Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަރު ކޮމިޝަން

މަރު ކޮމިޝަނުން ކުރިން ދެއްކި ވާހަކަތަކުން "ކެންސްލްވި" ވާހަކަތައް

މަރު ކޮމިޝަނުގެ ކުރީގެ ރައީސް އަދި މިހާރުގެ ރައީސް

މިވެރިކަމަށް 4 އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުން، ރިޔާސީ އިންތިޚާބަށް އަހަރަކަށްވުރެ ކުޑަތަންވުމުން އިއްޔެ ރައީސް އޮފީހުގައި، ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އުފެއްދެވި ރިޔާސީ ކޮމިޝަނުން ނޫސްވެރިންނާ ބައްދަލުކުރިއެވެ. މައިގަނޑު ގޮތެއްގައި އައު ވާހަކައެއް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ނުދައްކައެވެ. ނަމަވެސް ކުރިން ކޮމިޝަނުން ދެއްކި ބައެއް ވާހަކަ އެކީ އުނިކޮށްލިއެވެ. އަދި ކުރިން ނުކުރާކަމަކަށް އައުކަމަކަށް ރިޟްވާނުގެ މަރާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނާ ގުޅުވައިލުމަށް މަސައްކަތްކުރިއެވެ.

މިވެރިކަމުގެ މައިގަނޑު އެއް ސިފައަކީ ކުރިން ދައްކާފައިވާ ވާހަކަތައް ކެންސަލްވުމެވެ. އަދި އެ ވާހަކަތަކަށް ބޮޑެތި ބަދަލުތައް ގެނައުމެވެ. ތަރައްޤީގެ މަޝްރޫޢުތައް ހިނގަމުންދާ ގޮތާއި، ނިންމާނެ ތާރީޚާއި މަސައްކަތުގެ ދުވެއްޔާ ގުޅޭ ގޮތުން ސަރުކާރުން ދައްކާ ވާހަކަތަކަކީ އަބަދުވެސް ކެންސަލްވެ ބަދަލުވަމުންދާ ވާހަކަތަކެކެވެ. މިފަހަރު ރިޟްވާނުގެ މަރުގެ މައްސަލައިގެ ތަހުގީގަށްވެސް ވެގެންދިޔައީ އެ ގޮތެވެ.

ސޯމިތާއި މަޒީދުގެ ވާހަކައެއް މިފަހަރު ނެތް

ރިޟްވާނުގެ މަރާ ގުޅިގެން މަރު ކޮމިޝަނުން ކުރަމުންދިޔަ ތަހުގީގުގެ އިބްތިދާއީ ރިޕޯޓެއް ތައްޔާރުކޮށް އެ ރިޕޯޓުގައި ހުރި ވާހަކަތައް އެއިރު މަރު ކޮމިޝަނުގެ ރައީސްކަމުގައި ހުންނެވި އަދި މިހާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަލްއުސްތާޛު ޙުސްނުއް ސުޢޫދު ހާމަކުރެއްވިއެވެ. އެއިރު ތަފުސީލުތައް ހާމަކުރައްވަން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޟްވާން މަރައިލިކަމަށް ބުނާ މީހެއްގެ ވާހަކަ އާންމުކުރެއްވިއެވެ.

އެއިރުވެސް ހާދިސާ ހިނގި ގޮތްކަމަށް ކޮމިޝަނުން ބުނަމުންއައީ މިހާރުވެސް ކޮމިޝަނުން އެ ވާހަކަ ކިޔައިދޭ ގޮތަށެވެ. ހުޅުމާލޭގައި ރިޟްވާން ދިރިއުޅެމުން އައި ފުލެޓު ކުރިމަތިން އޭނާ ރަތް ކާރަކަށް އަރުވައިގެން ގެންދިޔައީ ޑިންގީއަކަށެވެ. އެ ޑިންގީގައި އޭނާ ގެންދިޔައީ ކަންނެލި ދޯންޏަކަށެވެ. އެ ދޯނީގައި ރިޟްވާންގެ ބޯ ބުރިކޮށްލައި ކަނޑު ފެއްތީއެވެ.

