Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ރިލްވާންގެ މަރާއި ގުޅިގެން ނެރުނު ރިޕޯޓަކީ އިންޑިއާ އާއި ސޯލިހް ގުޅިގެން ނެރުނު ރިޕޯޓެއް: އިދިކޮޅު

ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މަރާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނާ ގުޅުވައިލުމަށް، ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓަކީ އިންޑިއާ އަޑީގައި އޮވެ ރައީސް އިބްރާހިމް ސޯލިހްގެ ސަރުކާރުން ނެރުނު ރިޕޯޓެއް ކަމަށް އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.

ގޮތް ނޭނގޭ މަރުތައް ތަހުގީކުރަން ކަމަށް ބުނެ ރައީސް ސޯލިހް އުފެއްދި ކޮމިޝަނުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ކޮމިޝަނުގެ ނައިބުރައީސް މިޞްބާޙު ޢައްބާސް ވަނީ ރައީސް ޔާމީން އާ، ރިޟްވާނުގެ މަރާ ގުޅުވާލައިގެން ވާހަކަދައްކަވައިފައެވެ.

މިމައްސަލައާ ގުޅިގެން މިރޭ އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ "މީއީ އިންޑިއާ އާއި ރައީސް ސޯލިހްގެ ސަރުކާރާ، މި މީހުން ގުޅިގެން ނެރެގެން އުޅޭ ރިޕޯޓެއް މި ރިޕޯޓެއް. މީގެ އަޑީގައި ވެސް އޮންނާނީ އިންޑިއާ. ކޮންމެ ގޮތަކުންވެސް އެބަ ބޭނުންވޭ ދިވެހިރާއްޖޭގެ 2023 ވަނަ އަހަރުގަ ބާއްވާ ރިޔާސީ އިންތިޚާބުގެ ކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަން ނޯން ނާނެ ގޮތެއް ހަދަން" ބޭނުންވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ﷲ އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ނުވާނެ ކަމަށާއި 2023 ވަނަ އަހަރުގަ ބާއްވާ ރިޔާސީ އިންތިޚާބުގެ ކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަން އޮންނާނެ ކަމަށެވެ.

ރައްޔިތުން ތިބީ އެދުވަހަށް އެދި އިންތިޒާރުގައި ރައީސް ޔާމީންގެ ނަންފުޅުގައި ފާހަގަ ޖެހުމަށް ކެތްމަދުވެފައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހްގެ ވެރިކަމުގައި ހިނގާފައިވާ ގޮތް ނޭނގޭ މަރުތަކުގެ ތަހުގީގުކޮށް ދިނުމަށް އިދިކޮޅުން ވަނީ ގޮވައިލައްވައިފައެވެ.

މީގެ އިތުރުން އިދިކޮޅުން ބުނެފައިވަނީ މި ސަރުކާރު ވެރިކަމަށް އައިސް ރިލްވާނުގެ މައްސަލަ ތަހުގީގު ކުރި ކޮމިޝަނުގެ ރައީސް ހުއްސުނުއްސުއޫދު ވެސް ވަނީ ރިލްވާންގެ މަރާއި ރައީސް ޔާމީން އާ ގުޅުވޭނެ އެއްވެސް ހެއްކެއް ނެތްކަމަށް މީޑިއާގައި ވިދާޅުވެފައި ކަމަށެވެ.

އެހެންކަމުން މިހާރު ކުއްލިއަކަށް މިމައްސަލަ ހިލިގެން އުޅޭ ސަބަބެއްކަމަށް އިދިކޮޅުން ބުނެފައިވަނީ މިސަރުކާރުން ކުރަމުންގެންދާ ކަންކަން ރައީސް ޔާމީން އިސްވެ ހުރެ ހާމަކުރައްވަމުން ގެންދަވާތީ ރައީސް ޔާމީންގެ މަގުބޫލުކަން ރައްޔިތުންގެ މެދުގައި އިތުރުވަމުންދާތީ ކަމަށެވެ.

އަދި މި ސަރުކާރުން ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން އަށް ވާދަ ނުކުރެއްވޭނެ ގޮތެއް އޮތްތޯ ބަލަމުންދާކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. ކޯޓުގައި މިހާރު ހިނގާ މައްސަލައަކީ ވެސް އޭގެ އެއް ބޮޅުކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

މި ލިއުމާއި ގުޅޭ