Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނޭޕާލް

ފަރަންސޭސި ސިލްސިލާ ޤާތިލު ޗާލްސް ސޮބްރާޖް ދޫކޮށް ޑިޕޯޓުކުރަން ނޭޕާލުގެ ކޯޓުން އަމުރުކޮށްފި

"ދަ ސާޕަންޓް"ގެ ނަމުން މަޝްހޫރުވެފައިވާ، 1970 އަދި 1980ގެ އަހަރުތަކުގައި އެތައް ބަޔަކު ޤަތުލުކުރިކަމަށް ތުހުމަތުވާ، ފަރަންސޭސި ސީރިއަލް ޤާތިލު މިނިވަންކޮށް ފަރަންސޭސިވިލާތަށް ޑީޕޯޓުކުރަން ނޭޕާލުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ނޭޕާލުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސަޕާނާ ޕްރަދާން މައްލާއާއި ޓިލް ޕްރަސާދް ޝްރެސްތާ ބުދަދުވަހުގައި ނެރުއްވި އަމުރެއްގައިވަނީ ފަރަންސޭސި ސިލްސިލާ ޤާތިލު (ސީރިއަލް ކިލާ) ޗާލްސް ސޮބްރާޖް ޖަލު ބަންދުން ވީއްލައި ފަރަންސޭސިވިލާތަށް އަނބުރާ ފޮނުވައިލުމަށެވެ. ސޮބްރާޖުވަނީ ނޭޕާލު ޖަލުގައި 19 އަހަރު ހޭދަކޮށްފައެވެ.

"އޭނާ [ސޮބްރާޖް] ޖަލުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވޭ. އަދި އޭނާ މިނިވަންކޮށް އަނބުރާ އޭނާގެ ޤައުމަށް ފަނަރަ ދުވަހުގެ ތެރޭގައި ފޮނުވަންޖެހޭކަމަށް ކޯޓުން ކަނޑައަޅާފައިވޭ،" ސުޕްރީމް ކޯޓުގެ ތަރުޖަމާން ބިމާލް ޕައުޑެލް ވިދާޅުވިއެވެ.

އުމުރުން 78 އަހަރުގެ ސޮބްރާޖަށް ތުހުމަތުވެފައިވަނީ އެކި ޤައުމުތަކުގައި ދަތުރުކުރަމުން ދިޔަ ޒުވާން 20 ފަތުރުވެރިންގެ ކެއުމަށް ނުވަތަ ބުއިމަށް ޒަހަރު ލައިގެން ޤަތުލުކުރި ކަމަށެވެ. އޭނާގެ މައްޗަށް ނޭޕާލު ކޯޓުން އިއްވި 20 އަހަރުގެ ހުކުމުގެ 19 އަހަރު ޖަލުގައި އޭނާ ހޭދަކޮށްފައިވެއެވެ.

ޖަލުން އޭނާ މިނިވަންކުރި ސަބަބުތަކުގެ ގޮތުގައި ކޯޓުން ފާހަގަކޮށްފައިވަނީ އޭނާގެ އުމުރާއި ސިއްހީ ހާލަތު ދަށްވުމެވެ.

ހުކުމުގައި ބުނި ގޮތުގައި ސޮބްރާޖަކީ ހިތުގެ ޚާއްޞަ އޮޕަރޭޝަނެއް ކުރަންޖެހިފައިވާ މީހެއްކަމަށާއި، އޭނާ ޖަލުން ވީއްލުމަކީ އެނދުމަތިވެފައިވާ ބަލި ޤައިދީން ބަންދުގައި ހުކުމުގެ މުއްދަތުގެ ހަތަރު ބައިކުޅަ އެއްބައި ތަންފީޒުކޮށް ނިމުމުން ދޫކުރުން ހުއްދަކުރާ ޤާނޫނީ އުސޫލުގެ މަތިން ކުރެވޭ ކަމެއް ކަމަށެވެ.

2017 ވަނަ އަހަރުގައި ސޮބްރާޖުވަނީ ހިތުގެ އޮޕަރޭޝަނެއް ހަދާފައެވެ. ހުކުމުގައި ބަޔާންކޮށްފައިވަނީ އެއިރުން ފެށިގެން ސޮބްރާޖަށް ދާއިމީ ގޮތެއްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ސޮބްރާޖަށް "ދަ ސާޕެންޓް" ނުވަތަ ހަރުފައިގެ ލަޤަބު ހަރުކުރި ސަބަބަކީ 1980ގެ އަހަރުތަކުގައި އިންޑިއާގެ ކޯޓަކުން އޭނާގެ މައްޗަށް އިއްވި 21 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިއުމަށްފަހު ޝަޚުޞު އޮޅުވާލައިގެން ޖަލުން ސަލާމަތްވުމާ ގުޅިގެންނެވެ.

ޒަހަރު ދިނުމަށްފަހު ސޮބްރާޖުވަނީ އޭނާގެ ޝިކާރައަށްވާ މީހުންނަށް އަނިޔާކޮށް ދަންޖައްސައި އެމީހުންގެ ހަށިތައް އަންދައި ބޮޑެތި އަނިޔާތައް ދީފައެވެ. އަދި އޭނާ މަރާލި ފިރިހެނުންގެ ޕާސްޕޯޓުތައް ދަތުރުކުރުމަށް ބޭނުންކުރިއެވެ.

1970 ވަނަ އަހަރުގައި ތައިލޭންޑުގައި ހަ އަންހެނުން ޤަތުލުކުރި ކުރުމާ ގުޅިގެން އެ ޤައުމުގައި އޭނާ މަޝްހޫރުވެފައިވަނީ "ބިކިނީ ކިލާ"ގެ ނަމުގައެވެ. ތައިލޭންޑުގެ ޕައްޓަޔާ ގޮނޑުދޮށުގައި އޭނާ މެރި ހަ އަންހެނުންނަކީވެސް ބިކިނީ ލައިގެން ތިބި އަންހެނުންނެވެ.

ބީބީސީއާއި ނެޓްފްލިކްސް ގުޅިގެން އޭނާގެ ޖަރީމާތައް ޑްރާމާއެއްގެ ގޮތުގައި "ދަ ސާޕެންޓް"ގެ ނަމުގައި ޓީވީ ސިލްސިލާއެއް ޕްރޮޑިއުސްކުރިއެވެ.

މި ލިއުމާއި ގުޅޭ