ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ޤަތުލުކޮށްލި ކަންނެލި ދޯނީގައި އެ ވަގުތު ތިބީ ކިތައް މީހުންކަމެއް، ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް ބުނެނުދެވުނެވެ.
ރިޔާސީ ކޮމިޝަނުގެ ފަރާތުން ރިޟްވާނުގެ މަރު ތަހުގީގުކުރުމަށްފަހު އެކުލަވައިލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އެރުވި ރިޕޯޓާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ފަރީޝާ ޢަބްދުﷲ ދެއްވި ބަޔާނުގައި އޭނާ ވިދާޅުވެފައިވަނީ ރިޟްވާން ހުޅުމާލެއިން ކާރަކަށް އަރުވައިގެން ގެންގޮސް ޑިންގީއަކަށް އަރުވައިގެން ގެންދިޔައީ ކަންނެލި އޮޑިއަކަށް ކަމަށެވެ.
އަދި ކަންނެލި އޮޑިއަށް އެރުވުމަށްފަހު ޝަހާދަތް ލައިދިންކަމަށާއި، އެއަށްފަހު ރިޟްވާނު މަރައިލާ ކަނޑު ފެއްތިކަމަށްވެސް ފަރީޝާ ވިދާޅުވިއެވެ. ކޮމިޝަނުގެ މެންބަރު މިޞްބާޙު ޢައްބާސް ވިދާޅުވި ގޮތުގައި އެ ކަންނެލި އޮޑިއާއި ޑިންގީއަކީ މާލޭގެ ގޭންގުތަކާއި ހަރުކަށި ފިކުރުގެ މީހުން އެ މީހުންގެ މަސައްކަތްތަކަށް ބޭނުންކުރަމުން އައި ތަކެތިކަން ކޮމިޝަނަށްވަނީ އެނގިފައެވެ.
އަދި ކޮމިޝަނުން ބުނެފައިވަނީ އެ ކޮމިޝަނުގެ ތަހުގީގުން އެ އޮޑީގައި ތިބި ހަ މީހަކު ސޫރިޔާއަށް ގޮސް މަރުވެފައިވާކަން އެނގިފައިވާ ކަމަށެވެ. އެ ހަ މީހުންގެ ނަންތައްވެސް ކޮމިޝަނުންވަނީ މިއަދު ހާމަކޮށްފައެވެ. ނަމަވެސް އެ ހަ މީހުން ފިޔަވައި އިތުރު ބަޔަކު އެ ދޯނީގައި ތިބިކަން ނުވަތަ ނެތްކަންވެސް ކޮމިޝަނުން ހާމަނުކުރެއެވެ.
ކޮމިޝަނުގެ ބަޔާނަށްފަހުގައި ނޫސްވެރިންނަށް ސުވާލުކުރަން ލިބުނު ފުރުސަތުގައި ތިން ނޫސްވެރިޔަކުވަނީ ތަފާތު ތިން ފަހަރެއްގެ މަތިން އެ ދޯނީގައި ތިބީ ކިތައް މީހުންތޯ ސުވާލުކޮށްފައެވެ. އެހެންނަމަވެސް އެ ކޮމިޝަނަށް ދޯނީގައި ތިބި މީހުންގެ އަދަދު ބުނެދެވިފައިނުވެއެވެ. އެ ސުވާލުގެ ޖަވާބުގައި ފަރީޝާއާއި މިސްބާހުވެސް ތަކުރާރުކޮށް ވިދާޅުވެފައިވަނީ ދޯނީގައި ތިބި މީހުންގެ ތެރެއިން ހަ މީހަކު ސޫރިޔާއަށް ގޮސް އެ ޤައުމުގައި މަރުވެފައިވާ ކަމަށެވެ.
މިއަދު ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދައްކާފައިވާ ގިނަ ވާހަކަތަކަކީ ކުރިން ރިޔާސީ ކޮމިޝަނުން މި މައްސަލާގައި ތައްޔާރުކުރި ރިޕޯޓުގައިވެސް ހިމެނުނު ކަންކަމެވެ. އެކަންކަމުގެ އިތުރަށް އަލަށް ހިމަނާފައިވާ ހަމައެކަނި ވާހަކަތަކަކީ ކުރީ ސަރުކާރަށް އަމާޒުކުރާ ތުހުމަތުތަކެވެ. އެގޮތުން "ތަފާތު ޚިޔާލު"ގެ މީހުންނަށް ބިރުދައްކަމުން ދިޔަ މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް އައިސް އެކަންކަން ހުއްޓުވަން މަސައްކަތްކޮށްފައިނުވާކަމަށް ތަކުރާރުކޮށް ކޮމިޝަނުން ބުނެފައިވެއެވެ.
އޭގެ އިތުރަށް މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ކޮމިޝަނުން އެންމެ ބޮޑަށް މަސައްކަތްކުރީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނާއި ރިޟްވާނުގެ މަރާ ގުޅުވައިލުމަށެވެ.