ރާއްޖޭގެ އިޤުތިޞާދު ކުރިއަރަމުން އައި ނަމަވެސް އިޤުތިޞާދު ދަށަށް ދިއުމަށް މެދުވެރިވެދާނެ ހިރާސްތައް ގިނަކަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ފާހަގަކޮށްފިއެވެ.
އައިއެމްއެފްގެ ޗާޓަރާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހި ސަރުކާރާއެކު ހަދަންޖެހޭ އެގްޒެކެޓިވް ބޯޑުގެ ކޮންސަލްޓޭޝަން ނިންމައި މިއަދު އެ އިދާރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ބުނެފައިވަނީ ރާއްޖޭގެ އިޤުތިޞާދު ދަށްވުމަށް މެދުވެރިވެދާނެ ހިރާސްތައް އިޤުތިޞާދު އަންދާޒާކުރާ މިންވަރަށްވުރެ ރަނގަޅުވުމަށް މެދުވެރިވެދާނެ ސަބަބުތަކަށްވުރެ ގިނަ ކަމަށެވެ.
އެގޮތުން ކޮވިޑުގެ ވަބާއިން ރާއްޖޭގެ އިޤުތިޞާދު ހަލުއިކަމާއެކު އަރައިގަތީ އަވަހަށް ވެކްސިން ދިނުމާއި ސަރުކާރުން ލިބުނު އެހީތެރިކަމާއި ފަތުރުވެރިކަން އަވަހަށް ކޮޅަށްޖެހުމުގެ ސަބަބުންކަމަށް އައިއެމްއެފުން ފާހަގަކުރިއެވެ.
އެހެންނަމަވެސް ބޭރުން ކުރިމަތިވާ ހިރާސްތަކާއި މާލީ ގޮތުން ރާއްޖެއަށް ހުރި ނުރައްކާތައް ވަރަށް ބޮޑަށް އެބަހުރިކަން އެ އިދާރާއިން ފާހަގަކުރެއެވެ. އަދި ރާއްޖޭގެ އިޤުތިޞާދީ ކުރިމަގަށް ބަލާއިރު އެންމެ ބޮޑު ނުރައްކާތަކެއްކަމަށް ފާހަގަކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު ބައެއް ބާޒާރުތަކުގެ އިޤުތިޞާދުތައް މަޑުޖެހުމާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމާއި، ބައިނަލްއަޤުވާމީ މާލީ ބާޒާރުގެ ދަތިކަމެވެ.
މިކަންކަމަށް ރިއާޔަތްކޮށް ޝާމިލު އިސްލާހުތަކެއް ތަންފީޒުކޮށް ރާއްޖޭގެ އިޤުތިޞާދުގެ ވިލުންތެރިކަން އިތުރުކުރަން އައިއެމްއެފްގެ ބޯޑުން ދިވެހި ސަރުކާރަށް ލަފާދީފައިވާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އަންނަ އަހަރަށް ލަފާކޮށް މިހާރު ފާސްކޮށްފައިވާ ބަޖެޓާ ގުޅޭ ގޮތުން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ރައްޔިތުންގެ މަޖިލީހަށް ދިން ލަފާގައިވެސް ފާހަގަކުރި ގޮތުގައި ފަތުރުވެރިކަމުގެ މައި ބާޒާރުތަކުގެ އިޤުތިޞާދު ގޯސްވުމުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށް ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށް އާމްދަނީ ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ.
އަދި ބައިނަލްއަޤުވާމީ މާލީ ބާޒާރުގެ ފިއްތުންތަކާހުރެ ބަޖެޓު ފޫބެއްދުމަށް ބޭރުން ނަގަން ނިންމާފައިވާ ދަރަނި ނުލިބި އެތެރޭގެ ބާޒާރުން ދަރަންޏަށް ފައިސާ ނަގާ މިންވަރު އިތުރުވުމުގެ ފުރުސަތުވެސް ބޮޑުކަމަށް އެ ލަފާގައި ފާހަގަކުރިއެވެ.