އިނގިރޭސިވިލާތުގެ ރާނީ، އެލިޒަބަތު ދެވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ދެކަނބަލުން އިނގިރޭސިވިލާތައް ކުރައްވާ ދަތުރުފުޅަށް އެއް މިލިއަން ރުފިޔާވެސް ޚަރަދު ނުވާނެކަމަށް މީގެކުރިން ސަރުކާރުން ބުނި ނަމަވެސް އެދަތުރުފުޅަށް 2.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.
ރައީސް އޮފީހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިހް ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅަށް ހަރަދުވާނެ ފައިސާއާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އޭރު ވިދާޅުވީ ރައީސް ޞާލިހް އިނގިރޭސި ވިލާތަށް ވަޑައިގަންނަވަނީ އެ ގައުމުގެ ސަރުކާރުގެ ދައުވަތަކަށް ކަމަށާއި އެ ދަތުރުގައި ބައިވެރިވާނީ އާންމުކޮށް ރައީސްގެ ދަތުރުތަކުގައި ބައިވެރިވެވަޑައިގަންނަވާ ޑެލިގޭޝަނަށްވުރެ ކުޑަ ވަފުދެއް ކަމަށާއި އެހެންކަމުން ދަތުރައް މިލިއަނެއްވެސް ޚަރަދު ނުވާނެކަމަށެވެ.
ރައީސް ޞާލިޙު ރާނީ އެލިޒަބަތުގެ ޖަނާޒާއަށް ވަޑައިގަތް ދަތުރުފުޅަށް ހިނގި ޚަރަދު އޮޅުންފިލުވުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ ދަށުން "ދިޔަރެސް"އިން ހުށަހަޅައި މައުލޫމާތު ހާމަކުރަންޖެހޭ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް އެ މައުލޫމާތު ހާމަކޮށްފައިނުވާތީ މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި "ދިޔަރެސް" އިން ވަނީ މި ދަތުރުފުޅަށް ކިތައް މިލިއަން ރުފިޔާ ޚަރަދުވިތޯއާއި އެ މައުލޫމާތު ހާމަނުކުރައްވައި ހިފަހައްޓަވަނީ ކީއްވެތޯ ސުވާލުކޮށްފައެވެ.
ނޫސްވެރިންގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގެ ތަރުޖަމާނު މި ނޫހަށް ދެއްވި ޖަވާބުގައިވާގޮތުން އެދަތުރުފުޅުގެ ޓިކެޓަށްއެކަނިވެސް 1.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި އެކޮމޮޑޭޝަންއަށް 6 ލައްކަ 12 ހާސް ޚަރަދުކޮށްފައިޥާއިރު ކެއުމަށް 1 ލައްކަ 31 ހާސް ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އެހެންކަމުން ރައީސްގެ އެ ދަތުރުފުޅަށް މުޅި ޖުމުލަ 2.4 މިލިއަން ރުދިޔާ ޚަރަދުވެފައިވެއެވެ.
މިލިއަނެއްވެސް ނާރާނެކަމަށް ރައީސް އޮފީހުން ބުނި ދަތުރަށް 2.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މި އަހަރު މުޅި ޖުމުލަ ދަތުރުކުރަން ސަރުކާރުން ބަޖެޓު ކުރިވަރަށްވުރެ 18 މިލިއަން ރުފިޔާއަށް ވުރެ ގިނައިން މިހާތަނަށް ޚަރަދުކޮށްފއިވާކަންވެސް ވަނީ ހާމަވެފައެވެ.
މުޅި މި އަހަރު ދަތުރުތަކަށް ޚަރަދު ކުރުމަށް ސަރުކާރުން ބަޖެޓުކޮށްފައިވަނީ ޖުމްލަ 203 މިލިއަން ރުފިޔާއެވެ. އެހެންކަމުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ބަޖެޓު ކުރިވަރަށް ވުރެ 18.2 މިލިއަން އިތުރަށް ދަތުރުތަކަށް ޚަރަދުކޮށްފައިވެއެވެ.
ކޮންމެ އަހަރުވެސް ސަރުކާރުން ދަތުރުތަކަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރެއެވެ. އެގޮތުން ފާއިތުވި އަހަރުވެސް ރައީސް ޞާލިހާއި ސަރުކާރުގެ އިސްވެރިން ވަނީ ގައުމުން ބޭރަށް ގިނަ ދަތުރުތަކެއް ކުރައްވާފައެވެ. މީގެ ކުރިން ރައީސް ޞާލިހް ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނަކީ ވަރަށް ގިނައިން ދަތުރުކުރާ ހިތްވާ ބޭފުޅެކެވެ.