Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޝުއަރެންސް ނެގުމުގައި ފިތްކަނޑައިގެންދާ ވަރުގެ ބޮޑު ކޮރަޕްޝަން

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ މަހުޖޫބު ޝުޖާ، ފޮޓޯ: ޕީސީބީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޝުއަރެންސް ނެގުމުގައި ފިތްކަނޑައިގެންދާވަރުގެ ބޮޑު ޚިޔާނާތުގެ އަމަލެއް ހިންގާފައިވާކަން ފަޅާއަރައިފިއެވެ.

މި ޚިޔާނާތާ ގުޅޭ ތަފުސީލީ ލިޔެކިޔުންތައް "ދިޔަރެސް"އަށް ވަނީ ލިބިފައެވެ. މި ލިޔެކިޔުންތަކަށް ބަލާއިރު މުޅި ޚިޔާނާތް ހިންގާފައިވަނީ އިންޑިއާގެ ކުންފުންޏަކަށް ލިބެންނުޖެހޭ ނާޖާއިޒު މަންފާތަކެއް ހޯދައިދިނުމުގެ ބޭނުމުގައެވެ. އެ ކޮރަޕްޝަން ހިންގާފައިވަނީ ދައުލަތުގެ ބޮޑު ދެ ކުންފުނިކަމަށްވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާއި އެލައިޑް އިންޝުއަރޭންސް ބައިވެރިވެގެންކަން ލިޔެކިޔުންތަކުން ފެނެއެވެ.

ބީލަން އިއުލާނުކުރުމަށްފަހު ކެންސަލްކުރުން

"ދިޔަރެސް"އަށް ލިބިފައިވާ ލިޔުންތަކަށް ބަލާއިރު 2023 ވަނަ އަހަރަށާއި 2024 ވަނަ އަހަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްސް ކުންފުނީގެ އިންޝުއަރެންސް ކަންކަން ބަލަހައްޓާނެ ކުންފުންޏެއް ހޯދުމަށް އިއުލާނުކުރުމުން 10 ކުންފުންޏަކުން އެކަމަށް ޝައުޤުވެރިކަން ފާޅުކޮށް ކުރިމަތިލިއެވެ. ކުރިމަތިލީ ކުންފުނިތަކުގެ ތެރޭގައި މީގެ ކުރިންވެސް ވީއައިއޭގެ އިންޝުއަރެންސް ކަންކަން މެނޭޖުކުރި ކުންފުނިތައް ހިމެނެއެވެ.

ހަތަރު ބާވަތެއްގެ އިންޝުއަރެންސް ފޯރުކޮށްދިނުމަށް އަގު ހުށަހަޅަން ހުޅުވާލާފައިވާއިރު 4 ކުންފުންޏަކުން އޯލް ރިސްކަސް އެންޑް ބިޒްނަސް އިންޓްރަޕްޝަން އިންޝުއަރެންސް ފޯރުކޮށްދޭން އަގު ހުށަހެޅިއެވެ. ފަސް ފަރާތަކުން އެއާޕޯޓު އޭވިއޭޝަން ލައިބިލިޓީ އިންޝުއަރޭންސް ފޯރުކޮށްދިނުމަށް އަގު ހުށަހަޅާފައިވެއެވެ. އަދި ޓެރަރިޒަމް އިންޝުއަރޭންސް ފޯރުކޮށްދިނުމަށް 4 ފަރާތަކުން އަގު ހުށަހަޅާފައިވާއިރު 3 ފަރާތަކުންވަނީ ސައިބާ އިންޝުއަރޭންސް ފޯރުކޮށްދިނުމަށް އަގުހުށަހަޅާފައެވެ. އެއިން އެއްވެސް ދާއިރާއަކުން އިންޝުއަރޭންސް ފޯރުކޮށްދިނުމަށް އެލައިޑުން އަގު ހުށަހަޅާފައި ނެތެވެ.

ކުންފުނިތަކުން ބީލަން ހުށަހަޅައި އަގުތައް ހުށަހަޅާފައިވަނިކޮށް އެމްއޭސީއެލުން ބީލަން ކަރުދާހުގެ 10.10 ވަނަ މާއްދާއިން އެމްއޭސީއެލަށް ބީލަން ބާތިލުކުރުމަށް ލިބިދޭ އިޚުތިޔާރުގެ ބޭނުން ހިފައިގެން މުޅި ޓެންޑާ މަރުހަލާ ހުއްޓުމަކަށް ގެނައެވެ. ޓެންޑާއަށް ކުރިމަތިލި ފަރާތްތަކަށް އެކަން އަންގާފައިވަނީ 12 ޑިސެންބަރު 2022 ވަނަ ދުވަހުއެވެ.

