ސޯޝަލް މީޑިއާގައި އިސްލާމް ދީނާއި ދެކޮޅު ހިޔާލު ފާޅުކޮށް، ދީނައް ފުރައްސާރަ ކުރަމުން އަންނަ މީހުން ސިފަ ކުރުމަށް މަރު ކޮމިޝަނުން މިހާތަނަށް ބޭނުން ކުރަމުން އައި "މިނިވަން ފިކުރު" މި ލަފުޒުގެ ބަދަލުގައި އާ ލަފުޒެއް މިއަދު ބޭނުންކޮށްފިއެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާން ގެއްލުމާއި ގުޅޭގޮތުން މަރުކޮމިޝަނުން ތައްޔާރުކުރި ރިޕޯޓާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ކޮމިޝަނުގެ ރައީސާ ފަރީޝާ ވިދާޅުވީ ރިޟްވާން ގެއްލުވާލި ދުވަސްވަރަކީ "ތަފާތު ހިޔާލު ތަކުގެ މީހުންނަށް" ހަރުކަށި މީހުންގެ ފަރާތުން ބިރު ދެއްކުމާއި ނުރައްކާތަށް ކުރިމަތިވެފައިވާ ދުވަސްވަރެއް ކަމަށެވެ. މިގޮތުން ސޯޝަލް މީޑިއާގައި "ތަފާތު ހިޔާލުތައް" ފާޅުކޮށް އުޅޭ މީހުންނަށް ފާރަލައި، އެމީހުންގެ ފޯނުތައް އަތުލައި، އިންޒާރު ދީފައިވާ ކަަމަށް ފަރީޝާ ވިދާޅުވިއެވެ.
މީގެ އިތުރުން ފަރީޝާ ވިދާޅުވި ގޮތުގައި ރިޟްވާނަކީވެސް ސޯޝަލް މީޑިއާގައި މިދެންނެވި ގޮތަށް ތަފާތު ހިޔާލުތައް ފާޅުކުރަމުން އަައި މީހެއް ކަމަށެވެ.
އަދި ތަފާތު ހިޔާލުތައް ފާޅުކުރަމުން ދިޔަ މީހުން 2011 ވަނަ އަހަރު ކުރި މުޒާހަރާއަކަށް "ހަރުކަށި" މީހުން ގޮސް ހަމަނުޖެހުން ހިންގި ކަމަށާއި އޭގެ ތެރޭގައި ރިޟްވާން ގެއްލުވާލި މައްސަލާގައި މިހާރު ހައްޔަރުކޮށްފައިވާ މީހަކު ހިމެނޭ ކަމަށް ފަރީޝާ ވިދާޅުވިއެވެ.
ތަފާތު ހިޔާލުގެ މީހުން ކުރި ކަމަށް ފަރީޝާ ވިދާޅުވި މުޒާހަރާއަކީ ދިވެހިރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށާއި އެއްޖިންސުން ގުޅުން ހިންގުމުގެ މިނިވަންކަން ދިނުމަށް ގޮވާލައި ކުރި މުޒާހަރާއެކެވެ. އެ މުޒާހަރާ ސަރުކާރުން ނުހުއްޓުވުމުން ބަޔަކު ވަނީ ގޮސް މުޒާހަރާއަށް ހުރަސް އަޅާފައެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް އެކަމުގެ ސަބަބުން އަނިޔާވެފައިވެއެވެ. އެ މުޒާހަރާގެ ބައެއް ބައިވެރިންނަކީ އިސްލާމް ދީނަށް އުޅެން ބޭނުން ނުވާކަމަށް ބުނެ، އެކަމުގެ މިނިވަންކަމަށް ގޮވާލަމުން ދިޔަ މީހުންނެވެ.
މީގެ ކުރިން މަރު ކޮމިޝަނުގެ ރައީސްގެ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުންނެވިއިރު، މި މައްސަލައާއި ގުޅިގެން ވާހަކަ ދައްކަވަމުން، އެ މުޒާހަރާގެ ބައިވެރިންނާއި އެފަދަ ހިޔާލުތައް ސޯޝަލް މީޑިއާގައި ފާޅުކުރަމުން ދިޔަ މީހުން ސިފަކުރީ "މިނިވަން ފިކުރު" ގެ މީހުންގެ ގޮތުގައެވެ.
އެކަމާއިގުޅިގެން އޭރުވެސް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ސުއޫދާއި މަރުކޮމިޝަނަށް އަމާޒުވިއެވެ. މިގޮތުން ކޮންކަމެއް ކުރުމުގެ މިނިވަންކަން ނުލިބިގެން އުޅޭ ބައެއްތޯ ގިނަ ބަޔަކު ސުވާލުކުރިއެވެ.
ރިޟްވާން ގެއްލުވާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި މީހުންގެ ޝަރީއަތުގައި ޕީޖީއިން ވެސް ބޭނުން ކުރަނީ "މިނިވަން ފިކުރު" މި ލަފުޒެވެ. އޭގެ މާނަ އަކީ ކޮބައިތޯ ސުވާލު ކުރުމުން ޕީޖީ އިން ވަނީ އެ ލަފުޒުގެ މާނަ ބުނެދެވޭނީ ސިއްރު އަޑުއެހުމެއްގައި ކަމަށް ބުނެފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، "ތަފާތު ހިޔާލު" ގެ މީހުންނަކީ ކޮބައިތޯ "ދިޔަރެސް" އިން ސުވާލު ކުރުމުން މަރު ކޮމިޝަނުގެ ރައީސާ ވިދާޅުވީ އެއީ ހަރުކަށި މީހުންނާއި ތަފާތު ހިޔާލު ފާޅުކުރާ މީހުންކަމަށެވެ. އެކަމަކު އެ ތަފާތު ހިޔާލަކީ ކޮބައިކަމެއް ފަރީޝާއަކަށް ބުނެދެވިފައިނުވެއެވެ.