ކުރިން މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި، ސިއްރު ހެކިވެރިޔަކަށް ހަވާލާދީ ބުނި ގޮތުގައި ރިޟްވާން ކަރު ބުރިކޮށް މަރައިލީ ތ.އޮމަދޫ، އަތިރީގޭ ޞާމިތު މުޙައްމަދެވެ. ޞާމިތަކީ ރާއްޖޭގައި ހަރަކާތްތެރިވާ ޖަބަހަތުއް ނުޞްރާގެ އެންމެ އިސްވެރިއެއްކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އޭނާ މަސައްކަތްކުރަނީ މަޒީދު ނަމަކަށް ކިޔާ މީހެއްގެ ބެލުމުގެ ދަށުންކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ޞާމިތަކީ ރާއްޖޭގައި އަލްޤާޢިދާގެ ޖަބަހަތުއް ނުޞްރާގެ ޝައިޚެވެ. އޭނާއަކީ އެ ޖަމާޢަތުގައި މީހުން ތަކުފީރުކޮށް ލޭ ހުއްދަކުރާ މައި ޝައިޚުކަމަށްވެސް އެއިރު މަރު ކޮމިޝަނުން ބުނެފައިވެއެވެ.

އިއްޔެ މަރު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޟްވާން ކަންނެލި އޮޑިއަކަށް ގެންގޮސް މަރައިލުމަށްފަހު ހަ މީހަކު ރާއްޖެއިން ފުރައިގެންދިޔަކަމަށް ބުނެފައިވެއެވެ. އެ ހަ މީހުން ފިޔަވައި ރިޟްވާން މަރައިލުމުގައި ޝާމިލުވީ މީހެއްގެ ވާހަކައެއް ކޮމިޝަނުން ނުދައްކައެވެ. އަދި ޞާމިތާއި މަޒީދުގެ ނަމެއް އަމުދުން ކޮމިޝަނުގެ މެންބަރުން 2 ގަޑިއިރެއްހައިއިރު ދެއްކެވި ވާހަކައިގެ ތެރޭ ނުހިމެނުނެވެ.

އަދި ރިޟްވާން މަރައިލިއިރު ކަންނެލި އޮޑީގައި ސޫރިޔާއަށް ދިޔަކަމަށް މަރު ކޮމިޝަނުން ބުނެފައިވާ ހަ މީހުން ފިޔަވައި އިތުރު ބަޔަކު ތިބިކަން އަދި ތިބިނަމަ ތިބީ ކިހާ އަދަދެއްގެ ބައެއްކަން ކޮމިޝަނުން ހާމަނުކުރެއެވެ. އެ ދޯނީގައި އިތުރު ބަޔަކު ތިބީ ކިހާ ބައެއްތޯ ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރުމުންވެސް އެ ސުވާލަށް މަރު ކޮމިޝަނުން ޖަވާބެއް ނުދެއެވެ.

ދައުލަތުގެ މައި ހެކިވެރިޔާގެ ބައިވެރިވުމަށް ފަސްއެޅުން

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރިޟްވާނުގެ މަރާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާ ގުޅުވައިލުމަށް، މިހާރު ސޫރިޔާގައި މަރުވެފައިވާ މީހަކު މީހެއް ކައިރީ ބުނިކަމަށް ބުނެ ވަރަށް ގިނަ ވާހަކަތައް ދައްކާފައިވެއެވެ. އެ ވާހަކަތައް މަރު ކޮމިޝަނަށް ބުނެދިން މީހަކީ މީހުން ސޫރިޔާއަށް ފޮނުވުމުގައި ހަރަކާތްތެރިވި މީހެއްކަމަށް މަރު ކޮމިޝަނުން ބުނެފައިވާއިރު އެއީ ކާކުކަން ބުނެފައިނުވެއެވެ.

