ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ދިވެހިންގެ ބަޔަކު ރާއްޖެއިން ބޭރުގައި ތިބެގެން ރާއްޖޭގައި ނަޞާރާ ދީން ފެތުރުމަށް ދިވެހިބަހުން ހިންގި ފީބާ ރޭޑިއޯއާ މަރު ކޮމިޝަނުގެ ރައީސް ފަރީޝާ ޢަބްދުﷲއާ ގުޅުން އޮތްކަމުގެ ތުހުމަތު އޭރު ކުރެވުނުކަން "ދިޔަރެސް"އަށް އެނގިއްޖެއެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ފުލުހުންގެ އިސްވެރިއެއްގެ ގޮތުގައި ނޭޝަނަލް ސެކިއުރިޓީ ސާވިސް (އެންއެސްއެސް)ގައި މަސައްކަތްކުރެއްވި ބޭފުޅަކު "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އޭރު ފީބާ ރޭޑިއޯއާ ގުޅޭ ގޮތުން ފަރީޝާ ހާޒިރުކޮށް ސުވާލުކުރި ކަމަށެވެ. އަދި ފަރީޝާއަށް ތުހުމަތުކުރެވުނީ އެ ތުހުމަތު ވުޖޫދުވާ ފަދަ ހެކިތައް ލިބެން ހުރުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ސަރުކާރުގެ އެހެން އިސްވެރިޔަކުވެސް ވަނީ ފީބާ ރޭޑިޔޯއާ ފަރީޝާއާ ގުޅުމެއް އޮތްކަމަށް ތުހުމަތުވިކަން "ދިޔަރެސް"އަށް ކަށަވަރުކޮށްދެއްވާފައެވެ. އެގޮތުން ދިވެހިން ނަޞާރާ ދީނަށް ވެއްދުމަށްޓަކައި އެ ރޭޑިއޯއިން ގެނެސްދިން ހާއްސަ ޕްރޮގްރާމެއް ކަމަށްވާ “ސީދާ ހިތުން” ތައްޔާރުކުރުމުގައި ފަރީޝާ އިސް ދައުރެެއް އަދާކުރިކަން އޭރު ހިންގުނު ތަހްގީގަށް ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ފަރީޝާއަކީ ރައީސް މައުމޫނުގެ ސަރުކާރާ ދެކޮޅަށް "މޯލްޑިވްސް ކަލްޗާ"ގެ ނަމުގައި އޭނާގެ ފިރިމީހާ މައިކަލް އޯޝެއާ ނަމަކަށް ކިޔާ ނިއުޒިލޭންޑު މީހަކާއެކު ވެބްސައިޓެއް ހިންގި މީހެކެވެ. މި ވެބްސައިޓުގައި އިސްލާމްދީނާ ޚިލާފު ވާހަކަތައް ލިޔެ ޝާއިއުކުރިކަމަށް އޭރުގެ ސަރުކާރުން ތުހުމަތުކުރިއެވެ. އަދި އެ ވެބްސައިޓަށް ރާއްޖެއިން ނުވަދެވޭ ގޮތްވެސް ރައީސް މައުމޫނުގެ ސަރުކާރުން ހެދިއެވެ.
ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ދިރިއުޅުމަށްފަހު ފަރީޝާ ރާއްޖެއަށް އައީ ރައީސް މައުމޫނުގެ ވެރިކަން ބަދަލުވުމާ ގުޅިގެން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައެވެ. އޭނާއަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަޤާމު އޭރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް މުޙައްމަދު ނަޝީދު ހަމަޖެއްސެވިއެވެ. އެކަމާ ގުޅިގެން އޭރު އިދިކޮޅުގައި ހުންނެވި މިހާރުގެ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފުވަނީ ފަރީޝާއާއި އޭނަގެ ފިރިމީހާ މައިކަލް އޮޝެއާ ހިންގާ "ދަ މޯލްޑިވްސް ކަލްޗާ"އަކީ ދިވެހިރާއްޖޭގައި ޣައިރު ދީންތައް ފަތުރަން ބޭނުންކުރާ ވެބްސައިޓެއްކަމަށް ތުހުމަތުކޮށްފައެވެ.
މަހުލޫފުގެ ތުހުމަތާ ގުޅިގެން މަހުލޫފުގެ މައްޗަށް އަބުރުގެ ދައުވާކުރާނެކަމަށް ފަރީޝާ ބުނި ނަމަވެސް އެ މައްސަލަ ފަހުން ކުރިއަށްގެންގޮސްފައިނުވެއެވެ.
ފަރީޝާއަކީ ރައީސް ސޯލިހުގެ ޒަމާންވީ އެކުވެރިއެކެވެ. އޭގެ އިތުރުން އޭނާއަކީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް މަސައްކަތްކުރި ސިޔާސީ އެކްޓިވިސްޓެކެވެ. އެގޮތުން ރައީސް ޔާމީން ފުރާނަ ދުއްވާލުމަށްޓަކައި ސްރީލަންކާއިން ގެނައި ސްނައިޕަރުގެ ވަކީލަކަށްވެސް އުޅުނީ ފަރީޝާ އެވެ.