Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

މަރު ކާޑު ބޭނުންކޮށްގެން އޮޅުވައިލެވޭނީ ވަކިވަރަކަށް، ރައްޔިތުން ތިބީ ހޭލާ: ޝިޔާމް

މަރު ކާޑު ކުޅެގެން ރައްޔިތުންނަށް އޮޅުވައިލެވޭނީ ވަކި ވަރަކަށް ކަމަށާއި މިހާރު ރައްޔިތުން ތިބީ ހޭލާކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމު މިފަދައިން ވިދާޅުވީ އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެކުލަވައިލެއްވި ރިޔާސީ ކޮމިޝަނުން ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.

ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގަތުމާއެކު އުފެއްދެވި ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޟްވާނުގެ މަރާ ރައީސް ޔާމީނާ ގުޅުވައިލުމަށް މަސައްކަތްކުރިއެވެ. އެގޮތުން ރިޟްވާން ޤަތުލުކުރިކަމަށް ބުނާ ހަ މީހުންގެ ތެރެއިން އެކަކު ސޫރިޔާއަށް ދިއުމުގެ ކުރިން ރައީސް ޔާމީނާ ބައްދަލުކޮށް ރިޟްވާނު މަރައިލި ގޮތުގެ ހުރިހާ ވާހަކައެއް ރައީސް ޔާމީނަށް ކިޔައިދިންކަމަށް ކޮމިޝަނުން ބުންޏެވެ.

ސޫރިޔާގައި މަރުވެފައިވާކަމަށް މަރު ކޮމިޝަނުން ބުނާ އެ މީހާ ރައީސް ޔާމީނާ ބައްދަލުކުރިކަމަށް އޭނާ ބުނެފައިވާ ވާހަކަ މަރު ކޮމިޝަނުގެ ތަހުގީގަށް ކިޔައިދިނީ ސޫރިޔާއަށް ހަނގުރާމައަށް މީހުން ފޮނުވާ މީހެއްކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ. ކޮމިޝަނުން މިފަދައިން ބުނެފައިވާއިރު އެ މީހަކީ ކާކުކަމެއް އަދި އެ މީހަކު މިހާރު ހުރި ތަނެއް ހާމަނުކުރެއެވެ. ތަހުގީގުގައި ޖިނާއީ ކުށަކަށް އިއުތިރާފުވި ނަމަވެސް އެ މީހާގެ މައްޗަށް ދައުވާކުރިކަމަށްވެސް ނުބުނެއެވެ.

2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ރައީސް ޞާލިޙު ދެއްކެވި ވާހަކަފުޅަކީ މަރުތަކުގެ ވާހަކައެވެ. އެގޮތުން ރައީސް ޔާމީނުގެ އިސްތަށިފުޅުގައި ރިޟްވާނުގެ މަރާއި ޑރ.އަފްރާޝީމް ޢަލީ ޝަހީދުކޮށްލުން އަޅުވައިގެން އެއިރުގެ އިދިކޮޅު ފަރާތްތަކުން ވަރަށް ގިނަ ވާހަކަތައް ފެތުރިއެވެ.

ރައީސް ޞާލިޙު ވައުދުވެވަޑައިގެންފައިވަނީ އެމަނިކުފާނުގެ ވެރިކަމުގެ ކުރީ ކޮޅުގައި ރިޟްވާނާއި ޔާމީން ރަޝީދަށް އިންސާފު ހޯއްދަވައިދެއްވާށެވެ. ވެރިކަން ނިމެން އަހަރަކާ ކައިރިވެފައިވަނިކޮށް މަރު ކޮމިޝަނުން އިއްޔެ ދެއްކި ވާހަކަތަކުގައި ކުރިން އާންމުކޮށް ހާމަނުކުރާ ވާހަކައަކަށް ދެއްކި ހަމައެކަނި ވާހަކައަކީ ރިޟްވާނުގެ މަރާ ރައީސް ޔާމީނާ ގުޅުވައިގެން ދެއްކި ވާހަކައެވެ.

މި ވާހަކަތަކަށް އިޝާރާތްކުރައްވައި ކުރެއްވި ޓުވީޓުގައި ޝިޔާމު ވިދާޅުވި 2018 ވަނަ އަހަރުގެ އިންތިޚާބުގައި ރައީސް ޞާލިޙު ކުޅުއްވި "މަރު" ކާޑު އެހެން ލެވެލެއްގައި ޤާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ރައީސަށް ލިބިދޭ ބާރުތަކުން އަމިއްލައަށް ވުޖޫދުކުރެއްވި މަރު ކޮމިޝަން ބޭނުންކޮށްގެން 2023 ވަނަ އަހަރުގައި ކުޅުއްވުމުގެ މަސައްކަތް ރަސްމީކޮށް އިއްޔެ ފެއްޓެވީ ކަމަށެވެ.

ޝިޔާމު ފާހަގަކުރެއްވި ގޮތުގައި މިފަދައިން ރައްޔިތުންނަށް އޮޅުވައިލެވޭނީ ވަކި މިންވަރަކަށެވެ. އަދި މިހާރު ރައްޔިތުން ތިބީ ހޭލާކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

ރައީސް ޔާމީނާއި ރިޟްވާނުގެ މަރާ ގުޅުވައިގެން މަރު ކޮމިޝަނުން ދެއްކި ވާހަކަތަކާ ގުޅިގެން އެ ކޮމިޝަނުގެ މެންބަރު މިސްބާހު އައްބާސްގެ މައްޗަށް އަބުރުގެ ދައުވާކުރައްވާނެކަން ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުން އިއްޔެ ހާމަކޮށްފައިވެއެވެ. ވަކީލުން ވިދާޅުވި ގޮތުގައި ކޮމިޝަނުން ދެއްކީ ޔޯލަ ޔޯލަ ވާހަކައެވެ. އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެކެވެ.

މި ލިއުމާއި ގުޅޭ