ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲގެ އަނބިކަނބަލުން ފާޠިމަތު ޔުމްނާ ޕީއެޗްޑީއަށް ކިޔަވާވިދާޅުވާން ރާއްޖެއިން ބޭރަށް ވަޑައިގަތުމުން އޭނާގެ ދިރިއުޅުމުގެ ޚަރަދުތައް ސަރުކާރުން ހަމަޖައްސައިދީފިއެވެ.
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ނައިބުވަޒީރުކަމުގެ މަޤާމުގައި ހުންނެވި ޔުމްނާ މިހާރު ޕީއެޗްޑީއަށް ކިޔަވައިވިދާޅުވަނީ ތައިލޭންޑުގައެވެ. ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މަޤާމުތަކުގައި ތިއްބަވައިގެން ބޭރަށް ކިޔަވައިވިދާޅުވުމަށް ވަޑައިނުގެންނެވެއެވެ. އެހެންކަމުން މަޤާމުން ވަކިވެވަޑައިގެން ޔުމްނާވަނީ ދިރިއުޅުއްވުން ތައިލޭންޑަށް ބަދަލުކުރައްވާފައެވެ.
ޔުމްނާ ތައިލޭންޑަށް ދިރިއުޅުއްވުން ބަދަލުކުރުމާއެކު ކުރިން ހުންނެވި މަޤާމުން ވަކިވެވަޑައިގަތުމުން އޭނާއަށް ޖެންޑާ މިނިސްޓްރީންވަނީ މަޤާމެއް އުފައްދާފައެވެ. އެގޮތުން އެ މިނިސްޓްރީގެ ކޮންސަލްޓޭންޓެއްގެ މަޤާމަށް ޔުމްނާ ހަމަޖައްސައި ތައިލޭންޑުގައި ދިރިއުޅުއްވޭނެ ވަރުގެ އާމްދަނީއެއް ދައުލަތުގެ ފައިސާއިން ޔުމްނާއަށް ދެމުން އަންނަކަމަށް ރައީސް އޮފީހުގެ އިސްވެރިޔަކު ނަން ނުޖެހުން ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދިނެވެ.
ތައިލެންޑުގައި ދިރިއުޅުއްވާ ޔުމްނާއަށް ކޮންސަލްޓެންޓެއްގެ މަޤާމު ހަމަޖައްސައިދިން ސަބަބަކީ އިމްރާނު ރުއްސުމާއެކު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަހަތްޕުޅުގައި އިމްރާނާއި އޭނާގެ ޕާޓީ އޮންނާނެކަން ކަށަވަރުކުރުންކަމަށް ނަން ނުޖެހުން ޝަރުތުކޮށް "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ރައީސް އޮފީހުގެ އިސްވެރިޔަކު ވިދާޅުވިއެވެ.
ޔުމްނާއަށް ޖެންޑާ މިނިސްޓްރީގެ ކޮންސަލްޓެންޓުގެ ވަޒީފާ ހަމަޖައްސައިދީފައިވާކަން ކަށަވަރުކުރުމަށް ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކާ "ދިޔަރެސް" ނޫހުން ސުވާލުކުރުމުން އެކަން ބައްލަވައިލެއްވުމަށްފަހު ޖަވާބުދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް ފަހުން އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ދެއްވާފައިނުވެއެވެ.
ނޯޓު: މި ޚަބަރު ޝާއިއުކުރިތާ އެތައް ގަޑިއިރެއް ފަހުން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލެއް ވިދާޅުވީ އެ މިނިސްޓްރީން ތައްޔާރުކުރަމުންދާ ޖެންޑާ މެނުއަލެއް އެކުލަވައިލުމުގެ މަސައްކަތަށް ކޮންސަލްޓެންޓެއްގެ ގޮތުގައި ޔުމްނާއަށް ވަޒީފާ ދީފައިވާ ކަމަށެވެ. އަދި މިނިސްޓްރީއާ ގުޅިގެން އެސްކެޕްއިން ހިންގާ މަޝްރޫޢެއްގައި އެސްކެޕްއިން މުސާރަ ދޭ ގޮތަށް ކޮންސަލްޓެންޓެއްގެ މަޤާމު ޔުމްނާ އަދާކުރައްވާ ކަމަށެވެ.