ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ އެންމެ ކުރިއަށް ފުރަތަމަ ފަހަރަށް ޔޫރަޕު މީހަކު އަރައިފިއެވެ.
އެމެރިކާގެ ބިލިއަނަރު އެލޮން މަސްކު ވައްޓާލުމަށްފަހު ފަރަންސޭސިވިލާތަށް އުފަން އުމުރުން 73 އަހަރުގެ ބެނަރޑް އާނޯލްޓް ދުނިޔޭގެ އެންމެ މުއްސަނދި މީހާއަށް ވެފައިވާއިރު މިއީ ފްރާންސްގެ މީހަކު، އަދި ޔޫރަޕުގެވެސް މީހަކު ދުނިޔޭގެ އެންމެ މުއްސަނދި މީހާއަށްވި ފުރަތަމަ ފަހަރެވެ.
އާނޯލްޓަކީ މަތީ ފެންވަރުގެ މުދާ އުފެއްދުމަށް މަޝްހޫރު ކުންފުންޏެއް ކަމަށްވާ އެލްވީއެމްއެޗްގެ އޯނަރެވެ. ލުއި ވޫޓަން، ޑިއޯ، އަދި ސެފޯރާ ފަދަ ބްރޭންޑުތަކަކީ އެލްވީއެމްއެޗްގެ ސަބްސިޑަރީތަކެވެ. ބްލޫމްބާރގް ބިލިއަނަރސް އިންޑެކްސް އިން ދައްކާގޮތުން އާނޯލްޓްގެ ޖުމްލަ މިލްކިއްޔާތުގެ އަގަކީ 170.8 ބިލިއަން އެމެރިކާ ޑޮލަރެވެ.
މިއަހަރު އާނޯލްޓްގެ މިލްކިއްޔާތުން 7.2 ބިލިއަން ޑޮލަރު އުނިވިނަމަވެސް، ބައެއް އެހެން ދާއިރާތަކުން މުއްސަނދިވެފައިވާ މަހުޖަނުންނަށްވުރެ އާނޯލްޓުގެ ވިޔަފާރިތަކަށް ލިބުނު ގެއްލުން ކުޑައެވެ. ސަބަބަކީ ކޮވިޑު-19ގެ ބަލިމަޑުކަމާއި އެކުވެސް މަތީ ފަންތީގެ މުދާތަކަށް އޮންނަ ޑިމާންޑު ދަށަށް ނުދާތީއެވެ. އެލްވީއެމްއެޗްއަށް ފާއިތުވި އަހަރު 68 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.
އެލްވީއެމްއެޗްގެ 48 އިންސައްތަ ހިއްސާ އޮންނަނީ އާނޯލްޓާއި އޭނާގެ އާއިލާގެ އަތުގައެވެ. އަދި އެ ކުންފުނީގެ އަގަކީ މިހާރު 364 ބިލިއަން ