Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައިއެމްއެފް

ބޮޑެތި އިސްލާހުތަކެއް ތަންފީޒުނުކުރާނަމަ ރާއްޖޭގެ ދަރަނި އަދާނުކުރެވުމުގެ ފުރުސަތު ބޮޑު: އައިއެމްއެފް

ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ނުގެނެވިއްޖެނަމަ ރާއްޖެއަށް ދަރަނި އަދާނުކުރެވުމުގެ ފުރުސަތު ބޮޑުކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ބުނެފިއެވެ.

އައިއެމްއެފްގެ ޗާޓަރާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހި ސަރުކާރާއެކު ހަދަންޖެހޭ އެގްޒެކެޓިވް ބޯޑުގެ ކޮންސަލްޓޭޝަން ނިންމައި މިއަދު އެ އިދާރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ބުނެފައިވަނީ ރާއްޖެއަކީ ދަރަނި އަދާނުކުރެވުމުގެ ހިރާސް ބޮޑު ޤައުމެއް ކަމަށް އައިއެމްއެފްގެ ޑިރެކްޓަރުން ފާހަގަކުރެއްވި ކަމަށެވެ.

ދައުލަތުގެ ޚަރަދާއި އާމްދަނީގެ ސިޔާސަތު ކޮންސޮލިޑޭޓުކޮށް ހަމަޖެއްސުމަށްޓަކައި ޚަރަދުތައް މިހާރަށްވުރެ ޒިންމާދާރުކަމާއެކު ކުރުމަށާއި، ދާޚިލީ އާމްދަނީ އިތުރުކުރުމަށާއި، ދަރަނި މެނޭޖުކުރުމުގައި މިހާރަށްވުރެ ހިފަހެއްޓުންތެރި އުސޫލުތަކެއް ތަންފީޒުކުރުމަކީ އެންމެ އިސްކަންދޭންވީ ކަންކަމުގެ ގޮތުގައި އެ އިދާރާއިން ފާހަގަކުރިއެވެ.

ދަރަނި އަދާނުކުރެވޭ ހާލަތަކަށް ނުދިއުމަށްޓަކައި، ކެޕިޓަލް ޚަރަދުތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި އިސްރާފު ކުޑަވާނެހެން ބެލެހެއްޓުމާއެކު، އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށް އަމާޒުކޮށް އެހީތެރިކަން ފޯރުކޮށްދީ، ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަންކަން ކަމަށް އައިއެމްއެފުން ބުނެފައިވެއެވެ.

ދާދިފަހުން އާންމު މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހާއި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ ޓެކުހަށް ގެނައި ބަދަލަށް އައިއެމްއެފްއިން މަރުހަބާ ކިޔެއެވެ. ނަމަވެސް މެދު ރާސްތާގައި އާމްދަނީއާ ގުޅޭ ސްޓްރެޓެޖީއެއް އެކުލަވައިލުމުގެ މުހިއްމުކަން އެ އިދާރާއިން ފާހަގަކުރިއެވެ.

އެއާއެކު އައިއެމްއެފުން ފާހަގަކުރި ގޮތުގައި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުތައްވެސް އަވަހަށް ގެނައުން މުހިއްމެވެ.

އަދި ރާއްޖޭގެ އިޤުތިޞާދަށް ކުރިމަތިވެދާނެކަމަށް ބެލެވޭ ނޭދެވޭ ހިރާސްތައް ހަގީގަތަކަށްވެއްޖެނަމަ، އެ ހާލަތުގައި ދައުލަތުގެ މަދު ވަސީލަތްތައް އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިވުމަށް އަމާޒުކޮށްގެން ވަގުތީ ގޮތުން ބޭނުންކުރުމަށް އައިއެމްއެފުން ލަފާދިނެވެ.

ރާއްޖޭގެ ދަރަނި އަދާނުކުރުމުގެ ފުރުސަތު ބޮޑުކަން އައިއެމްއެފުން ފާހަގަކުރި ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ސަރުކާރުގެ ވެރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ދަރަނި އަދާނުކުރެވޭނެ ޙާލަތެއް ރާއްޖެއަށް ކުރިމަތިނުވާނެ ކަމަށެވެ.

ދަރަނި އަދާނުކުރެވޭނެ ޙާލަތެއް މެދުވެރިނުވާނެ ކަމަށް ބަލައި ސަރުކާރުން އަންނަ އަހަރަށް ފާސްކުރަން ހުށަހަޅާއި މިހާރު މަޖިލީހުން ފާސްކޮށްފައިވަނީ 41 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. އެ ބަޖެޓަކީ 8 ބިލިއަން ރުފިޔާއިން ޑެފިސިޓުވާ ބަޖެޓެއްވެސްމެއެވެ.

މި ލިއުމާއި ގުޅޭ