކަދެއްކުމަށް ވަކި އަޑުއެހުމެއް ބޭއްވުމުގެ އިޚުތިޔާރު ޤާޟީއަށް އޮންނަކަން ފާހަގަކުރައްވައި އެ އިޚުތިޔާރުގެ ދަށުން ދެވޭ އެންމެ ދިގު މުއްދަތުކަމުގައިވާ 10 ދުވަހުގެ މުހުލަތެއް ދެއްވަން ވަކީލުން އެދިވަޑައިގަތެވެ.

ނަމަވެސް މައްސަލަ ބައްލަވާ ޤާޟީ އަޙްމަދު ޝަކީލު ނިންމެވީ މުހުލަތެއް ނުދެއްވައި އަދަބާމެދު ވާހަކަދެއްކުން މިއަދު ކުރިއަށްގެންދިއުމަށެވެ. މިއަދު އަދަބާމެދު ވާހަކަދެއްކުމުގެ އަޑުއެހުމުގައި ރައީސް ޔާމީނުގެ ވަކީލުން ވިދާޅުވެފައިވަނީ އަދަބާމެދު ވާހަކަދެއްކުމަށް އެކަށީގެންވާ ފުރުސަތު ލިބިވަޑައިގެންފައިނުވާކަމަށެވެ. އަދި އަދަބު ކަނޑައެޅުމާމެދު ވާހަކަދެއްކުމަށް ބޭނުންވާ ދިރާސާތައް ކުރަން ދޮޅުގަޑިއިރަކީ އެކަށީގެންވާ ވަގުތެއް ނޫން ކަމަށެވެ.

އެފަދައިން ވަކީލުން ވިދާޅުވުމުން ޝަކީލު ނިންމަވާފައިވަނީ އަދަބާމެދު ރައީސް ޔާމީނުގެ ވަކީލުން ވާހަކަދައްކަވަން ބޭނުންފުޅުނުވި ކަމަށެވެ.

މި މައްސަލާގައި ދައުވާކޮށްފައިވާ ޔޫސުފް ނައީމުގެ ފަރާތުން އަދަބާމެދު ވާހަކަދައްކަން ފެށުމުގެ ކުރިން އޭނާގެ ވަކީލު ހަމްޒާ ލަތީފު ފާހަގަކުރައްވާފައިވަނީ އަދަބު ކަނޑައެޅުމާމެދު ވާހަކަދައްކަން ވަކި އަޑުއެހުމެއް ބޭއްވުމުގެ އިޚުތިޔާރު ޤާޟީއަށް އޮންނަނީ ސަބަބުތަކެއް ހުރެގެންކަމަށެވެ. އެކަމުގެ ބޭނުމަކީ ދައުލަތަށާއި ދައުވާ ރައްދުވާ ފަރާތްތަކަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅައި ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަށެވެ. އަދި ދޮޅުގަޑިއިރަކީ އެފަދައިން ވާހަކަދައްކައި ހެކި ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތެއް ނޫންކަން ހަމްޒާ ފާހަގަކުރެއްވިއެވެ.

ހަމްޒާވަނީ ޔޫސުފް ނައީމަކީ ކުރިން ރައްޔިތުންގެ ޚާއްޞަ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރެއްވި ޚިދުމަތްތެރިއެއްކަމާއި، އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން ޖަލަށް ވަޑައިގަތުމުން ދަތިވާނެކަމާއި، ޚަރަދުކުރަންޖެހޭ އާއިލާއެއް އޮތް ބޭފުޅެއްކަން ފާހަގަކުރައްވައި އޭނާއަށް ލުއި އަދަބެއް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ގޭބަންދުކުރުމާއި ޖަލު ބަންދާއި ޖޫރިމަނާ އެއްކޮށް އަދަބު ކަނޑައެޅުމަށް އެދިވަޑައިގަތެވެ.

އޭގެ އިތުރަށް ހަމްޒާ ފާހަގަކުރެއްވީ ޔޫސުފް ނައީމުގެ މައްޗަށް ކަނޑައެޅި ކުށުން އާދަޔާ ޚިލާފު ބޮޑު ގެއްލުމެއް ދައުލަތަށް ލިބުނުކަމަށް ދައުލަތުން ބުނި ނަމަވެސް އެކަން ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާއިރު، އެ ވާހަކައަށް ބިނާކޮށް ކުށުގެ ދަރަޖަ މަތިނުކުރެވޭނެ ކަމަށެވެ.

ހަމްޒާގެ ވާހަކަފުޅަށް ދައުލަތުން ދެކޮޅުހަދައި ދައުލަތުގެ ވަކީލުން ބުނެފައިވަނީ ޚާއްޞަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގައި ޔޫސުފް ނައީމު އުޅުއްވުމަކީ އޭނާގެ އަދަބު ބޮޑުކުރަންޖެހޭ ސަބަބެއް ކަމަށެވެ. އަދި ޖޫރިމަނާއަށް އަދަބު ބަދަލުކުރުމަކީ ފައިސާވެރިން ކުށުން ސަލާމާތްވާން ބޭނުންކުރެވޭނެ ލުޔަކަށް ވެގެންނުވާނެ ކަމަށް ބުނެ ދައުލަތުގެ ވަކީލުން އެދުނީ ޔޫސުފް ނައީމުގެ މައްޗަށް ޖަލު ހުކުމް އިއްވުމާއެކު އަދަބުގެ ދަރަޖަ މަތިކުރުމަށެވެ.

މި ލިއުމާއި ގުޅޭ