Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

ތާރީޚީ އިތުރު މިސްކިތެއްގެ އާކިއޮލޮޖިކަލް ސާވޭއެއް ހަދަން އިންޑިއާ ކޯޓަކުން އަމުރުކޮށްފި

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ މަތޫރާގައި ހުންނަ 17 ވަނަ ޤަރުނުގައި އެޅި ޝާހީ އިދްގާ މިސްކިތުގެ އާކިއޮލޮޖިކަލް ސާވޭއެއް ހެދުމަށް އެ ސްޓޭޓުގެ ކޯޓަކުން އަމުރުކޮށްފިއެވެ.

އެ ކޯޓުން މި އަމުރު ނެރުނީ، ހިންދޫ ގުރޫޕަކުން އެ މިސްކިތް ބިނާކޮށްފައިހުރީ ހިންދޫ ދީނުގެ ކަލާނގެއެއްކަމަށް އެ މީހުން ދައުވާކުރާ ކްރިޝްނާ އުފަންވި ތަނުގައި ކަމަށް ބުނުމުންނެވެ. އެ މިސްކިތަކީ އާގްރާއާ 57 ކިލޯމީޓަރު ދުރުމިނުގައި ހުންނަ މިސްކިތެކެވެ.

ޖަނަވަރީ 2 ވަނަ ދުވަހުގެ ފަހުން އާކިއޮލޮޖިކަލް ސާވޭ ހެދުމަށް މަތޫރާގެ ކޯޓުންވަނީ އިންޑިއާގެ އާކިއޮލޮޖިކަލް ސާވޭގައި އެދިފައެވެ. އެ ސާވޭގެ ރިޕޯޓު ކޯޓަށް ހުށަހަޅަންޖެހެނީ އަންނަ ޖަނަވަރީ 20 ވަނަ ދުވަހުއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅީ ހަރުކަށި ހިންދޫ ފިކުރުގެ ޖަމާއަތެއްކަމަށް ހިންދޫ ސެނާގެ ލީޑަރު ވިޝްނޫ ގުޕްޓާއެވެ. އޭނާ އެދިފައިވަނީ ޝާހީ އިދްގާ މިސްކިތް ހުރި ބިމުގެ މިލްކުވެރިކަން ހިންދޫންނަށް ބަދަލުކޮށްދިނުމަށެވެ.

އެ މިސްކިތް ހުންނަނީ ހިންދޫ ފައްޅިއަކާ ޖެހިގެންނެވެ. އެ ފައްޅިއަކީ ކްރިޝްނާ އުފަންވިކަމަށް ހިންދޫން ދެކޭ ތަނެވެ. އެ މައްސަލާގައި ކޯޓުގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ.

ވިޝްނާ ގުޕްޓާ ހުށަހެޅި މައްސަލާގައި އޭނާ ދައުވާކުރަނީ އިދްގާ މިސްކިތް މުޣަލް ރަސްގެފާނު އޯރަންގްޒެބް ބިނާކުރެއްވީ ކުރިން އެތަނުގައި ހުރި ކްރިޝްނާ ފައްޅި ތަޅައިލުމަށްފަހުގައި ކަމަށެވެ. އަދި އެ ތަނަކީ ކްރިޝްނާ އުފަންވި ބިން ކަމަށެވެ.

މި ހުށަހެޅުމުގެ މައިގަނޑު މަޤުޞަދަކީ ޝާހީ އިދްގާ މިސްކިތާއި ސްރި ކްރިޝްނާ ޖަންމަސްތަން ސެވާ ސަންހްގެ މެދުގައި 1968 ވަނަ އަހަރު ހެދި އެއްބަސްވުމެއް ބާތިލުކުރުމެވެ.

އިސްލާމީ ބިނާތަކާއި މިސްކިތްތައް ހިންދޫ ދީނުގެ މުޤައްދަސް ބިންތަކުގައި ހުރި ތަންތަން ކަމަށް ބުނެ އެތަންތަން އަތުލަން ހިންދޫ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުން ކުރާ މަސައްކަތަކީ އިންޑިއާގެ މުސްލިމުން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެކެވެ.

އިންޑިއާގެެ އެކި ޝަހަރުތަކުގައި ހިންދޫ ޖަމާއަތްތަކުން އަންނަނީ އެކި ޝަހަރުތަކުގައި ހުރި މިސްކިތްތަކަކީ އެ ޖަމާއަތްތަކުގެ ތަންތަންކަމަށް ދައުވާކުރަމުންނެވެ.

މި ލިއުމާއި ގުޅޭ