ޓެންޑާ ހުއްޓާލައި އެލައިޑަށް އިންޝުއަރެންސް މަސައްކަތް ދިނުން

އެ ހިސާބުން އެމްއޭސީއެލުން ޓެންޑާ މަސައްކަތް ހުއްޓައިލިއެވެ. އަދި އެލައިޑާއެކު މަޝްވަރާތަކެއް ބާއްވައި ބައްދަލުވުންތަކެއް ކުރިއަށްގެންދިޔައެވެ. ޓެންޑާ ބާތިލުކުރިތާ އެއް ދުވަސްފަހުން ޑިސެންބަރު 13 ވަނަ ދުވަހު އެމްއޭސީއެލުންވަނީ އިންޝުއަރެންސްގެ މަސައްކަތް އެލައިޑާ ހަވާލުކުރިކަން އަންގައި "ލެޓާ އޮފް އެޕޮއިންޓެމެންޓް"އެއް ފޮނުވާފައި ވެއެވެ. އެ ސިޓީއިންވެސް ޓެންޑާ ބާތިލުކޮށް އެލައިޑްއާ މަސައްކަތް ހަވާލުކުރުމުގެ ކުރިން ދެ ކުންފުނީގެ މެދުގައި ބައްދަލުވުންތަކެއް ހިނގިކަން އެނގެއެވެ.

މި ބައްދަލުވުންތަކަށްފަހު އެމްއޭސީއެލުން ނިންމީ ބީލަމަށް އަގު ހުށަހަޅާފައިނުވާ އެލައިޑަށް ހުރިހާ ބާވަތެއްގެ އިންޝުއަރެންސް ހަވާލުކުރުމަށެވެ. އަދި އެ ސިޓީގައި ބުނެފައިވާ ގޮތުން އެހެން އިންޝުއަރެންސް ކުންފުނިތައް މެދުވެރިކޮށް ރީ އިންޝުއަރެންސް އަދި އިންޝުއަރެންސްގެ ޚިދުމަތް ހޯދުމުގެ ބާރު އެލައިޑަށް އޮންނާނެއެވެ.

ނަން ނުޖެހުން ޝަރުތުކޮށް "ދިޔަރެސް"އަށް މިކަން ހިނގައިދިޔަ ގޮތް އެނގިވަޑައިގަންނަވާ ބޭފުޅަކު މައުލޫމާތު ދެއްވި ގޮތުގައި ބީލަމުގައި ރަޖިސްޓަރީވުމަށްފަހު އެލައިޑުން އަގު ހުށަނާޅައި ބީލަމާއި ޓެންޑާގެ އުސޫލުތަކުގެ ބޭރުން މި މަޝްރޫޢު ހޯދީ އެމްއޭސީއެލްގެ މެނޭޖިން ޑިރެެކްޓާ މަހުޖޫބު ޝުޖާއާ ހެދި ޑީލެއްގެ ތެރެއިންނެވެ. ޓެންޑާ އެކީ ބާތިލުކޮށް އިއުލާނުކުރުމެއް ނެތި އެލައިޑަށް މަސައްކަތް ހަވާލުކުރުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވީވެސް އޭނާއެވެ.

"ދިޔަރެސް"އަށް މައުލޫމާތު ދެއްވި މިކަމާ ގުޅޭ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި އެއާޕޯޓަކީ އެތައް ބިލިއަން ޑޮލަރުގެ އަގުހުރި އެސެޓަކަށްވާތީ ރާއްޖޭގެ އެއްވެސް އިންޝުއަރެންސް ކުންފުންޏަކަށް ބޭނުންވާ މިންވަރަށް އަމިއްލައަށް ރީއިންޝުއަރެންސް ހަމަނުޖެއްސެއެވެ. އެހެންކަމުން ކުރިންވެސް އެކަން ކުންފުނިތަކުން ހަމަޖައްސަނީ ބޭރުގެ ބޮޑެތި އިންޝުއަރޭންސް ބްރޯކަރުން މެދުވެރިކޮށެވެ.

