Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

ފްރާންސް ބަލިކޮށް އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބުކޮށްފި

ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށް އާޖެންޓީނާ އިން ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 އިން ދެޓީމު އެއްވަރުވެގެންނެވެ. މެޗުގެ 90 މިނެޓު ނިމުނުއިރު އެއްވަރުވީ 2-2 އިންނެވެ.

މިއީ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދި ތިންވަނަ ފަހަރެވެ. މީގެ ކުރިން އެގައުމުން ޗެމްޕިއަންކަން ހޯދީ 1978 އަދި 1986 ވަނަ އަހަރު އެވެ. މިފަހަރު އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބުކުރީ 36 އަހަރަށް ފަހު އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފު އާޖެންޓީނާ އިން ވަނީ މޮޅަށް ކުޅެ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން 23 ވަނަ މިނެޓުގައި ޖެހީ ލިއޮނެލް މެސީ އެވެ. މިއީ އެންހެލް ޑި މާރިއާ އަށް ފްރާންސްގެ އުސްމާން ޑެމްބެލޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. 36 ވަނަ މިނެޓުގައި އާޖެންޓީނާ އަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ޑި މާރިއާ އެވެ.
ދެ ގޯލު ފަހަތުގައި އޮވެ ފްރާންސުން ވަނީ ދެވަނަ ހާފުގައި ހިތްވަރު ނެރެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ފްރާންސްގެ ތިން ގޯލު ވެސް ޖެހީ ކިލިއަން އެމްބާޕޭ އެވެ. އެމްބާޕޭ ފުރަތަމަ ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުން 80 ވަނަ މިނެޓުގަ އެވެ. އޭގެ މިނެޓެއް ފަހުން އެމްބާޕޭ ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.
އެއްވަރުވެގެން ކުޅުނު ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފު ނިމުނީ ގޯލެއް ނުޖެހި އެވެ. އެކަމަކު އިތުރު ވަގުތުގެ ދެ ވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި މެސީ ވަނީ ގޯލެއް ޖަހައި އާޖެންޓީނާ އަށް ލީޑު ނަގައިދީފަ އެވެ. މެސީގެ މި ގޯލާ އެކު އާޖެންޓީނާ ވޯލްޑް ކަޕް ކާމިޔާބު ކުރާނެކަމަށް ބެލެވުނު ނަމަވެސް 118 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ޕެނަލްޓީއަކުން ނަތީޖާ އަނެއްކާ ވެސް ހަމަހަމަކޮށްފަ އެވެ.
އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ފްރާންސްގެ ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވައްދައެއް ނުލެވުނެވެ. އެޓީމުގެ ކިންގްސްލީ ކޯމަން ޖެހި ޕެނަލްޓީ އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް މަތަކުރިއިރު އައުރެލިން ޗުއަމެނީ ޖެހި ޕެނަލްޓީ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އާޖެންޓީނާ އިން ވަނީ ހަތަރު ޕެނަލްޓީ ވެސް ވައްދާލާފަ އެވެ.
މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ އަށް ގޯލާ އެކު އެމްބާޕޭ އެވެ. އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ މެސީ އަށެވެ. މެސީ ވަނީ 2014 ވަނަ އަހަރު ވެސް ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.

ފީފާ ވޯލްޑް ކަޕް 2026 ވަނަ އަހަރު އޮންނާނީ މެކްސިކޯ، ކެނެޑާ އަދި އެމެރިކާގަ އެވެ.

މި ލިއުމާއި ގުޅޭ