ވޯލްޑް ކަޕުން ކެޓުމުން ގިނަ ކުޅުންތެރިންތަކެއް ވަނީ ޗުއްޓީގައި އެކި ގައުމުތަކަށް ގޮސްފަ އެވެ. ދުނިޔޭގެ މަޝްހޫރު ތަރިން ވޯލްޑް ކަޕަށް ފަހު ޗުއްޓީ ހޭދަކުރި އެއް މަންޒިލަކީ ރާއްޖެ އެވެ. އެކަމަކު ވޯލްޑް ކަޕްގައި ތަފާތު މޮޅު ކުޅުމެއް ދެއްކުމަށް ފަހު އެމްބާޕޭ އެނބުރި ފްރާންސަށް ގޮސް އެންމެ ތިން ދުވަސްތެރޭ ވަނީ ކްލަބުގެ ޕްރެކްޓިހަށް ނުކުމެފަ އެވެ.
އެމްބާޕޭ އިއްޔެ ޕީއެސްޖީގެ ޕްރެކްޓިހަށް ދިޔަ މަންޒަރުތައް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ހޯމަ ދުވަހު އެނބުރި ފްރާންސަށް ގޮސް އަންގާރަ ދުވަހު އެމްބާޕޭ ފާހަގަކުރީ އޭނާގެ 24 ވަނަ އުފަން ދުވަހެވެ. ޖެހިގެން އައި ދުވަހު ލަސްނުކޮށް ޕީއެސްޖީގެ ފަރިތަކުރުންތަކާ ގުޅުމުން އެމްބާޕޭ އަށް އަންނަނީ ތައުރީފް އޮހެމުންނެވެ.
ވޯލްޑް ކަޕްގެ ފައިނަލަށް ފްރާންސް ދަތުރު ކުރިއިރު އެމްބާޕޭ މޮޅު ކުޅުމެއް ދެއްކި އެވެ. މުބާރާތުގައި އަށް ގޯލު ޖަހައި ރަން ބޫޓު ހޯދިއިރު ފައިނަލުގައި ހެޓްރިކް ހެދި އެވެ. އެމްބާޕޭ ވެފައިވަނީ ވޯލްޑް ކަޕްގެ ފައިނަލެއްގައި ހެޓްރިކް ހެދި ދެވަނަ ކުޅުންތެރިޔާއަށެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ވެސް އެމްބާޕޭ ގޯލު ޖެހި އެވެ. ދެ ފައިނަލުގައި ޖެހި ހަތަރު ގޯލާ އެކު ވޯލްޑް ކަޕްގެ ތާރީހުގައި ފައިނަލްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ މިހާރު އެމްބާޕޭ އެވެ.
ވޯލްޑް ކަޕް ފައިނަލުގައި ވާދަކުރި ޕީއެސްޖީ ޓީމުގައި ހިމެނޭ އެހެން ކުޅުންތެރިން އަދި ޓީމާ ނުގުޅެ އެވެ. އޭގެތެރެއިން އެއް ކުޅުންތެރިޔަކީ ލިއޮނެލް މެސީ އެވެ. އާޖެންޓީނާގެ ރައްޔިތުންނާ އެކު ވޯލްޑް ކަޕްގެ ކާމިޔާބީ ފާހަގަކުރުމަށް މެސީ މިވަގުތު ހުރީ އެގައުމުގަ އެވެ.
ފީފާ ވޯލްޑް ކަޕަށް ކްލަބް ފުޓްބޯޅަ މެދުކަނޑާލިއިރު ޕީއެސްޖީ އޮތީ ފަސް ޕޮއިންޓުގެ ލީޑަކާ އެކު ލީގުގެ އެއްވަނައިގަ އެވެ. ލީގުގެ ކުޅުން ޕީއެސްޖީ އަލުން ފަށާނީ އަންނަ ހަފްތާގެ ބުދަ ދުވަހު އެވެ. އެދުވަހު ޕީއެސްޖީ ނުކުންނާނީ ސްޓްރާސްބާގާ ދެކޮޅަށެވެ.