އާންމު ގޮތެއްގައި މިފަދަ ބޮޑެތި އިންޝުއަރޭންސް ފޯރުކޮށްދެނީ މާރޝް އަދި ލޮކްޓޮން ކޮމްޕެނީޒް އެލްއެލްޕީ ފަދަ މި ދާއިރާގެ ބޮޑެތި ވަރުގަދަ ބޭރުގެ އިންޝުއަރެންސް ބްރޯކަރުންނާ ގުޅިގެންނެވެ. މި ދެ ކުންފުންޏަކީ ޒަމާނުއްސުރެ ދިވެހި އިންޝުއަރޭންސް ކުންފުނިތަކާ ޑައިރެކްޓް ކޮންޓެކްޓް އޮތް ކުންފުނިތަކެވެ. އެލައިޑާވެސް އެ ކުންފުނިތަކާ ސީދާ ގުޅުން އޮންނަކަން އެލައިޑުގެ ކުރީގެ އިސްވެރިއެއް "ދިޔަރެސް"އަށް ކަށަވަރުކޮށްދެއްވިއެވެ.

އިންޑިއާ ކުންފުންޏެއް މެދުވެރިކޮށް ކޮރަޕްޝަން ހިންގުން

މިފަދަ ބޮޑެތި އިންޝުއަރެންސްގެ މަސައްކަތްތަކުގައި ދިވެހި ކުންފުނިތަކުން އާންމުކޮށް މުއާމަލާތްކޮށް ގުޅުން ޤާއިމުކޮށްފައިވާ ލޮކްޓޮން ކުންފުންޏާ ސީދާ މުއާމަލާތްކުރުމުގެ ފުރުސަތު އޮވެމެ، އެލައިޑުންވަނީ ތިންވަނަ ފަރާތެއް މި މުއާމަލާތުގެ ތެރެއަށް ވައްދާފައެވެ.

އެލައިޑަށް އިންޝުއަރޭންސްގެ މަސައްކަތް ހަވާލުކުރިކަން އެމްއޭސީއެލުން އެންގި ދުވަސްކަމަށްވާ ޑިސެންބަރު 13 ވަނަ ދުވަހުގައި އިންޑިއާގެ ޖޭބީ ބޯޑާ އިންޝުއަރޭންސް އެންޑް ރީއިންޝުއަރޭންސް ބްރޯކާޒް ޕވޓ ލޓޑ ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށް ލޮކްޓައުން އިންޝުއަރޭންސްއާއި ރީއިންޝުއަރޭންސް ބްރޯކަރެއްގެ ގޮތުގައި އައްޔަންކުރިއެވެ.

ޓެންޑާ ބާތިލުކުރިކަން އެންގިތާ އެއް ދުވަސްފަހުން އެލައިޑާ އިންޝުއަރޭންސްގެ މަސައްކަތް ހަވާލުކޮށް ހަމަ އެ ދުވަހު ޖޭބީ ބޯޑާ މެދުވެރިކޮށް ލޮކްޓްއުން އައްޔަންކުރުމުން މިހުރިހާ ކަމެއް ހިނގާފައިވަނީ ރޭވިގެންކަން އެނގޭކަމަށް މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.

އަދި ލޮކްޓައުނަކީ ދިވެހި އިންޝުއަރޭންސް ކުންފުނިތަކުން އިތުރު މެދުވެރިއަކާ ނުލައި ސީދާ މުއާމަލާތްކުރާ ކުންފުންޏެއްކަން އެމްއޭސީއެލްއަށްވެސް އެނގޭނެއެވެ. ސަބަބަކީ ކުރިން އެ ކުންފުންޏަށް އިންޝުއަރެންސް ޚިދުމަތް ދިން ދިވެހި ކުންފުނިތަކުން މެދުވެރިއެއް ނެތި ލޮކްޓައުން އިންޝުއަރޭންސް އަދި ރިއިންޝުއަރޭންސް ބްރޯކާއަކަށް އައްޔަންކޮށްފައިވުމެވެ.

މި މައްސަލައިގެ މައުލޫމާތު އެނގޭ ފަރާތަކުން މައްސަލައިގެ ހުރިހާ ލިޔެކިޔުންތަކާއެކު ވަނީ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަނަށްވަނީ ހުށަހަޅާފައެވެ.

އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި، ސީދާ ލޮކްޓައުނާ މުއާމަލާތްނުކޮށް އިތުރު ފަރާތެއް މެދުވެރިކުރުމުން ލިބޭ ގެއްލުމަށްވެސް ރިއާޔަތްނުކޮށް އިންޝުއަރެންސްގެ މަސައްކަތް އެލައިޑާ ހަވާލުކުރީ ކޮރަޕްޝަނުގެ ތެރެއިންކަމަށް ތުހުމަތުވެއެވެ.

މި ލިއުމާއި ގުޅޭ