Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

އެންމެންގެ ލޯބި ހޯދި މޮރޮކޯ ކަޓައިފި، ފްރާންސް ފައިނަލަށް

ފީފާ ވޯލްޑް ކަޕްގައި ހައިރާން ކުރުވަނިވި ނަތީޖާތަކެއް ނެރެމުން އައިސް އެންމެންގެ ލޯބި ހޯދި މޮރޮކޯ އިން ރޭ ކުޅުނު ސެމީ ފައިނަލުގައި ފްރާންސް އަތުން 0-2 އިން ބަލިވެ މުބާރާތުން ކަޓައިފި އެވެ.
މޮރޮކޯ ސެމީ ފައިނަލަށް ދަތުރުކުރީ ދުނިޔޭގެ ގަދަ ބާރުތައް ބަލިކޮށްފަ އެވެ. އެކަމަކު ރޭ ފްރާންސް ބަލިކޮށް ވޯލްޑް ކަޕްގެ ތާރީހީ ފައިނަލަށް އެޓީމަށް ދަތުރެއް ނުކުރެވުނެވެ.

މިފަހަރުގެ ގްރޫޕް ސްޓޭޖުގައި މޮރޮކޯ ވަނީ ކްރޮއޭޝިއާއާ އެއްވަރުކޮށް، އޭގެފަހުން ބެލްޖިއަމް ބަލިކޮށްފަ އެވެ. ދެވަނަ ބުރަށް އެޓީމު ދިޔައީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ދެވަނަ ބުރުގައި ސްޕެއިން އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވިއިރު ކުއާޓާ ފައިނަލުގައި ޕޯޗުގަލްއާ ވާދަކޮށް 1-0 އިން މޮޅުވި އެވެ.

ރޭ ފްރާންސާ ދެކޮޅަށް ވެސް އެޓީމު ނުކުތީ އެ ރޫހުގަ އެވެ. އެކަމކު މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ފްރާންސްގެ ތިއޯ ހެނާންޑޭޒް ޖެހި ގޯލާ އެކު މޮރޮކޯގެ ވަރުގަދަ ޑިފެންސް ރޫޅުނެވެ. ތިއޯގެ ގޯލަކީ އިދިކޮޅު ޓީމުގެ ކުޅުންތެރިއަކު މިފަހަރު މޮރޮކޯ ގޯލަށް ވައްދާލި ފުރަތަމަ ބޯޅަ އެވެ. މީގެ ކުރިން މޮރޮކޯ ކޮޅަށް ގޯލެއް ވަނީ ކެނެޑާ މެޗުގަ އެވެ. އެއީ މޮރޮކޯގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މުބާރާތުގައި ކްރޮއޭޝިއާ އާއި ބެލްޖިއަމް، ސްޕެއިން އަދި ޕޯޗުގަލް އަށް މޮރޮކޯގެ ގޯލު ފޫއަޅުވައެއް ނުލެވުނެވެ.

ހެނާންޑޭޒް ގޯލު ޖެހީ ކިލިއަން އެމްބާޕޭ ފޮނުވާލި ބޯޅައެއް މޮރޮކޯގެ ޑިފެންޑަރުގެ ގައިގައި ޖެހިފައި ލިބުނު ވަގުތު އެވެ. އޭގެފަހުން ވެސް ފްރާންސުން ވަނީ ހަމަލާތައް ވަރުގަދަކޮށް މޮރޮކޯގެ ޑިފެންސަށް ބާރުބޮޑުކޮށްފަ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު މޮރޮކޯ އިން ވަނީ ކުޅުން ރަނގަޅު ކޮށްފަ އެވެ. އަދި އެޓީމުގެ ޖަވާދު އެލް ޔަމީގް ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑި އަށް ވެސް އަމާޒުވި އެވެ.

ފުރަތަމަ ހާފުގައި މޮރޮކޯ އަށް ދިމާވި މައްސަލައަކީ އަނިޔާގެ ސަބަބުން ޑިފެންޑަރު ރޯމަން ސައިސް ބަދަލުކުރަން ޖެހުމެވެ. މުބާރާތުގެ ފަހު މެޗުތަކުގައި ސައިސް ކުޅުނީ އަނިޔާގައި ހުރެގެންނެވެ.

ފްރާންސްގެ ދެވަނަ ލަނޑު 79 ވަނަ މިނެޓުގައި ޖެހީ ރެންޑަލް ކޯލޯ މުއާނީ އެވެ. މުއާނީ މި ގޯލު ޖެހީ ކުޅެން އެރިތާ 44 ވަނަ ސިކުންތުގަ އެވެ. މި ގޯލާ އެކު ވޯލްޑް ކަޕް ފައިނަލަށް މޮރޮކޯ ކުރި އުއްމީދު އެއްކޮށް ގެއްލުނެވެ.

މިއީ ވޯލްޑް ކަޕްގެ ފައިނަލަށް ޖެހިޖެހިގެން ފްރާންސް ދަތުރުކުރި ދެވަނަ ފަހަރެވެ. 2018 ވަނަ އަހަރުގެ ފައިނަލުގައި ފްރާންސް ވަނީ 4-2 އިން ކްރޮއޭޝިއާ ބަލިކޮށް ޗެމްޕިއަންކަން ހޯދާފަ އެވެ.
ދެ ފަހަރު ޖެހިޖެހިގެން ވޯލްޑް ކަޕް ކާމިޔާބުކުރެވުނީ ބްރެޒިލަށެވެ. އެއީ 1958 އަދި 1962 ވަނަ އަހަރު އެވެ.

ފައިނަލުގައި ފްރާންސް ނުކުންނާނީ ލިއޮނެލް މެސީގެ އާޖެންޓީނާއާ ދެކޮޅަށެވެ. ލުސައިލް ސްޓޭޑިއަމްގައި އެ މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ރެ އެވެ.

މި ލިއުމާއި ގުޅޭ