ދުނިޔޭގެ އެންމެ ފޯރިގަދަ ކުޅިވަރު މުބާރާތްކަމުގައިވާ ވޯލްކަޕް މުބާރާތް ކާމިޔާބުކޮށް ތައްޓާއެކު އާޖެންޓީނާގެ ޤައުމީ ޓީމާއި އެ ޓީމުގެ ކެޕްޓަން ލައަނަލް މެސީ ޤައުމަށް އަނބުރާ އައުމުން ބަޠަލުންނަށް ޙައްޤުވާ މިންވަރުގެ ހޫނު މަރުހަބާއެއް އެ ޤައުމުން ކިޔައިފިއެވެ.
އެޒެއިޒާ އެއާޕޯޓަށް ތިރިކުރި މަތިންދާބޯޓުން މެސީއާއި ޓީމުގެ ކުޅުންތެރިންނާއި ކޯޗު އަދި އެހެން ސްޓާފުން ހިނިތުންވުމާއެކު ފޭބީ ރަތް ދޫލައަށެވެ. އެ ޓީމަށް މަރުހަބާ ކިޔުމަށް އަންގާރަދުވަހަކީ ބަންދު ދުވަހެއްކަމަށް އެ ޤައުމުގެ ރައީސް އަލްބާޓޯ ފާނަންޑޭޒް ނިންމަވާފައިވެއެވެ.
އެންމެ ފުރަތަމަ މަތިންދާބޯޓުން ފޭބީ، ވޯލްޑްކަޕް ތައްޓާއެކު ކެޕްޓަން އަދި މުޅި ޓީމުގެ އެންމެ ހުނަރުވެރި ކުޅުންތެރިޔާ މެސީއެވެ. އޭނާއާ ޖެހިގެންކަހަލަ ގޮތަކަށް ކޯޗު ލައަނަލް ސްކަލޯނީ ހުރީ މެސީ ކޮނޑަށް އަތް ވައްޓާލައިގެންނެވެ.
ޓީމުގެ ކުޅުންތެރިން އެއާޕޯޓަށް ވަންއިރު ލަ މޮސްކާ ނަމަކަށް ކިޔާ ރޮކް ބޭންޑަކުން ދިޔައީ މުޗާޗޯސް ލަވަ ކިޔަމުންނެވެ. އެ ބޭންޑުގެ ކުރީގެ ލަވައެއްގެ ރާގަށް އާޖެންޓީނާ ސަޕޯޓަރަކު ލިޔުނު މި ލަވައަކީ ޤަޠަރުގައި އޮތް ވޯލްޑްކަޕްގައި އާޖެންޓީނާގެ ސަޕޯޓަރުން ތާއީދު ހާމަކުރަން ބޭނުންކުރި ލަވައެކެވެ.
އެއާޕޯޓުން ބަހެއްގައި އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ މައި މަރުކަޒަށް ކުޅުންތެރިން ދިޔައިރު މަގުގެ ދެފަރާތުގައި އެތައް ހާސް ސަޕޯޓަރުން އެއްވެ ތިއްބެވެ. އެމީހުން ދިޔައީ ޓީމަށް އަދި މެސީއަށް އޮތް ލޯބި ހާމަކުރަމުންނެވެ.
ވޯލްޑް ކަޕް ތަށި ކާމިޔާބުކުރި އާޖެންޓީނާ ޓީމު ޤަޠަރުން އާޖެންޓީނާއަށް ކުރި ދަތުރަކީ ގިނަ ބަޔަކު ކައިރިން ބަލަމުން އައި ދަތުރެކެވެ. އެގޮތުން އޮންލައިންކޮށް 200،000 އަށްވުރެ ގިނަ މީހުން ދިޔައީ އެ ފުލައިޓުގެ ދަތުރު ކައިރިން ބަލަމުންނެވެ.
ޓީމުގެ ކާމިޔާބު ފާހަގަކުރަން މިއަދު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅި ނަމަވެސް އެއްވެސް އިހުތިފާލެއްގައި އާޖެންޓީނާގެ ރައީސް އަދި އެހެން ސިޔާސީ ބޭފުޅަކުވެސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިނުވާކަމަށް އެ ޤައުމުގެ ބައެއް އިސްވެރިން މީޑިއާއަށް މައުލޫމާތު ދިނެވެ. އަދި މި ދަނޑިވަޅަކީ ކުޅުންތެރިންނަށް ޚާއްޞަ ވަގުތެއްގެ ގޮތުގައި ދޫކޮށްލަން ނިންމާފައިވާކަމަށްވެސް ބައެއް އޮފިޝަލުން ބުނެފައިވެއެވެ.