Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަޤުޞާ މިސްކިތް

އިސްރާއީލުގެ އާބާދުވެރިން ޔަހޫދީ އީދެއް ފާހަގަކުރަން އަލްއަޤުޞާ މިސްކިތަށް ވަދެގަނެފި

ޔަހޫދީންގެ އީދެއްކަމަށްވާ ހަނޫކާ ފާހަގަކޮށް އިހުތިފާލުކުރުމަށް، ގިނަ އަދަދެއްގެ އިސްރާއީލު އާބާދުވެރިން، އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ އިރުމަތީ ޤުދުސްގައި ހުންނަ، އަލްއަޤުޞާ މިސްކިތަށް ވަދެފައިވާކަމަށް ފަލަސްޠީނުގެ އިދާރާއަކުން ބުނެފިއެވެ.

އުރުދުނުގައި ހިންގަމުން އަންނަ ޤުދުސްގެ އިސްލާމީ އައުޤާފް ޑިޕާޓުމެންޓުން ބުދަދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ އަލްއަޤުޞާ މިސްކިތުގެ އަލްމުޣާރްބާ ދޮރާށިން ފުލުހުންގެ ރައްކާތެރިކަމާއި ހިމާޔަތާއެކު 159 އިސްރާއީލު އާބާދުވެރިން އެ މިސްކިތަށް ވަދެގަނެފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުން އަލްއަޤުޞާ މިސްކިތަށް ވަން އިސްރާއީލު އާބާދުވެރިންގެ ތެރޭގައި އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ކަނާތުފިޔައިގެ ހަރުކަށި ޕާޓީ ޖިވިޝް ޕަވާ ޕާޓީގެ މެންބަރު ޒްވިކާ ފޮގެލް ހިމެނޭ ކަމަށެވެ.

ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން 8 ދުވަހަށް ޔަހޫދީން ފާހަގަކުރާ ހަނުކާއާ ގުޅިގެން އިސްރާއީލު މީހުން އަލްއަޤުޞާ މިސްކިތަށް ޖަމާވުމަށް ޔަހޫދީ ޖަމާއަތްތަކުން ގޮވާލާފައިވާކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

އަލްއަޤުޞާ މިސްކިތަކީ އިސްލާމްދީނުގައި ތިންވަނައަށް އެންމެ މުޤައްދިސް މިސްކިތެވެ. ޔަހޫދީން ދައުވާކުރާ ގޮތުގައި އަޤުޞާ މިސްކިތް ހުންނަ ތަނަކީ އިހު ޒަމާނުގައި ޔަހޫދީންގެ ދެ ފައްޅިއެއް ހުރި ތަނެކެވެ. އެމީހުން އެތަނަށް ކޔަނީ ޓެމްޕްލް މައުންޓްއެވެ.

އަޤުޞާ މިސްކިތް ހުންނަ އިރުމަތީ ޤުދުސް އިސްރާއީލުން އިސްތިއުމާރުކުރީ 1967 ވަނަ އަހަރުގެ އަރަބި އިސްރާއީލު ހަނގުރާމައިގެ ތެރެއިންނެވެ. އަދި 1980 ވަނަ އަހަރުގައި މުޅި ޤުދުސް އިސްރާއީލުން އެ ޤައުމުގެ ބައެއްކަމަށް ކަނޑައެޅިއެވެ. ނަމަވެސް ބައިނަލްއަޤުވާމީ މުޖުތަމައުން މިހާތަނަށް އެ ނިންމުން ބަލައިގަނެފައިނުވެއެވެ.

މި ލިއުމާއި ގުޅޭ