Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

ފުޓްބޯޅައިގެ ބޮޑު ރޭ: އާޖެންޓީނާ ތަ؟ ފްރާންސް ތަ؟

މިއީ ޔަގީނުންވެސް ފުޓްބޯޅައިގެ އެންމެ ބޮޑު ރެ އެވެ. 22 ވަނަ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މިރޭ ކުޅޭއިރު ފައިނަލުގައި ވާދަކުރަނީ ދުނިޔޭގެ ގަދަ ދެ ބާރުން ކަމަށްވާ ފްރާންސާއި އާޖެންޓީނާ އެވެ. މެދުއިރުމަތީގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕްގެ ފަހު ހަނގުރާމަ އަށް ނުކުންނައިރު މެޗުގެ ނަތީޖާ އަށް މުޅި ދުނިޔެ އޮތީ އިންތިޒާރުގަ އެވެ.

މިރޭގެ ފައިނަލް މެޗު ހާއްސަވާ ސަބަބުތައް ބައިވަރެވެ. މި ދެޓީމުން ވެސް މީގެ ކުރިން ވަނީ ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބުކުރީ 1978 އަދި 1986 ވަނަ އަހަރު އެވެ. ފްރާންސް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދީ 1998 އަދި 2018 ވަނަ އަހަރު އެވެ. އެހެންވެ މިރޭ ކޮންމެވެސް އެއް ޓީމަކަށް ވޯލްޑް ކަޕްގެ ތިންވަނަ ތަށި ލިބޭނެ އެވެ.

ފްރާންސަށް ތަށި ލިބިއްޖެ ނަމަ އެގައުމު ވެގެންދާނީ ވޯލްޑް ކަޕްގެ ތަށި ދިފާއުކުރާ ތިންވަނަ ގައުމަށެވެ. މީގެ ކުރިން ވޯލްޑް ކަޕްގެ ތަށި ދިފާއުކުރީ އިޓަލީ އާއި ބްރެޒިލް އެވެ. އިޓަލީ އިން ޖެހިޖެހިގެން ވޯލްޑް ކަޕް ހޯދީ 1934 އަދި 1938 ވަނަ އަހަރު އެވެ. ބްރެޒިލް ވަނީ 1958 އަދި 1962 ވަނަ އަހަރު ޖެހިޖެހިގެން ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

އާޖެންޓީނާ އިން މި މެޗު އެންމެ ހާއްސަ ވާނީ ކެޕްޓަން ލިއޮނެލް މެސީ އަށެވެ. މެސީގެ ކާމިޔާބު ކެރިއަރުގައި އަތްނުލެވެނީ ހަމައެކަނި ވޯލްޑް ކަޕް ތަށީގަ އެވެ. ބެލޮންޑިއޯ އެވޯޑް ހަތް ފަހަރު ހޯދައި ފުޓްބޯޅައިގެ ރިޓަޔާމަންޓަށް މިސްރާބު ޖަހާއިރު މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރަން މެސީ ހުރީ ކެތްމަދުވެފަ އެވެ. އުމުރުން 35 އަހަރުގައި މެސީ އަންނަނީ މިފަހަރުގެ ވޯލްޑް ކަޕްގައި ތަފާތު ދައްކަމުންނެވެ. އާޖެންޓީނާ ފައިނަލަށް ކުރި ދަތުރުކުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ވެސް މެސީ އެވެ.

މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން އާޖެންޓީނާގެ ގޯލްކީޕަރު އެމީ މާޓީނޭޒް ބުނީ ފްރާންސަކީ ފޭވަރިޓުން ކަމަށް ބަޔަކު ދެކުނަސް މެސީއާ އެކު އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

