Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ސަރުކާރުން އަންގައިގެން ރައީސް ޔާމީނާ ރިޟްވާނުގެ މަރާ ގުޅުވައިލަން މަރު ކޮމިޝަނުން މަސައްކަތްކުރަނީ

ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މަރާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނާ ގުޅުވައިލުމަށް، ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން މަސައްކަތްކޮށްފިއެވެ.

މިއަދު މަރު ކޮމިޝަނުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީނާ ރިޟްވާނުގެ މަރާ ގުޅުވާލައިގެން ވާހަކަދެއްކެވީ ކޮމިޝަނުގެ ނައިބުރައީސް މިޞްބާޙު ޢައްބާސްއެވެ. ކޮމިޝަނުން ބުނާ ގޮތުގައި ރިޟްވާން ހުޅުމާލެއިން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް ޑިންގީއަކަށް ލައިގެން ގެންދިޔައީ ކަންނެލި ދޯންޏަކަށެވެ. އޭނާގެ ބޯ ބުރިކުރުމަށްފަހު ކަނޑު ފެއްތީ އެ ދޯނީގައި ތިބި ބަޔަކު ކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

ކޮމިޝަނުން ބުނާ ގޮތުގައި އެ ދޯނީގައި ތިބި މީހުންގެ ތެރެއިން ހަ މީހަކު ސޫރިޔާއަށް ގޮސް އެތަނުގައިވަނީ މަރުވެފައެވެ. އެ ހަ މީހުންގެ ތެރެއިން އެކަކު ސޫރިޔާއަށް ފުރުމުގެ ކުރިން ރައީސް ޔާމީނާ ބައްދަލުކުރި ކަމަށް މިޞްބާޙު ވިދާޅުވިއެވެ. އަދި އެމީހާ އޭނާ ނުހިމެނޭ ގޮތަށް ރިޟްވާނާމެދު ކަންކަން ހިނގި ގޮތް ތަފުސީލުކޮށް ރައީސް ޔާމީނަށް ކިޔައިދިން ކަމަށްވެސް އޭނާ ބުންޏެވެ. އަދި އެ ވާހަކަތައް ކޮމިޝަނާ ހިއްސާކުރީ އެ މީހާއާ ގުޅިގެން ސޫރިޔާއަށް މީހުން ފޮނުވުމުގައި ހަރަކާތްތެރިވި މީހެއްކަމަށް މިސްބާހު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމާ ބެހޭ ޤާނޫނުގެ ދަށުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް މީހުން ފޮނުވުމަކީ ޤާނޫނީ ކުށަކަށްވާއިރު، ރިޟްވާނުގެ މަރުގެ މައްސަލާގައި ޝާމިލުވާ މީހަކާ ގުޅިގެން ސޫރިޔާއަށް މީހުން ފޮނުވާކަމަށް މީހަކު މަރު ކޮމިޝަނުގެ ތަހުގީގުގައި އިއުތިރާފުވެފައިވާއިރު، މިހާތަނަށް އެމީހާގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައިނުވެއެވެ. އަދި އެ މީހަކީ ކާކުކަންވެސް މަރު ކޮމިޝަނުން ހާމަނުކުރެއެވެ.

ނަން ނޭނގޭ ކާކުކަން ހާމަނުކުރާ މީހަކު މިހާރު ދުނިޔޭގައި ނެތް މީހަކާ ހަވާލާދީ ދެއްކިކަމަށް ބުނާ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ރައީސް ޔާމީނުގެ އިސްތަށިފުޅުގައި މިވަރުގެ ތުހުމަތެއް އަޅުވާފައިވާއިރު އެ ތުހުމަތަށް ބާރުދޭ ހެއްކެއް އެބަހުރިތޯ "ދިޔަރެސް"އިން ސުވާލުކުރުމުން، މިސްބާހުގެ ވާހަކަ މުޅިން ބަދަލުކުރައްވައި ގިނަ ބަޔަކު އެގޮތަށް އެ ވާހަކަ މަރު ކޮމިޝަނަށް ކިޔައިދީފައިވާކަމަށް ވިދާޅުވިއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފުޓުބޯޅަ މެޗެއް ހުޅުވައިދެއްވަން ރައީސް ޔާމީނު ވަޑައިގެންނެވިއިރު އެތަނުގައި އަޒްލިފް ރައޫފް ހުރި ފޮޓޯއެއް އާންމުކޮށް ރައީސް ޔާމީނާ އަޒްލިފާ ގުޅުމެއް އޮތްކަމަށް ދައްކަން ކޮމިޝަނުން މަސައްކަތްކުރުމުން، މި މައްސަލާގައި ކުރިން ދައުވާކުރި މީހަކާއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފޮޓޯއެއް ނަންގަވާފައިވާއިރު އެ ފޮޓޯ އަދި އެ މީހާގެ ނަންވެސް މިފަހަރު މަރު ކޮމިޝަނުން ދެއްކި ވާހަކަތަކުގައި ނުހިމެނީ ކީއްވެތޯ "ދިޔަރެސް"އިން ސުވާލުކުރިއެވެ.

