ޔޫކުރެއިން ހަނގުރާމައިގެ ސަބަބުން ރަޝިޔާގެ އުފެއްދުންތައް ބައިނަލްއަޤުވާމީ ބާޒާރަށް ނެރުމަށް ހުރަސްއެޅިފައި އޮތް މި ދަނޑުވަޅުގައި، ޔޫރަޕުގައި އެންމެ ގިނަ އަދަދަކަށް ކެވިއާ އުފައްދާ ޤައުމު ޕޮލޭންޑުން، ކެވިއާއާއި ރަޝިޔާގެ މެދުގައި ޒަމާނުއްސުރެ އޮތް ގުޅުން ނައްތައިލަން މަސައްކަތް ފަށައިފިއެވެ.
"ގިނަ މީހުންނަށް ކަވިއާ ސިފަވަނީ ރަޝިޔާގެ އުފެއްދުމެއްގެ ގޮތުގައި. ނަމަވެސް ކެވިއާއަކީ ރަޝިޔާގެ އުފެއްދުމަކަށްނުވާތާ ލައްކަ ދުވަސްވެއްޖެ،" ޕޮލޭންޑުގެ ކަވިއާ އުފައްދާ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ އެންޓޯނިއަސް ކަވިއާގެ މާކެޓިން އެންޑް ސޭލްސް މެނޭޖަރު އަގަތާ ލަކޮމިއަކް-ވިންނިކާ ވިދާޅުވިއެވެ.
މަތީ ފަންތީގެ އަގުބޮޑު ކެއެންތަކުގެ ތެރޭގައި ހިމެނޭ ކަވިއާ އެންމެ ގިނަ އަދަދަކަށް އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެންޓޯނިއަސް ކަވިއާއިންވަނީ ނިމުނު އަހަރުގައި އެކަނި 42 ޓަނުގެ ކަވިއާ އުފައްދާފައެވެ. އެއީ އިޓަލީއާއި ފުރާންސްގެ އެއް ކުންފުންޏަކުން އުފެއްދި މިންވަރަށްވުރެ ގިނަ އަދަދެކެވެ.
އެ ކުންފުނިން އެންމެ ގިނައިން ކަވިއާ ބޭރުކޮށްފައިވަނީ އެކުވެރި ޢަރަބި އިމާރާތާއި އެމެރިކާއާއި ފަރަންސޭސިވިލާތާއި ޑެންމާކަށެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި ހުރި މަތީ ފަންތީގެ ރެސްޓޯރެންޓުތަކަށް އެ ކުންފުނިން ކަވިއާ ފޯރުކޮށްދެއެވެ.
ސްޓާޖިއަން ކަވިއާގެ އަގަކީ 1،2000 ޔޫރޯއާއި 1،400 ޔޫރޯއާއި ދެމެދުގެ އަގެކެވެ. އަދި އަލްބީނޯ ކަވިއާގެ އަގަކީ 8،000 ޔޫރޯއެވެ.
ކުރިން ކަވިއާ އުފައްދައި އުޅުނީ ކެސްޕިއަން ކަނޑާއި ބްލެކް ސީގައި އުޅޭ ސްޓާޖަން މަހުގެ ބިހުންނެވެ. އެ ތަކެތި އެންމެ ގިނައިން ކުރިން އުފައްދާފައިވަނީ ރަޝިޔާއާއި އީރާނުގައެވެ. އެހެންނަމަވެސް ސްޓާޖަން މަސް ބާނާ މިންވަރު އިތުރުވެ އެ މަސް ނެތިދިއުމުގެ ބިރުވަނީ ހީވެފައެވެ.
މިހާރު ގިނައިން ކަވިއާ އުފައްދަނީ ފާމްތަކުގައި އާލާކުރާ ސްޓާޖިންގެ ބިހުންނެވެ. ޕޮލޭންޑު ފަދަ ޤައުމުތަކުގައި ކަވިއާ އުފައްދަނީ މި ގޮތަށެވެ. ނަމަވެސް ގިނަ ބަޔަކު މިހާރުވެސް ޤަބޫލުކުރާ ގޮތުގައި އެންމެ ފެންވަރު ރަނގަޅު ކަވިއާ ލިބެނީ ރަޝިޔާއިންނެވެ. އެ ސަބަބަށްޓަކައި އެހެން ޤައުމުތަކުގައި އުފައްދާ ކަވިއާގައިވެސް ރަޝިޔާ ބަހުން ބްރޭންޑިން ހަރުކުރެއެވެ.
ޕޮލޭންޑުގައި ކަވިއާ އުފައްދާ މީހުން ޤަބޫލުކުރާ ގޮތުގައި ރަޝިޔާގެ ކަވިއާ ވިއްކުން އެމެރިކާއާއި ޔޫރަޕުން މަނާކޮށްފައި އޮތް މި ދަނޑިވަޅަކީ މިހާރު ރަނގަޅު ފެންވަރުގެ ކަވިއާ ރަޝިޔާ ނޫން ޤައުމުތަކުން އުފައްދާކަން ކަވިއާއަށް ޑިމާންޑު އޮތް ޤައުމުތަކަށް ދައްކައިދޭންވީ ދަނޑިވަޅެވެ.
އެގޮތުން ކުރިން ރަޝިޔާ ސްޓާޖަންގެ ކަވިއާކަމަށް ލޭބަލްކުރި ކަވިއާގައި މިހާރު ރަޝިޔާގެ ނަން ނުހިމަނައި ހަމައެކަނި ޕޮލޭންޑުގެ އުފެއްދުމެއްގެ ގޮތުގައި ލާބަލްކޮށް ބާޒާރަށް ނެރެމުންދެއެވެ.