ތަމްރީނު ޕްރޮގްރާމެއްގައި ކ.އަތޮޅު 3 ކައުންސިލަރަކު އިންޑިއާއަށް ދާން ވިސާއަށް އެދުމުން ވިސާ ދޭން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ދެކޮޅު ހަދައިފިއެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިންޑިއާ ގުޅިގެން ޑިސެމްބަރު 19 އިން 31 އަށް ހިންގުމަށް ރާވާފައިވާ މި ތަމްރީނު ޕްރޮގްރާމް އަމާޒުކޮށްފައިވަނީ އަތޮޅު ކައުންސިލްގެ ރައީސުންނާއި ނައިބު ރައީސުން، އަދި ސިޓީ ކައުންސިލްގެ މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުންނަށެވެ.
ކ.އަތޮޅު ކައުންސިލްގެ ރައީސް އަދި ޕީއެންސީގެ ނައިބު ރައީސް ނިމާލް އަކީ އިންޑިއާ އައުޓް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅާކަށްވާތީ ނިމާލް ވަނީ މިދަތުރުގައި އުނދަގޫތަކެއް ދިމާވެދާނެ ކަމަށް ބަލައި، ނައިބު ރައީސް އާއި އެކު އެހެން މެމްބަރަކު ފޮނުވިދާނެތޯ އެލްޖީއޭގައި ދަންނަވާފައެވެ. އެލްޖީއޭއިން ވަނީ ކައުންސިލް ނައިބު ރައީސް އާއި އެކު އިތުރު ދެ މެމްބަރުންނަށް ފުރުސަތު ލިބޭނެ ކަމަށް އަންގާފައެވެ.
އެލްޖީއޭގެ މި އެންގުމާއި އެއްގޮތަށް ނައިބު ރައީސްއާއި ދެ ކައުންސިލަރުން ވިސާ ހޯދަން އިންޑިއާ ހައިކޮމިޝަނަށް ހުށަހެޅުމުން ހައިކޮމިޝަނުން އެ 3 ބޭފުޅުންނަށްވެސް ވިސާ ދޭން ދެކޮޅު ހަދާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ 3 ނަންވެސް ގަބޫލުކުރެވެން ނެތް ކަމަށް އެލްޖީއޭ އިން ވަނީ އަންގާފައެވެ.
މިކަމާ ގުޅިގެން ކ.އަތޮޅު ކައުންސިލްގެ ރައީސް ނިމާލް ވަނީ އިންޑިއާއަށް ފާޑުވިދާޅުވެ ޓުވީޓު ކުރައްވާފައެވެ. މިގޮތުން ނިމާލްގެ ޓުވީޓުގައި ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ދެކޮޅު ހަދާކަމަށް ވިދާޅުވެފައެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ދެކޮޅު ހަދާ ފަރާތްތަކަށް އިންޑިއާއިން ވިސާ ނުދިނުމަކީ އާންމުކަމެކެވެ.