އާޖެންޓީނާގެ ޓީމުގައި މޮޅު ކުޅުމެއް ދައްކައި ހޫލިއަން އަލްވަރޭޒް ދުނިޔޭގެ ޗެމްޕިއަނަކަށް ވުމަކީ އޭނާ އަށް ލިބުނު ބޮޑު އުފަލެއް ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މިދިޔަ އާދީއްތަ ދުވަހު އާޖެންޓީނާ އިން ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ތިންވަނަ ފަހަރު ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-2 އިން ފްރާންސް ބަލިކޮށްގެންނެވެ. ޗެމްޕިއަން އާޖެންޓީނާ ޓީމުގައި ހިމެނޭ ސިޓީގެ ހަމައެކަނި ކުޅުންތެރިއަކީ ފޯވާޑް އަލްވަރޭޒް އެވެ.
އަލްވަރޭޒް ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި ހަތަރު ގޯލު ޖަހައިފަ އެވެ. އޭގެތެރޭގައި ސެމީ ފައިނަލުގައި ކްރޮއޭޝިއާ ކޮޅަށް ޖެހި ދެ ގޯލު ހިމެނެ އެވެ.
"އަހަރެމެން މިތިބީ ވަރަށް ފަހުރުވެރިވެފަ. އަލްވަރޭޒް ގިނަ މެޗުތަކެއް ކުޅުނު. އޭނާގެ އެއްބާރުލުން ޓީމަށް ލިބުނީ ވަރަށް ފުރިހަމަކޮށް" 22 އަހަރުގެ ފޯވާޑާ ގުޅޭގޮތުން ގާޑިއޯލާ ބުންޏެވެ.
ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އަލްވަރޭޒް ކުޅެން އެރީ ބެންޗުންނެވެ. އެކަމަކު މެޗަކަށް ފަހު މެޗެއްގައި ކުޅުން ރަނގަޅު ކުރަމުން އައިސް އަލްވަރޭޒް ވަނީ ފަހު މެޗުތަކުގެ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.
ޓީމާ އެކު އުފާފާޅުކުރަން އަލްވަރޭޒް މިހާރު ހުރީ އާޖެންޓީނާގަ އެވެ. ގާޑިއޯލާ ވަނީ އަލްވަރޭޒްގެ ކާމިޔާބީ ފާހަގަކުރުމުގެ އިތުރުން، އޭނާގެ ކޯޗުކަމުގައި ކުރިން ސިޓީ އަށް ކުޅުނު ނިކޮލަސް އޮޓަމެންޑީ އާއި ބާސެލޯނާގައި ގާޑިއޯލާ ހޯދި ކާމިޔާބީ ތަކުގައި މުހިއްމު ދައުރެއް އަދާކުރި ލިއޮނެލް މެސީ އަށް ވެސް މަރުހަބާ ކިޔައިފަ އެވެ.
"ސިޓީގައި މިވަގުތު ދުނިޔޭގެ ޗެމްޕިއަނެއް އެބަހުރި. އެއީ ވަރަށް އުފާވާކަމެއް. އަލްވަރޭޒްއާ އެކު އޮޓަމެންޑީ އާއި މެސީ އަދި އާޖެންޓީނާ އަށް މަރުހަބާ ކިޔަން. އާޖެންޓީނާ އަށް ޗެމްޕިއަންކަން ހައްގު" އަލްވަރޭޒް ސިޓީ އަށް ގެނައި ކޯޗު ބުންޏެވެ.
ވޯލްޑް ކަޕަށް ކްލަބް ފުޓްބޯޅަ މެދުކަނޑާލުމަށް ފަހު އިނގިރޭސި ލީގު ކަޕްގެ ކުޅުން މިހާރު ވަނީ ފަށައިފަ އެވެ. ލީގު ކަޕްގައި މާދަމާ ރޭ ސިޓީ ނުކުންނާނީ ލިވަޕޫލްއާ ދެކޮޅަށެވެ.
ވޯލްޑް ކަޕްގައި ސިޓީގެ 16 ކުޅުންތެރިން ވަނީ ގައުމީ ޓީމު ތަމްސީލުކޮށްފަ އެވެ. އެޓީމުގެ ނޭތަން އަކޭ އާއި މަނުއެލް އަކާންޖީ އަދި ރޮޑްރީ އާއި އައިމެރިކް ލަޕޯޓް މި ހަފްތާގެ ކުރީކޮޅު ވަނީ ސިޓީއާ ގުޅިފަ އެވެ. މީގެ އިތުރުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ އާއި ޖަރުމަނުގެ އިލްކާއީ ގުންޑޮގާން މިހާރު ވަނީ ޓީމާ ގުޅިފަ އެވެ. އަދި ޗުއްޓީ އަށް ފަހު ފޯވާޑް އާލިން ބްރައުޓް ހާލަންޑާއި ރިޔާދް މާރޭޒް ވެސް މިހާރު އަންނަނީ ސިޓީއާ އެކު ފަރިތަކުރަމުންނެވެ.