2022 ވަނަ އަހަރު ނިމެން 2 ހަފްތާއަށް ވެފައިވާއިރު ސަރުކާރުން ލިބޭނެ ކަމަށް އަންދާޒާކުރި ވަރާއި ގާތަށްވެސް ހިލޭ އެހީ ނުލިބޭކަން ހާމަވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 8 ޑިސެމްބަރުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 326 މިލިއަން ރުފިޔާއެވެ. އެއީ ލިބޭނެ ކަމަށް އަންދާޒާކުރި 2.9 ބިލިއަން ރުފިޔާގެ 11 އިންސައްތައެވެ.
މިދިޔަ އޮކްޓޯބަރު މަހު ސަރުކާރުން އާންމުކުރި ސަރުކާރުގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔަނުގައި ވަނީ މިއަހަރު ދެން 2.9 ބިލިއަން ރުފިޔާ ނުލިބޭނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އަހަރު ނިމުމުގެ ކުރިން ހިލޭ އެހީގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވެއެވެ. މިގޮތުން އަބޫދާބީ ފަންޑުން 37 މިލިއަން ޑޮލަރު (578 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް އެ ރިޕޯޓުގައިވެއެވެ. އެހެން ނަމަވެސް އަދިވެސް އެ ފައިސާވެސް ލިބިފައިނުވެއެވެ.
އެހެން ކަމުން ދެން މިއަހަރުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބުމަކީ ދުރު ކަމެކެވެ. ކޮންމެ އަހަރަކުވެސް ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ލިބޭނެ ކަމަށް ބަޖެޓުގައި ޖަހައެވެ. އަދި ހިލޭ އެހީ ހޯދަން ކަމަށް ބުނެ ސަރުކާރުގެ އިސްވެރިން އެކި ޤައުމުތަކަށް ދަތުރުކުރެއެވެ. އެހެން ނަމަވެސް އަންދާޒާކުރާ ވަރާއި ގާތަށްވެސް ހިލޭ އެހީ ނުލިބެއެވެ.
އަންނަ އަހަރުވެސް ހިލޭ އެހީގެ ގޮތުގައި 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.