ފައިސާ ޗާޕުކުރުން ހުއްޓާލުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު އައިއެމްއެފް އިން ދިވެހި ސަރުކާރަށް އަންގައިފިއެވެ.
އައިއެމްއެފްގެ ޗާޓަރާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހި ސަރުކާރާއެކު ހަދަންޖެހޭ އެގްޒެކެޓިވް ބޯޑުގެ ކޮންސަލްޓޭޝަން ނިންމައި މިއަދު އެ އިދާރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ބަޔާނުގައި އައިއެމްއެފް އިން ވަނީ ފައިސާ ޗާޕުކުރުން ނިމުމަކަށް ގެނައުމަށް ސަރުކާރަށް ގޮވާލާފައެވެ.
މިގޮތުން އިންފްލޭޝަން ކޮންޓްރޯލް ކުރުމަށާއި، ފައިސާގެ އަގު ދަށްވެ ނުދީ ހިފެހެއްޓުމަށް ސަރުކާރުން މަރުކަޒީ ބޭންކުން ފައިސާ އޯވާ ޑްރޯ ކުރުން ހުއްޓާލަންޖެހޭ ކަމަށް އައިއެމްއެފުން ބުނެފައިވެއެވެ. އަދި އިންފްލޭޝަންގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުން ހުއްޓުވުމަށް މަނިޓަރީ ސިޔާސަތު ހަރުދަނާ ކުރުމަށް މަރުކަޒީ ބޭންކުން ތައްޔާރުވާން ޖެހޭނެކަން އައިއެމްއެފް އިން ފާހަގަކޮށްފައިވެއެވެ.
ސަރުކާރުން އަންނަނީ 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ފައިސާ ޗާޕުކުރަމުންނެވެ. މަރުކަޒީ ބޭންކުން އިޤްތިސާދުގެ ތެރެއަށް އެންމެ ފުރަތަމަ މިގޮތަށް ފައިސާ ބޭރު ކުރިއިރު ސަރުކާރުން ބުނީ އެއް އަހަރު ތެރޭ އެ ފައިސާ އަލުން ދައްކާނެ ކަމަށެވެ. އެހެން ނަމަވެސް އެއް އަހަރު ފަހުން އަނެއްކާވެސް ސަރުކާރުން ވަނީ ފައިސާ އިތުރަށް ޗާޕުކޮށްފައެވެ. އަދި އެމްއެމްއޭ އިން އެ ފައިސާ އަލުން ދައްކަންވާނެ ކަމަށް ބުނުމުން ސަރުކާރުން ވަނީ އެމްއެމްއޭއިން އެ ފައިސާ މާފުކޮށްދޭން އެދިފައެވެ.
ސަރުކާރުން ފައިސާ ޗާޕު ކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ހިފަހައްޓަން ސަރުކާރުގެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ބޭނުން ކުރަން ޖެހުނެވެ. ފާއިތުވި އޮކްޓޯބަރު މަހުގެ ނިޔަލަށް ރިޒާވްގައި ހުރީ 105 މިލިއަން ޑޮލަރެވެ.
ރިޒާވް ހުސްވެ ރާއްޖެ ތެލަށާއި ކާބޯތަކެއްޗަށް ޖެހިދާނެ ކަމުގެ ބިރު ހީވުމުން ނޮވެމްބަރު މަސް ތެރޭގައި ސަރުކާރުން ވަނީ އިންޑިއާއިން 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައެވެ.