ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރަައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ކެމްޕެއިން ފެއްޓެވީ ފިތުނައިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ނިހާދު ވިދާޅުވީ ރައީސް ސޯލިހްގެ އެދުމަކީ އެތެރޭގެ އިންތިހާބެއްކަން ގަބޫލުކޮށް ސުލްހަވެރި، ރީތި، ނަލަ ކެމްޕެއިނަކުން އެކަން ނިންމާލުންކަމަށެވެ. އެހެން ނަަމަވެސް ރައީސް ނަޝީދުގެ ޓީމުގެ ސްޓެރެޓެޖީ އަކީ އަދިވެސް އެކައްޗެއް ކަމަށާއި އެ ކެމްޕެއިން ފެށީވެސް ފިތުނައިން ކަމަށް ނިހާދު ވިދާޅުވިއެވެ.
"އިދިކޮޅު ކެނޑިޑޭޓުގެ ޓީމް އިން އަނބުރަން މަސައްކަތްކުރާ ފިތުނައިގައި ނުޖެހި ރީއްޗަށް މިކަންކޮށްލަމާ" ނިހާދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ޓީމުގެ ފަރާތުން ވަނީ މިއަދު ހަވީރު އެމްޑީޕީ ހަރުގެ ހުޅުވައި، ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުގެ ސޮއި ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެހެން ނަމަވެސް ރައީސް ސޯލިހް ފެކްޝަންގެ ބޭފުޅުންނަށް އަދި އެކަން ރަސްމީކޮށް ފެށިފައިނުވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މިއީ ރާއްޖޭގެ ތާރީހުގައިވެސ ވެރިކަމުގައި ހުންނެވި ބޭފުޅަކު ޕާޓީއެއްގެ ޕްރައިމެރީއެއްގައި ވާދަކުރައްވާ ފުރަތަމަފަހަރެވެ.