ނަމަވެސް މަރު ކޮމިޝަނުގެ ވާހަކަތަކުން އެކީ ގެއްލުނު އެއް ނަމަކީ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ ނަމެވެ. އަދީބަކީ ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ކުރަމުންދާ ތަފާތު ގިނަ ދައުވާތަކުގައި ދައުލަތުގެ މައި ހެކިވެރިޔާއެވެ. އެ ދައުވާތަކުގެ ވާޤިޢާތައް ހިނގިކަން ބިނާކުރަނީ އަދީބު ދައްކަވާ ވާހަކަފުޅުގެ މައްޗަށެވެ. ދެން ހެކި ހޯދަނީ އަދި ހުށަހަޅަނީ އަދީބު ދެއްކެވި ވާހަކައަކީ ތެދުކަން ދައްކުވައިދިނުމަށެވެ.

މަރު ކޮމިޝަނުން ފުރަތަމަ އެކުލަވައިލި ރިޕޯޓާ ގުޅިގެން މައުލޫމަތު ދިނުމަށް 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޢޫދުވަނީ އަދީބަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ރިޟްވާން ފިލައިގެން ސޫރިޔާއަށް ގޮސް އެ ޤައުމުގައި މަރުވިކަން ދެއްކުމަށް ރިޟްވާނުގެ ޕާސްޕޯޓު ކޮޕީއެއް ހޯއްދެވުމަށް ފުލުހުންގެ ދެ އިންޓެލް އޮފިސަރަކު އެއިރުގެ ކޮންޓްރޯލާ އޮފް އިމިގުރޭޝަން އަރިހަށް އަދީބު ފޮނުއްވިކަމަށް ސުއޫދު ވިދާޅުވިއެވެ.

ޕާސްޕޯޓު ހޯދުމަށް ބޭނުންވާ މަގުސަދަކީ، ރިލްވާން ރާއްޖެއިން ބޭރަށް ސީރިޔާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ކަމަށާއި ރިލްވާންއާ ގުޅޭ ގޮތުން ދައްކާ ވާހަކަތައް ހުއްޓުވުމަށް ކަމަށް އިންޓެލް އޮފިސަރުުން ކޮންޓްރޯލާ އަރިހުގައި ބުނެފައިވޭ. އެކަމަށް [އޭރުގެ އިމިގްރޭޝަން ކޮންޓްރޯލާ] އަލީ ހަސަން ބަޔާން ދެއްވާފައިވޭ،" ސުއޫދު ވިދާޅުވިއެވެ. މިފަހަރު މިވާހަކަވީ ކެންސަލެވެ.

ރައީސް ޔާމީނަށް މި މަރުގެ ހަގީގަތް ކިޔައިދިންކަމަށް މިހާރު މަރު ކޮމިޝަނުން ބުނާ މުނާޒު ޢަބްދުﷲ (މުނާއްކޮ) އަދީބަށް މެސެޖުކޮށް އަދީބުގެ ކިބައިން މި މައްސަލާގައި ހައްޔަރުކޮށްފައިހުރި މީހަކު މިނިވަންކޮށްދިނުމަށް އެދުނުކަން ތަހުގީގަށް އެނގިފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ. މި ވާހަކަ އިއްޔެގެ ނޫސް ކޮންފަރެންސްގައި މަރު ކޮމިޝަނުންވެސް ދެއްކިއެވެ. ނަމަވެސް އަދީބުގެ ނަމެއް އެ ވާހަކާގައި ނުގެނެއެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި އުފުލި ގިނަ ދައުވާތަކަކަށް އިއުތިރާފުވެ 20 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވާއިރު، ޖަލުން ގެއަށް ބަދަލުކޮށް ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ ލަގްޒަރީ އެޕާޓުމެންޓެއްގައި އަދީބު ބަހައްޓާފައި ހުންނަވާތާ މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސްވީއެވެ. އަދި އަދީބާއެކު އެއްބަސްވުމެއް ހަދައިގެން ޖިނާއީ ބައެއް ދައުވާތައް އަދީބުގެ ނުއުފުލަން ދައުލަތުންވަނީ ޖާމިނުވެފައެވެ.

