މަރު ކޮމިޝަނުން ރައީސް ޔާމީންގެ މައްޗަށް ކުރި ދޮގުތުހުމަތާއި ގުޅިގެން އަބުރުގެ ދައުވާ ކުރަން ނިންމާފައިވާ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ގާނޫނޫ ވަކީލުންގެ ޓީމުން ހާމަކޮށްފިއެވެ.
ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މަރާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނާ ގުޅުވައިލުމަށް، ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން ވަނީ މަސައްކަތް ކޮށްފައެވެ.
މިކަމާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނޫ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނުން ތަހުޤީޤުކުރި، ކ. މާލެ / މ. ޝައިނިންގ ސްޓަރ އަޙްމަދު ރިޟްވާން ޢަބްދުﷲގެ މައްސަލައާގުޅިގެން އެ ކޮމިޝަނުން މިއަދު 15 ޑިސެމްބަރ 2022 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އަޙްމަދު ރިޟްވާން ޢަބްދުﷲ މަރާލުމުގެ ޢަމަލު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތަކާ އޭރުގެ ސަރުކާރުގެ އެންމެ އިސް ވެރިންނާ ގާތް ގުޅުންތަކެއް އޮތްކަން ކޮމިޝަނަށް ފާހަގަކުރެވޭކަމަށް ބުނެފައިވާ ކަމަށެވެ.
އެގޮތުން އެ މައްސަލައިގައި ތުހުމަތުކުރެވޭ ތ. އޮމަދޫ ނަރުގިސްވިލާ މުޙައްމަދު މުނާޒް، ސީރިއާއަށް ފުރުމުގެ ކުރިން އޭރުގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް އޭނާގެ ބައިވެރިވުން ނުހިމެނޭ ގޮތަށް އަހްމަދު ރިޟްވާން ޢަބްދުﷲ ގަދަކަމުން ކާރަކަށް ލައިގެން ގެންގޮސް މަރާލުމުގައި ބައިވެރިވި މީހުންނާއި، އެކަން ކުރިގޮތް ކިޔައިދީފައިވާ ކަމަށް ކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި، އޭނާ ސީރިއާއަށް ފުރައިގެން ގޮސްފައިވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އެހީތެރިކަމާއެކު ކަން ތަހުޤީޤަށް އެނގިފައިވާކަމަށް ބަޔާންކޮށް، އަޅުގަނޑުމެންގެ މުވައްކިލު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ގުޅޭގޮތުން އެ ކޮމިޝަނުގެ މެންބަރު ގދ. ރަތަފަންދޫ ބަހާރީވިލާ މިޞްބާޙް ޢައްބާސް ދައްކާފައިވާ ވާހަކަތަކަކީ، އެއްވެސް ޙަޤީޤަތެއް އެކުނުލެވޭ ދޮގު ވާހަކަތަކެއް ކަމަށެވެ.
"އަޅުގަނޑުމެންގެ މުވައްކިލަކީ، ކުރިއަށް އޮތް 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓްކަމަށްވާއިރު، މިފަދަ ޖިނާއީ ބޮޑު ކުށެއް ތަހުޤީޤުކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ކޮމިޝަނެއްގެ މެންބަރެއްގެ ގޮތުގައި ހުރެ، އަޅުގަނޑުމެންގެ މުވައްކިލާ ގުޅޭގޮތުން މިފަދަ އަޞްލެއް ނެތް ވާހަކަތަކެއް ބުނިބުންޏަށް ދެއްކުމަކީ ވަކި ފަރާތަކަށް ސިޔާސީ މަންފާ ހޯދައިދިނުމުގެ ގޮތުން އަޅުގަނޑުމެންގެ މުވައްކިލުގެ އަބުރު ކަތިލައި، ރައްޔިތުންގެ މެދުގައި އެމަނިކުފާނަށް އޮތް މަޤުބޫލުކަން ކުޑަކުރުމަށްޓަކައި ދުރާލާ ރާވައިގެން މިޞްބާޙް ޢައްބާސް ހިންގާފައިވާ ވަރަށް ދަށްފަންތީގެ ސިޔާސީ ސްޓަންޓެއްކަމަށް ދެކެން" ކަމަށެވެ.
ގާނޫނޫ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ މުވައްކިލުގެ އަބުރު ނަގާލުމަށްޓަކައި މިޞްބާޙް ޢައްބާސް ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮތު ވާހަކަތަކެއް ދައްކާފައިވާތީ، މުވައްކިލުގެ އަބުރު ނަގައިލުމުގެ ދަޢުވާ މިޞްބާޙް ޢައްބާސްއާ ދެކޮޅަށް ކުރުމަށްޓަކައި، މައްސަލައިގެ ދަޢުވާ ފޯމު މިހާރު ތައްޔާރުކުރަމުން އަންނަ ކަމަށެވެ. އަދި މިކަމުގައި އަޅަންޖެހޭ ޤާނޫނީ އެންމެހައި ފިޔަވަޅެއް ލަސްކުރުމެއް ނެތި އަޅަމުންދާނެ ކަމަށް ގާނޫނޫ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ދެކޮޅަށް އެއިރުގެ އިދިކޮޅު ފަރާތްތަކުން ކުރަމުން އައި ބޮޑެތި ތަފާތު ތުހުމަތުތަކުގެ ތެރޭގައި އެމަނިކުފާނާއި ރިޟްވާނާއި ޑރ. އަފްރާޝީމުގެ ޤަތުލާ ގުޅުން އޮތްކަމަށް ކުރި ތުހުމަތު ހިމެނެއެވެ. އެއިރުގެ އެ ތުހުމަތުކުރެއްވި ބޭފުޅުން ހިމެނޭ ސަރުކާރަށް 4 އަހަރަށްވުރެ ގިނަ ދުވަސްވީއިރު އެއިން ތުހުމަތަކަށް ބާރުދޭ ހެއްކެއް މިހާތަނަށް ހޯދިފައިނުވާކަން ފާހަގަ ކުރެވެއެވެ.