ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުވައިލި މައްސަލާގައި ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓު ރިޔާސީ އިންތިޚާބާ ކައިރިކޮށް އާންމުކުރަން ނިންމައިފިއެވެ.
ރިޟްވާނުގެ މަރާ ގުޅިގެން އެކުލަވައިލާފައިވާ ރިޕޯޓު ރިިޔާސީ ކޮމިޝަނުގެ މެންބަރުން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އޮންނަ ބައްދަލުވުމެއްގައި އެ ރިޕޯޓު ކޮމިޝަނުގެ މެންބަރުން ރައީސަށް އަރުވާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރިލްވާން، ހުޅުމާލޭގައި ދިރިއުޅެމުންދިޔަ ގެ ކައިރިން ވަގަށް ނަގައި ގެއްލުވާލާފައިވަނީ އޮގަސްޓް 8، 2014 ގަ އެވެ. އޭނާއަށް ވީގޮތެއް ނޭނގި ގިނަދުވަސްވެފައި ވަނިކޮށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ރިލްވާންއަށް އިންސާފު ހޯދައިދޭނޭކަމަ ވައުދުވިއެވެ.
ރައީސް ޞާލިހު ވެރިކަމާ ހަވާލުވެވަޑައިގެން އެކުލަވާލި މަރު ކޮމިޝަނުން 2019 ވަނަ އަހަރު އެ މައްސަލައިގައި ނެރުނު ރިޕޯޓުގައި ސިއްރު ހެކިވެރިއަކާ ހަވާލާދީ ބުނެފައިވަނީ ރިލްވާން ދޯންޏަކަށް އެރުވުމަށްފަހު އޭނާގެ ކަރު ބުރިކޮށްލައި، ކަނޑު ފައްތާފައިވާ ކަމަށެވެ.
ރިލްވާން ގެއްލުވާލި މައްސަލައާއި ގުޅިގެން ރައީސް ޔާމީންގެ ވެރިކަމުގައި ޖިނާއީ ތަހުގީގުކޮށް ބައެއް ފަރާތްތަކުގެ މައްޗަށް ދައުވާކުރިއެވެ. ނަމަވެސް އެފަހުން ރައީސް ޞާވެރިކަމާއި ހަވާލުވުމަށްފަހު އިތުރު އާ ތަހުގީގެއް ހިންގާފައި ނުވާއިރު މިހާރު ވަނީ އެ މައްސަލާގައި ބައެއްގެ މައްޗަށް ދައުވާކޮށްފައެވެ.
މި މައްސަލާގައި ދައުވާކޮށްފައިވަނީ ފާއިތުވި ޖޫން މަހުގެ ތެރޭގައި ހައްޔަރުކުރި ތިން މީހުން ކަމުގައިވާ އިސްމާއީލް އަބްދުއްރަހީމް އާދަމް (އިސޫ)އާއި، އަޙްމަދު އިސްމާއީލް (އަހަދު) އަދި އަޙްމަދު މުއާޒު (ގަޓު މުއާ)ގެ މައްޗަށެވެ.
މީގެ ތެރެއިން އިސޫގެ މައްޗަށް ދައުވާކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ)އާއި (ށ)އާއި 3ވަނަ މާއްދާއާ ޙަވާލާދީ އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.
ދައުވާކުރުމުގެ ސަބަބު ކަމަށް ޕީޖީ އޮފީހުން ބުނެފައިވަނީ ރިޟްވާން ރަހީނުކޮށް މަރައިލުމަށް 2014 ވަނަ އަހަރުގެ ތެރޭގައި އިސޫ ރިޟްވާނަށް ފާރަލައި ރިޟްވާން ރަހީނުކޮށް މަރައިލުމުގައި އެހީތެރިވެފައިވާތީ ކަމަށެވެ.
އޭގެ އިތުރަށް ޔާމީން ރަޝީދު ބްލޮގުގައި އިސްލާމްދީނާ ފުށުއަރާ ވާހަކަތައް ލިޔާ ކަމަށް ބުނެ، 23 އޭޕްރީލް 2017 ވަނަ ދުވަހުގެ ރޭގައި ޔާމީން ރަޝީދު އަނިޔާވެރި ގޮތެއްގައި މަރާލުމަށްޓަކައި، އޭނާއަށް ފާރަލައި، ޔާމީން މަރައިލުމަށް އެހީތެރިވެފައިވާކަމަށް ތުހުމަތުކޮށެވެ.
އަހަނދުގެ މައްޗަށް ދައުވާކޮށްފައިވަނީ ޓެރަރިޒަމް މާނަކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާއާއި (ހ)އާއި (ކ)އާއި އެ ޤާނޫނުގެ 3 ވަނަ މާއްދާއާ ހަވާލާދީ އެ ޤާނޫނުގެ ހަވަނަ މާއްދާގެ (ހ)ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.