"މީހުން ބުނޭ އާޖެންޓީނާއޭ ފޭވަރިޓުންނަކީ. އެކަމަކު ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ހުރީ މި ޓީމުގަ. މެސީއާ އެކު އަހަރެމެންނަށް މި ތަށި ކާމިޔާބު ކުރެވޭނެ. ފްރާންސް ތަށި ނަގާނޭ ބުނުމަކުން އާޖެންޓީނާ ކަންބޮޑެއް ނުވޭ" މާޓީނޭޒް ބުންޏެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ، މެސީ ތަށި ހޯދަން ބޭނުންވާ އެތައް ބަޔަކު އެބަތިބި ކަމަށެވެ. އޭގެތެރޭގައި ފްރާންސްގެ މީހުންވެސް ހިމެނިދާނެކަމަށް ޑެޝޯމްޕްސް ގަބޫލުކުރެ އެވެ. އެކަމަކު ފްރާންސް ޓީމު އޮތީ މެސީގެ އެއް އުއްމީދަށް ހުރަސް އަޅައި ވޯލްޑް ކަޕް ތަށި ދިފާއުކުރުމުގެ އަޒުމުގަ އެވެ.

"އަހަރެންނަށް އެނގޭ އާޖެންޓީނާ އާއި ދުނިޔޭގެ އެތައް ބަޔަކު އަދި ފްރާންސް މީހުން ވެސް ހިމެނޭހެން. އެ އެންމެން ބޭނުންވާ މެސީ ވޯލްޑް ކަޕް ނަގަން. އެކަމަކު ފްރާންސްގެ އަމާޒަށް ވާސިލްވާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޝޯމްޕްސް ބުންޏެވެ.

މެސީ އަށް ވޯލްޑް ކަޕް ތައްޓާ އެންމެ ގާތަށް ދެވުނީ 2014 ވަނަ އަހަރު އެވެ. އެފަހަރު ފައިނަލުގައި ޖަރުމަނު އަތުން 1-0 އިން ބަލިވީ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕުން އާޖެންޓީނާ ކެޓީ ފްރާންސް އަތުން ބަލިވުމުންނެވެ. ދެވަނަ ބުރުގެ އެ މެޗު ފްރާންސް ކާމިޔާބުކުރީ 4-3 އިންނެވެ.

އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނީ އޭނާ އާޖެންޓީނާ ޓީމުން ހުރިހާ ހިތްވަރެއް ލައިފި ކަމަށާއި، އުއްމީދަކީ ތަށި ލިބުން ކަމަށެވެ.

"އަހަރެންނަށް މިހާރު މި ކުރެވޭ އިހުސާސް ބުނެދޭން ނޭނގޭ. އެމީހުން ހުރިހާ ހިތްވަރެއް ލައިފި. އުއްމީދަކީ ތަށި ލިބުން. ތަށި ނުލިބުނަސް އާޖެންޓީނާ ޓީމު ފަހުރުވެރިވާނެ" ސްކަލޯނީ ބުންޏެވެ.
ފްރާންސާއި އާޖެންޓީނާ ވަނީ މީގެ ކުރިން ވޯލްޑް ކަޕްގައި ތިންފަހަރު ވާދަކޮށްފަ އެވެ. ފްރާންސަށް މޮޅުވެވުނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. 1930 ވަނަ އަހަރާއި 1978 ވަނަ އަހަރު މޮޅުވީ އާޖެންޓީނާ އެވެ.

މިއީ އާޖެންޓީނާ ވޯލްޑް ކަޕްގައި ކުޅޭ ހަ ވަނަ ފަހަރެވެ. ފައިނަލުގައި އާޖެންޓީނާ ވަނީ ތިން ފަހަރު ބަލިވެފަ އެވެ. އެއީ 1930، 1990 އަދި 2014 ވަނަ އަހަރު އެވެ.

ފްރާންސް ވޯލްޑް ކަޕްގައި ވާދަކުރާ މިއީ ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ކުޅުނު ތިން ފައިނަލުގެ ތެރެއިން ދެ ފަހަރު ތަށި ހޯދިއިރު ފައިނަލުން ބަލިވީ 2006 ވަނަ އަހަރު އިޓަލީ އަތުންނެވެ.
އާޖެންޓީނާ އާއި ފްރާންސް ވާދަކުރާ ފައިނަލް މެޗު ކުޅޭނީ ގަތަރުގެ ލުސައިން ސްޓޭޑިއަމްގަ އެވެ. މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން އަށެއް ޖަހާއިރު އެވެ.

މި ލިއުމާއި ގުޅޭ