ޤަޠަރުގައި ކުރިއަށްދާ ވޯލްޑް ކަޕްގައި މަޣުރިބު ޓީމުން ހޯދަމުންދާ ކާމިޔާބުތަކާއެކު ޖަރުމަނު ނޫސްވެރިންނާއި މީޑިއާއިން އިސްލާމްދީނާއި މުސްލިމުންނަށް ނަފުރަތުކުރާ މިންވަރު ވަރަށް ބޮޑަށް ހާމަވެއްޖެއެވެ.
މޮރޮކޯއަކީ ވޯލްޑް ކަޕްގައި ސެމީ ފައިނަލަށް ދަތުރުކުރި އެފުރިކާގެ ފުރަތަމަ ޓީމެވެ. އަދި ވޯލްޑް ކަޕްގައި މިހިސާބަށް ދަތުރުކުރި ފުރަތަމަ ޢަރަބި އިސްލާމީ ޤައުމެވެ. އެއާއެކު މި ވޯލްޑް ކަޕްގައި މޮރޮކޯ ޓީމުގެ ކިބައިން އިސްލާމީ ސަގާފަތާއި، އުންމަތުގެ އެއްބައިވަންތަކުގެ ރޫޙު ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވެއެވެ.
އެގޮތުން މޮރޮކޯ ކުޅޭ ކޮންމެ މެޗެއްގައިހެން އެ ޓީމުން އަންނަނީ ފަލަސްޠީނުގެ ދިދަ ބޭނުންކޮށް ފަލަސްޠީނާއެކު ތިބިކަން ހާމަކުރަމުންނެވެ. އެކަމާ ގުޅިގެން ޖަރުމަން ނޫސްވެރިޔާ ޖޫލިއާން ރޮޕްކޭވަނީ ވަރަށް ބޮޑަށް މަޣުރިބު ޓީމަށް ފާޑުކިޔާފައެވެ.
ރޮޕްކޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ސަގާފަތާއި އިހުތިރާމްކުރުމުގެ މައްޗަށް ބިނާކޮށް އެއް ޖިންސުން ގުޅުންހިންގާ މީހުން ބޭނުންކުރާ ވިއްސާރަދުނި ދިދަ ވޯލްޑްކަޕްގައި ބޭނުންނުކުރެވޭއިރު ވުޖޫރުގައި ނެތް ދައުލަތެއްގެ ދިދަ ވޯލްޑް ކަޕްގައި ބޭނުންކުރެވޭ ކަމަށެވެ.
އޭނާގެ ޓުވީޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވަނިކޮށް ޖަރުމަން ޓީވީ ޗެނަލް ވެލްޓްއިން ގެނެސްދިން ޕްރޮގުރާމެއްގައި ޝަހާދަތް އިނގިލި ހިއްލައިގެން މަޣުރިބު ކުޅުންތެރިން ތިބި ފޮޓޯއަކީ ޓެރަރިޒަމަށް އެ ކުޅުންތެރިން ތާއީދުކުރާ ކަމުގެ ނިޝާނެއްކަމަށް ދޭހަވާ ގޮތަށް ކޮމެންޓޭޓަރެއް ވާހަކަދައްކާފައިވެއެވެ.
މި ހާދިސާތަކާއެކު ގިނަ ބައެއްގެ ނުރުހުން ޖަރުމަނަށާއި އެ ޤައުމުގެ މީޑިއާއަށް އަމާޒުވެފައިވެއެވެ. ވޯލްޑް ކަޕް ފެށުނުއިރު އެއްޖިންސުން ގުޅުން ހިންގުމަށް ތާއީދުކޮށް ހިތްވަރުދޭ ރަމްޒުތައް ބޭނުންނުކުރެވޭތީ ޖަރުމަނު ޓީމުން އިހުތިޖާޖުކުރިއެވެ. ޖަރުމަން ޓީމުވަނީ މުބާރާތުގެ ފުރަތަމަ މަރުހަލާއިން ކަޓާފައެވެ.
މީސްމީޑިއާގައި އެ ވާހަކަތަކަށް ފާޑުކިޔަމުން އެކަކު ބުނީ 1،400 އަހަރު ވަންދެން ﷲގެ އެއްކައުވަންތަކަމަށް އިޝާރާތްކުރަން މުސްލިމުން ބޭނުންކުރި އިޝާރާތެއް ކުއްލިއަކަށް ޓެރަރިޒަމާ ގުޅުވައިލުމަކީ ޖާހިލުކަމުގެ އިންތިހާ ކަމަށެވެ.
އޭގެ އިތުރަށް ޖަރުމަނުގެ އެންމެ މަޝްހޫރު އެއް ނޫސްކަމަށްވާ ޓަޒް ނޫހުގައި ބުނެފައިވަނި މަޣުރިބުން ފަލަސްޠީނު ދިދަ ބޭނުންކުރާ ކުރުމަކީ އިސްރާއީލާ ދެކޮޅަށް ނަފުރަތު އުފަންކުރަން ކުރާ ކަމެއް ކަމަށެވެ. އަދި އެއީ "އެންޓި ސެމެޓިކް" އަމަލެއްކަމަށްވެސް އެ ނޫހުން ސިފަކުރިއެވެ. އެންޓި ސެމެޓިކްއަކީ ޔަހޫދީ ނަސްލަށް ނަފުރަތުކުރުމާއި ރުޅިއައުމެވެ.
މި ވާހަކަތައް ފާހަގަކޮށް މީސްމީޑިއާގައި ޚިޔާލު ފާޅުކުރި އަރަބި އެކްޓިވިސްޓެއް ބުނެފައިވަނީ ހުޅަނގުގެ އުންސުރީ ތަފާތުކުރުމުގެ ސަގާފަތާއި، މުސްލިމުންނާއި އިސްލާމްދީނާމެދު ރުޅިއައުމާއި ބިރުގަތުމާއި ނަފުރަތުކުރުން ސާފުކޮށް ފެންނަނީ މިފަދަ ދަނޑިވަޅުތަކުގައި ކަމަށެވެ.