މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށްނަގައި ގެއްލުވާލި މައްސަލާގައި މަރު ކޮމިޝަނުން ހިންގި ތަހުގީގަށްފަހު އެކުލަވާލި ރިޕޯޓް މިއަދު ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އަރުވަން ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މަރު ކޮމިޝަނުގެ މެންބަރުން އެ ރިޕޯޓް ރައީސް ޞާލިހަށް އަރުވަނީ މިއަދުގެ މެންދުރު ފަހު ރައީސް އޮފީހުގައެވެ.
ރިލްވާން، ހުޅުމާލޭގައި ދިރިއުޅެމުންދިޔަ ގެ ކައިރިން ވަގަށް ނަގައި ގެއްލުވާލާފައިވަނީ އޮގަސްޓް 8، 2014 ގަ އެވެ. އޭނާއަށް ވީގޮތެއް ނޭނގި ގިނަދުވަސްވެފައި ވަނިކޮށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ރިލްވާންއަށް އިންސާފު ހޯދައިދޭނޭކަމަ ވައުދުވިއެވެ.
ރައީސް ޞާލިހު ވެރިކަމާ ހަވާލުވެވަޑައިގެން އެކުލަވާލި މަރު ކޮމިޝަނުން 2019 ވަނަ އަހަރު އެ މައްސަލައިގައި ނެރުނު ރިޕޯޓުގައި ސިއްރު ހެކިވެރިއަކާ ހަވާލާދީ ބުނެފައިވަނީ ރިލްވާން ދޯންޏަކަށް އެރުވުމަށްފަހު އޭނާގެ ކަރު ބުރިކޮށްލައި، ކަނޑު ފައްތާފައިވާ ކަމަށެވެ.
ރިލްވާން ގެއްލުވާލި މައްސަލައާއި ގުޅިގެން ރައީސް ޔާމީންގެ ވެރިކަމުގައި ޖިނާއީ ތަހުގީގުކޮށް ބައެއް ފަރާތްތަކުގެ މައްޗަށް ދައުވާކުރިއެވެ. ނަމަވެސް އެފަހުން ރައީސް ޞާވެރިކަމާއި ހަވާލުވުމަށްފަހު އިތުރު އާ ތަހުގީގެއް ހިންގާފައި ނުވާއިރު މިހާރު ވަނީ އެ މައްސަލާގައި ބައެއްގެ މައްޗަށް ދައުވާކޮށްފައެވެ.
މި މައްސަލާގައި ދައުވާކޮށްފައިވަނީ ފާއިތުވި ޖޫން މަހުގެ ތެރޭގައި ހައްޔަރުކުރި ތިން މީހުން ކަމުގައިވާ އިސްމާއީލް އަބްދުއްރަހީމް އާދަމް (އިސޫ)އާއި، އަޙްމަދު އިސްމާއީލް (އަހަދު) އަދި އަޙްމަދު މުއާޒު (ގަޓު މުއާ)ގެ މައްޗަށެވެ.
"ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތިން މީހުންނާ ތަހުގީގުގައި ރިޟްވާންގެ މަރާއި ޔާމީނުގެ މަރާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް ކޮށްފައިނުވެއެވެ. އަދި އެ މީހުންނާ އެ މަރުތަކާ ގުޅުވައިލާނެ ބުރަދަންހުރި ހެއްކެއްވެސް ލިބިފައި ނެތެވެ.
މީގެ އަހަރެއްހައި ދުވަސްކުރިން ރާއްޖޭގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ރިލްވާންގެ ދައްތަ ވަނީ ރައީސް ޞާލިހް ވެރިކަމަށް އައީ ރިޟްވާންގެ ނަން ސިޔާސީ ގޮތުން ބޭނުންކުރައްވައިގެން ކަމަށާއި، އިންސާފު ހޯދައިދިނުމުގައި ސަރުކާރު ފެއިލްވެފައިވާކަމަށް ބުނެފައެވެ.
"އެ ކުދިންގެ ނަން ބޭނުން ކުރައްވައިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގަތީ" ރިޟްވާނާއި ޔާމީނަށް އިންސާފު ލިބޭނެ ކަމުގެ އަޒުމުގައި މި ސަރުކާރަށް ވެރިކަން ހޯދައި ދިނުމަށް ބުރަކޮށް މަސައްކަތް ކުރި ޝެހެނާޒް އޭރު ބުނެފައިވެއެވެ.
އޭގެއިތުރުން ރިލްވާންގެ ބައްޕަވެސް ދާދިފަހުން ވަނީ ރިޟްވާންގެ މައްސަލަ އެމްޑީޕީއިން ބޭނުންކުރީ ސިޔާސީ ބޭނުމަށް ކަމަށް މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ބުނެފައެވެ.