Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލީ ވުޒާރާ

ކައުންސިލުތަކާއި މިނިވަން މުއައްސަސާތަކަށް ދައުލަތުގެ ގަރަންޓީއާއެކު ދަރަނި ނެގޭ ގޮތް ހަދައިފި

ދައުލަތުން ގެރެންޓީ ދެވޭނެ ފަރާތްތަކުގެ ތެރޭގައި ލާމަރުކަޒީ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލުތައް ހިމަނާ އުސޫލު އިސްލާހުކޮށްފިއެވެ.

ގެރެންޓީ ދޭ އުސޫލަކީ ގައުމުގެ އިގުތިސާދީ ހާލަތަށާއި، ސަރުކާރުގެ މާލީ ސިޔާސަތުތަކަށާއި، ތަރައްގީގެ ޕްލޭންތަކަށް ރިއާޔަތްކުރެވިގެން، ދެފުށް ފެންނަ، ހަރުދަނާ އުސޫލެއްގެ ދަށުން، ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމަށް މަގުފަހިކުރުމަށް 2017 ވަނަ އަހަރު އެކުލަވާލި އުސޫލެކެވެ.

އެ އުސޫލުގެ ދަށުން މީގެ ކުރިން ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރެވޭނީ، ސަރުކާރުން އިސްކަންދޭ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ނުވަތަ މިނިސްޓަރު ހުއްދަދޭ މާލީ މުއާމަލާތްތަކާ ގުޅިގެން ހުށަހަޅާ ހުށަހެޅުންތަކަށެވެ. އެގޮތުން އޭރު ދައުލަތުން ގެރެންޓީ ދެވޭނެ ފަރާތްތަކުގެ ތެރޭގައި ހިމަނާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބްސިޑިއަރީތަކުގެ އިތުރުން ރާއްޖޭގައި ވިޔަފާރިކުރަން ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ރީ -ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކެވެ.

ނަމަވެސް މިހާރު ކައުންސިލުތަކުގެ އިތުރުން ދައުލަތުގެ މުސްތަގިއްލު މުއައްސަސާތައް ވެސް ހިމަނޭގޮތަށް އެ އުސޫލު ވަނީ އިސްލާހުކޮށްފައެވެ.

އުސޫލުގެ ދަށުން ގެރެންޓީ ނަގަން ހުށަހެޅޭނީ ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި ސަރުކާރުން ހުށަހަޅާ ޝަރުތުތަކާ އެއްގޮތަށް ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގުމަށާއި ތަރައްގީގެ މަޝްރޫއެއްގެ ގޮތުގައި އިސްކަންދިނުމަށް ސަރުކާރުން ނިންމާ މަޝްރޫއުތައް ހިންގުމުގެ އިތުރުން މިނިސްޓަރު ހުއްދަދޭ މާލީ މުއާމަލާތްތައް ކުރުމަށެވެ.

އުސޫލުގައި ބަޔާންކޮށްފައިވަނީ މި އުސޫލުގެ ދަށުން ގެރެންޓީކޮށްދެވޭ ދަރަނީގެ އިފެކްޓިވް އިންޓަރެސްޓް ރޭޓުން، "ވޭރިއަބަލް އިންޓަރެސްޓް" އުނިކުރުމުން، އަންނަ އަދަދު 3.5 ޕަސަންޓަށް ވުރެ މަތިވެގެން ނުވާނެ ކަމަށެވެ.

ނަމަވެސް އުސޫލުގައި ބަޔާންކޮށްފައިވާގޮތުގައި ގައުމުގެ އިގުތިސާދީ ހާލަތަށާއި، އެ އިރެއްގައި ދަރަނި ނެގެންހުރި މާކެޓް ރޭޓަށާއި، އެ ދަރަނި ނަގައިގެން ހާސިލުކުރަން ބޭނުންވާ މަގުސަދަށާއި، އެ ދަރަނި ނެގުމުގެ މުހިންމުކަން ފަދަ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، މިނިސްޓަރުގެ ހުއްދައާއެކު މި ޝަރުތު އިސްތިސްނާކުރެވިދާނެއެވެ.

ކައުންސިލުތަކާއި މިނިވަން މުއައްސަސާތަކަށް ގެރެންޓީ ދޫކުރުމުގައި އެ ކައުންސިލު ނުވަތަ މުއައްސަސާގެ އޯގަނައިޒޭޝަނަލް ސްޓްރަކްޗާއާއި، މެނޭޖުމެންޓު ޓީމާއި ގެރެންޓީއާއެކު ކުރިއަށް ގެންދަން ހުށަހަޅާ މަޝްރޫޢު ރޭވުމާއި ތަންފީޒުކުރުމުގައި އަދި މާލީ މުއާލާތްތައް ހިންގުމުގައި އުޅޭނެ ފަރާތްތަކުގެ މައުލޫމާތު ހުށަހަޅަންޖެހެއެވެ.

އަދި އެ މަޝްރޫޢާ ގުޅިގެން އަދި މާލީ މުއާމަލާތާ ގުޅިގެން ޕްލޭނެއް ހަދައި އެ ޕްލޭންވެސް ހުށަހަޅަންޖެހެއެވެ. 3 އަހަރުވެފައިވާ ކައުންސިލެއް ނުވަތަ މުއައްސަސާއެއްނަމަ ތިން އަހަރުގެ އޮޑިޓުކޮށްފައިވާ މާލީ ބަޔާން ހުށަހަޅަންޖެހެއެވެ. ތިން އަހަރުނުވާ ތަނެއްނަމަ އެ ތަނުގެ އުމުރުންވީ ދުވަހެއްގެ މާލީ ބަޔާންތައް އޮޑިޓުކޮށް ހުށަހަޅަންޖެހެއެވެ.

އެ ކައުންސިލަކުން ނުވަތަ މިނިވަން މުއައްސަސާއަކުން އެއްވެސް ފަރާތަކަަށް ދަރަންޏެއް އަދާކުރަން އޮތްނަމަ ނުވަތަ ސަރުކާރުގެ އިދާރާއަކަށް ފައިސާއެއް ދައްކަންޖެހޭނަމަ އެ މައުލޫމާތު ހިމެނުންވެސް ލާޒިމުކުރެއެވެ. އަދި މަޝްރޫޢުގެ ފީޒިބިލިޓީ ސްޓަޑީއަކާއި ގެރެންޓީ ހޯދައިގެން ނަގާ ދަރަންޏާ ގުޅޭ މައުލޫމާތުވެސް ހުށަހަޅަންޖެހެއެވެ.

މި ލިއުމާއި ގުޅޭ