Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

އުފަން ދުވަހު ބެންޒެމާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ އަށް 35 އަހަރު ވީ ދުވަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފި އެވެ.

ބެންޒެމާ ގައުމީ ޓީމުން ރިޓަޔާ ކުރިކަން އިއުލާންކުރީ އިއްޔެ ކުރި ޓްވީޓެއްގަ އެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ބެންޒެމާ އިއުލާން ކުރި ޓްވީޓް ވަނީ ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ. އެ ޓްވީޓް ވައިރަލް ވުމުގެ އެއް ސަބަބަކީ އިއްޔެ އަކީ ބެންޒެމާގެ އުފަން ދުވަހަށް ވުމެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ނެގި ފްރާންސް ޓީމުގައި ބެންޒެމާ ހިމެނުނެވެ. އެކަމަކު ވޯލްޑް ކަޕް ފެށުނު ދުވަހު ބެންޒެމާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން މުބާރާތް އެއްކޮށް ގެއްލުނެވެ. ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗަށް ބެންޒެމާ ނަގާނެ ވާހަކަތައް ވެސް ދެކެވުނެވެ. އެކަމަކު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްއާ ބެންޒެމާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ އެކު ބެންޒެމާ އަށް ފައިނަލް މެޗުން ފުރުސަތު ދީފައެއްނުވެ އެވެ. ރިޕޯޓުތައް ބުނާގޮތުން ފައިނަލް މެޗަށް ދިއުމަށް ފްރާންސްގެ ރައީސް ދެއްވި ދައުވަތު ބެންޒެމާ ގަބޫލެއް ނުކުރި އެވެ. އޭގެ އެއް ދުވަސް ފަހުން ބެންޒެމާ މިވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

"އަހަރެން މި ހިސާބައަށް އައިއިރު ގޯސްތަކެއް ހެދުނު. އެކަމަކު އަހަރެންގެ ވާހަކަ ލިޔުނީ އަމިއްލަ މަސައްކަތުން. އެކަމާ އަހަރެން ފަހުރުވެރިވޭ" ބެންޒެމާ ކުރި ޓްވީޓުގައި ބުނެފައިވެ އެވެ.

ގައުމީ ޓީމުން ބެންޒެމާ އަށް ފުރުސަތު ލިބުނީ 2007 ވަނަ އަހަރު އޮސްޓްރިއާއާ ދެކޮޅަށް މެޗުގަ އެވެ. އޭގެފަހުން އެޓީމަށް ކުޅުނު 97 މެޗުގައި ބެންޒެމާ 37 ގޯލު ޖެހި އެވެ.

ފްރާންސާ އެކު ބެންޒެމާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އެންމެ ފަހުގެ ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބު ކުރުމެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސްގެ ސްކޮޑުން ބެންޒެމާ އަށް ފުރުސަތު ނުލިބުނީ އޭރު އޭނާގެ ބްލެކްމެއިން މައްސަލައެއް ކުރިއަށްދާތީ ގައުމީ ޓީމުން ސަސްޕެންޑް ކޮށްފައި ހުރުމުންނެވެ.

2015 އިން ފެށިގެން ގާތްގަނޑަކަށް ފަސް އަހަރު ދުވަހު ގައުމީ ޓީމާ ދުރުގައި ހުރުމަށް ފަހު ބެންޒެމާ އަށް އަލުން ގައުމީ ޓީމުން ފުރުސަތުދިނީ މިދިޔަ އަހަރު ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގަ އެވެ. ޔޫރޯ އިން ބެންޒެމާ އަށް ފުރުސަތު ދިނުމުގެ މައިގަނޑު ސަބަބަކީ ރެއާލް މެޑްރިޑްގައި އޭނާ ދައްކަމުން އައި ތަފާތު މޮޅު ކުޅުމެވެ. ރެއާލްއާ އެކު މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ބެންޒެމާ ހޯދި އެވެ.

ބެންޒެމާ އަށް ގައުމީ ޓީމުން ފުރުސަތު ގެއްލުނީ 2015 ވަނަ އަހަރު ފްރާންސްގެ ގައުމީ ޓީމުގެ އޭރުގެ ކުޅުންތެރިޔާ މެތިއު ވަލްބުއޭނާ ބްލެކްމެއިލް ކުރުމުގެ ތުހުމަތުގަ އެވެ. ބެންޒެމާގެ މައްޗަށް ކުރީ އޮރިޔާން ކާޑު ބޭނުންކޮށްގެން ވަލްބުއޭނާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތެވެ. އެކަމަކު އެ މައްސަލަ ބެންޒެމާގެ މައްޗަށް ސާބިތުވެފައެއްނުވެ އެވެ.

ބެންޒެމާ ކުއްލިއަކަށް ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އޭނާއާ ފްރާންސް ޓީމާ ދެމެދު މައްސަލަތަކެއް ވަނީ ޖެހިފަ އެވެ. ރިޕޯޓުތައް ބުނާގޮތުން ކޯޗު ޑެޝޯމްޕްސްއާ ޖެހުނު މައްސަލަ އަށް ހައްލެއް ނުލިބުމަކީ ބެންޒެމާ ކުޅުން ހުއްޓާލުމުގެ އެއް ސަބަބެވެ.

މި ލިއުމާއި ގުޅޭ