އެ ސުވާލުގެ ޖަވާބުގައި މަރު ކޮމިޝަނުގެ ރައީސް ފަރީޝާ ޢަބްދުﷲ ވިދާޅުވީ މިއަދު ދައްކައިލީ މި މަރުހަލާގައި ދެއްކުން މުހިއްމުވާ އަދި ދައްކައިލަންޖެހޭ ފޮޓޯތައް އެކަނި ކަމަށެވެ. އެހެންނަމަވެސް މި މައްސަލާގައި ތުހުމަތުކުރެވި ދައުވާކުރެވުނު މީހެއްގެ ނަން އެކީ މިއަދުގެ ވާހަކަތަކުން ގެއްލުނު ސަބަބެއް އޭނާއަކަށް ވިދާޅުވެނުދެއްވުނެވެ.

މީގެ ކުރިން މި މައްސަލަ ތަހުގީގުކޮށް ނިންމައި މަރު ކޮމިޝަނުން ރިޕޯޓެއް އާންމުކޮށްފައިވާއިރު އެ ރިޕޯޓުގައި ނެތްކަމަކަށް މިއަދުގެ ހުށަހެޅުމުގައި ހިމެނުނު ހަމައެކަނި އައު ކަމަކީ ރައީސް ޔާމީނާ މި މައްސަލަ ގުޅުވައިލުމެވެ. އެއިރު ކޮމިޝަނުގެ ރައީސަކަށް ހުންނެވި ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު ޙުސްނުއް ސުޢޫދުވަނީ ރިޟްވާނުގެ މަރާ ރައީސް ޔާމީނާ ގުޅުމެއް ނެތްކަމަށް ސާފުކޮށް އެއިރު ވިދާޅުވެފައެވެ.

ރައީސް ޔާމީނާ ރިޟްވާނުގެ މަރާ ގުޅުވައިލުމުގެ މަސައްކަތް މަރު ކޮމިޝަނުން ކުރި ސަބަބެއްކަމަށް ނަން ނުޖެހުން ޝަރުތުކޮށް "ދިޔަރެސް"އާ ވާހަކަދެއްކެވި ރައީސް އޮފީހުގެ އިސްވެރިޔަކު ޔަގީންކޮށްދެއްވި ގޮތުގައި މަރު ކޮމިޝަނުން ރިޟްވާނުގެ މަރާ ރައީސް ޔާމީނާ ގުޅުވައިލަން މަސައްކަތްކުރަނީ ސީދާ ސަރުކާރުން އަންގައިގެންނެވެ. މިކަމުގެ ބޭނުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ދެކޮޅަށް އަނެއްކާވެސް ރިޟްވާނުގެ މަރު ބޭނުންކުރުމެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ދެކޮޅަށް އެއިރުގެ އިދިކޮޅު ފަރާތްތަކުން ކުރަމުން އައި ބޮޑެތި ތަފާތު ތުހުމަތުތަކުގެ ތެރޭގައި އެމަނިކުފާނާއި ރިޟްވާނާއި ޑރ.އަފްރާޝީމުގެ ޤަތުލާ ގުޅުން އޮތްކަމަށް ކުރި ތުހުމަތު ހިމެނެއެވެ. އެއިރުގެ އެ ތުހުމަތުކުރެއްވި ބޭފުޅުން ހިމެނޭ ސަރުކާރަށް 4 އަހަރަށްވުރެ ގިނަ ދުވަސްވީއިރު އެއިން ތުހުމަތަކަށް ބާރުދޭ ހެއްކެއް މިހާތަނަށް ހޯދިފައިނުވެއެވެ.

މި ލިއުމާއި ގުޅޭ