ރަޝިޔާގެ ސައިބީރިއާ ސަރަހައްދުގެ ޝަހަރެއްކަމަށްވާ ކަމެރޯވްގައި ހުންނަ ދުވަސްވީ މީހުން ބަލަހައްޓާ ތަނެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 22 މީހަކު މަރުވެފައިވާކަމަށް ރައޝިޔާގެ އެމަޖެންސީ ސާވިސަސްއިން ބުނެފިއެވެ.
ރަޝިޔާގެ އަލިފާނުން ރައްކާތެރިވުމާ ގުޅޭ އިދާރާގެ މަސްއޫލުވެރިންނާ ހަވާލާދީ އެ ޤައުމުގެ ނޫސް އެޖެންސީ އާރްއައިއޭއިން ރިޕޯޓުކުރި ގޮތުގައި ރޯވި ހުޅުގަނޑުގައި އެ އިމާރާތުގެ ދެވަނަ ފަންގިފިލާ އެކީ އަދާފައިވެއެވެ. އެތަނަކީ ރަޖިސްޓަރީނުކޮށް ދުވަސްވީ މީހުން ބެލެހެއްޓުމުގެ މަސައްކަތްކުރަމުން އައި ތަނެކެވެ.
ވެރިރަށް މޮސްކޯގެ އިރުމަތިން 3،000 ކިލޯމީޓަރު ދުރުގައި އޮންނަ ކެމެރޯވޯގައި ހުރި ދެ ފަންގިފިލާގެ މި އިމާރާތުގައި ރޯވީ ހުކުރުދުވަހުއެވެ. އެ އަލިފާންގަނޑު ރޯވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހުޅުގަނޑު ހަންމަތަކޮށްފައިވެއެވެ.
އަމިއްލަ ފަރާތަކުން ހިންގި މި މަރުކަޒުގައި ދިރިއުޅުނީ ކިހާ މީހުންކަމެއް ނޭނގެއެވެ. އަދި އެ އަލިފާނުގެ ހާދިސާ ހިނގުމަށް މެދުވެރިވީ ސަބަބުވެސް ސާފުނުވެއެވެ.
މަސްއޫލުވެރިން ބުނެފައިވާ ގޮތުގައި ރަޝިޔާގެ އެކި ސަރަހައްދުގައި ގިނަ އަދަދަށް ރަޖިސްޓަރީނުކުރާ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތައް އެބަހުއްޓެވެ. އެތަންތަނަކީ ޤާނޫނީ ގޮތުން އަމިއްލަ ތަންތަންކަމަށްވާތީ އެ ތަންތަނުގެ އިންސްޕެކްޝަން ހެދުމަށް އޮންނަނީ ހުރަސްއެޅިފައެވެ.
އެހެންނަމަވެސް ބައެއް ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި މި އަލިފާނުގެ ހާދިސާއާ ގުޅިގެން މިފަދަ ހުރިހާ ތަނެއް އިންސްޕެކްޓުކޮށް ބަލައި ފާސްކުރުމަށް އެ ސަރަހައްދުގެ ގަވަރުނަރުވަނީ ނިންމަވާފައެވެ. "މިބާވަތުގެ ހުރިހާ މަރުކަޒެއް އަދި ޚާއްޞަކޮށް އަމިއްލަ ފަރާތްތަކުން ހިންގާ ހުރިހާ ތަނެއް ބަލައި ފާސްކުރާނަން. އެ އިންސްޕެކްޝަން ހަފުތާއެއް ތެރޭގައި ނިންމައިލެވޭނެ،" ޓެލެގުރާމު މެދުވެރިކޮށް ގަވަރުނަރު ވިދާޅުވިއެވެ.
ކެމެރޯވޯގައި 2018 ވަނަ އަހަރު މޯލެއްގައި އަލިފާން ރޯވެ 64 މީހަކު މަރުވެފައިވެއެވެ.