ހިލޭ ކުރެވެން އޮތް ކަމެއް ކުރަން އިސްލާމިކް މިނިސްޓްރީން ފައިސާ ދީފައި މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
އެގޮތުން ދިވެހިރާއްޖޭގެ ވަގުފާބެހޭ ގާނޫނު އެކުލަވާލުމުގެ މަސައްކަތް ކުރާނެ ކޮންސަލްޓެންޓެއް ހޯދުމަށް މިނިސްޓްރީން މިހާރު ވަނީ ބީލަމަށް ހުޅުވާލާފައެވެ.
މިކަމާއި ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރުވެސް ވަގުފުގެ ގާނޫނުގެ ޑްރަފްޓް އަދި ފަންނީ ލަފާ މިނިސްޓްރީގައި ހުންނާނެކަމަށށާއި މިނިސްޓްރީން އިތުރު ހަރަދެއް ނުކޮށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އަށް އެކަމަށް އެދި ސިޓީ އެއް ފޮނުވުމުން ހިލޭ ސާބަހަށް އެކަން ކޮށްދޭނެކަމަށެވެ.
ޑރ. ޝަހީމް މިފަދައިން ވިދާޅުވެފައިވާއިރު އިސްލާމިކް މިނިސްޓްރީން ގެޒެޓުކުރި އިއުލާނެއްގައި ބުނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަދި އެ ގާނޫނުގެ ދަށުން ރެޖިސްޓްރީ ކުރަން ނުޖެހޭ ފަރާތްތަކަށް ބީލަން ހުޅުވާލެވިފައިވާ ކަމަށެވެ.
ބީލަން ހުޅުވާލާފައިވަނީ ދީނީ ދާއިރާއިން އަދި އިސްލާމިކް ފައިނޭންސް ދާއިރާއިން ކޮންސަލްޓެންސީ ދެވޭނެ ތަޖުރިބާ ހުރި ފަރާތެއް ހޯދުމަށެވެ. މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިސްލާމިކް މިނިސްޓްރީން މިފަދަ އިއުލާނެއްކޮށްފައިވާއިރު ރާއްޖޭގައި އެންމެ ފުރަތަމަ ވަގުފު އިމާރާތެއް ބިނާކޮށްފައިވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި އެއިރުގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިސްނެންގެވުމުގެ މަތިންނެވެ.