އެއިރު މަރު ކޮމިޝަނުން ހާމަކުރި ވާހަކަތައް ހާމަކުރަމުން ސުއޫދު ވިދާޅުވެފައިވަނީ އަދީބުގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން އަދުލު އިންސާފަށް ހުރަސްއެޅުމުގެ ދައުވާ އަދީބުގެ މައްޗަށް ކުރެވޭނެކަމަށް ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވިއެވެ. އެހެން ވިދާޅުވިފަހުން ތިން އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވީއެވެ. މިހާތަނަށް އަދީބުގެ މައްޗަށް މި މައްސަލާގައި އެންމެ ދައުވާއެއްވެސް ނުކުރެއެވެ.

ކޮންމެވެސް އެއް އިރެއްގައި އޮޅުވައިލުން

2019 ވަނަ އަހަރު ހުސްނުއް ސުއޫދު އިސްކޮށް ހުންނަވައިގެން ހިންގެވި ތަހުގީގަށްފަހު އަދީބުގެ މައްޗަށް ދައުވާނުކުރުމާއި، އެއިރު ރިޟްވާން މަރައިލިކަމަށް މަރު ކޮމިޝަނުން ބުނި މީހާގެ ނަމާއި އެ މީހާގެ ވާހަކަތައް މިހާރު ކޮމިޝަނުން ދައްކާ ވާހަކަތަކުން ގެއްލުމުން އުފެދެނީ ގިނަ ބޮޑެތި ސުވާލެވެ.

އެތައް ބައެއްގެ ނަންތައް ހިމަނައިގެން 2019 ވަނަ އަހަރު މަރު ކޮމިޝަނުން އެކުލަވައިލި ރިޕޯޓަކީ އެއްވެސް އަސްލެއް ނެތް ރިޕޯޓެއްތޯއެވެ؟ އެ ރިޕޯޓުގައި ހިމެނި ނަންތަކަކީ އެއްވެސް ޙަޤީޤަތެއް ނެތި މި މައްސަލައާ ގުޅުވައިލި ނަންތަކެއްތޯއެވެ؟ އެހެންކަމަށްވާނަމަ ސުއޫދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ބައިންދަން ހެޔޮވާނެ ބޭފުޅެއްތޯ ސުވާއު އުފެދެއެވެ.

އަނެއް ސުވާލަކީ އެއިރު އެކުލަވައިލި ރިޕޯޓަށް އަލަށް އިތުރުކުރި ހަމައެކަނި ވާހަކައަކީ ރައީސް ޔާމީނާ މި މަރާ ގުޅުވައިގެން އިތުރުކުރި ވާހަކަ ކަމުގައިވާތީ، 2019 ސެޕްޓެންބަރުން ފެށިގެން 2022 ޑިސެންބަރާ ދެމެދުގައި މަރު ކޮމިޝަނުން ކުރި ތަހުގީގަކީ ކޮބައިތޯ ސުވާލު އުފެދެއެވެ. ލިބުނު އައު ހެއްކެއް ހާމަނުކުރެއެވެ. އިތުރު މުއްތަހަމެއްގެ ނަމެއް ނެތެވެ. އޮތީ ސިޔާސީ ވާހަކަތަކެއްކަމަށް ބެލުމުގެ ފުރުސަތު ބޮޑުވަނީ ވާހަކައަށް އައި ބަދަލާއި އިތުރުކުރި ވާހަކައިގެ ބުރަދަން ކުޑަވުމުންނެވެ. ކުރީ ސަރުކާރު ކިޔުން ފިޔަވައި އެއަށް ބިނާކޮށް ކަމެއް ކުރެވޭ ޒާތުގެ ވާހަކަތަކެއް ދެއްކިފައި ނެތުމުންނެވެ.

މި ލިއުމާއި ގުޅޭ