އަހަންދުގެ މައްޗަށްވެސް ތުހުމަތުކުރަނީ ޔާމީން ރަޝީދާއި ރިޟްވާން މަރައިލުމުގެ ކަންކަން ރާވައި އިންތިޒާމުކޮށް އެހެން ބަޔަކު މެދުވެރިކޮށް 8 އޯގަސްޓު 2014 ދުވަހުގެ ދަންވަރު އަޙްމަދު ރިޟްވާން މަރައިލުމެވެ.
ދެން ދައުވާކޮށްފައިވާ ގަޓު މުއާގެ މައްޗަށްވެސް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާއާއި ހަވަނަ މާއްދާގެ ދަށުން ދައުވާކޮށްފައިވާއިރު އޭނާއަށްވެސް ދައުވާކުރަނީ ރިޟްވާން މަރައިލުމުގެ ކަންކަން ރާވައި އިންތިޒާމުކުރުމާއި، އެހެން ބަޔަކު މެދުވެރިކޮށް ރިޟްވާން މަރައިލިކަމަށެވެ.
"ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތިން މީހުންނާ ތަހުގީގުގައި ރިޟްވާންގެ މަރާއި ޔާމީނުގެ މަރާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް ކޮށްފައިނުވެއެވެ. އަދި އެ މީހުންނާ އެ މަރުތަކާ ގުޅުވައިލާނެ ބުރަދަންހުރި ހެއްކެއްވެސް ލިބިފައި ނެތެވެ.
ނަން ނުޖެހުން ޝަރުތުކުރައްވައި "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ރައީސް އޮފީހުގެ އިސްވެރިޔަކު ވިދާޅުވީ ރަސްމީކޮށް މަރު ކޮމިޝަނުގެ ރިޕޯޓު ރައީސަށް އަރުވާފައިނުވި ނަމަވެސް އެ ރިޕޯޓުގެ ހުރިހާ ތަފުސީލެއް ރައީސަށް އަދި ރައީސް އޮފީހުގެ އިސްވެރިންނަށް މިހާރު އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ރިޕޯޓު އާންމުކުރުމަށް މިހާރު ވިސްނުން ހުރީ އަންނަ ރިޔާސީ އިންތިޚާބު ކައިރިވުމުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވި ގޮތުގައި މަރު ކޮމިޝަނުން މިހާރު އެކުލަވާލާފައިވާ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ހުރީ 2019 ވަނަ އަހަރު އެ ކޮމިޝަނުން އެކުލަވައިލައި އާންމުވި ރިޕޯޓުގައިވެސް ހުރި ވާހަކަތައް ކަމަށެވެ. އެހެންކަމުން އައު ކަންކަން އެ ރިޕޯޓުން ފެންމަތިވުމުގެ ފުރުސަތު ކުޑަކަމަށް އޭނާ ވިދާޅުވިއެވެ.
ރިޟްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުތަކަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވައުދެއްކަމަށްވީ ނަމަވެސް މިހާތަނަށް އެ ދެ މައްސަލާގައިވެސް އެކަށީގެންވާ ތަހުގީގުތަކެއް ކުރެވި އައު މަސައްކަތްތަކެއް ކުރެވިފައިނުވާކަން ފާހަގަކުރެވެއެވެ.
މީގެ އަހަރެއްހައި ދުވަސްކުރިން ރާއްޖޭގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ރިލްވާންގެ ދައްތަ ވަނީ ރައީސް ޞާލިހް ވެރިކަމަށް އައީ ރިޟްވާންގެ ނަން ސިޔާސީ ގޮތުން ބޭނުންކުރައްވައިގެން ކަމަށާއި، އިންސާފު ހޯދައިދިނުމުގައި ސަރުކާރު ފެއިލްވެފައިވާކަމަށް ބުނެފައެވެ.
"އެ ކުދިންގެ ނަން ބޭނުން ކުރައްވައިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގަތީ" ރިޟްވާނާއި ޔާމީނަށް އިންސާފު ލިބޭނެ ކަމުގެ އަޒުމުގައި މި ސަރުކާރަށް ވެރިކަން ހޯދައި ދިނުމަށް ބުރަކޮށް މަސައްކަތް ކުރި ޝެހެނާޒް އޭރު ބުނެފައިވެއެވެ.
އޭގެއިތުރުން ރިލްވާންގެ ބައްޕަވެސް ދާދިފަހުން ވަނީ ރިޟްވާންގެ މައްސަލަ އެމްޑީޕީއިން ބޭނުންކުރީ ސިޔާސީ ބޭނުމަށް ކަމަށް މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ބުނެފައެވެ.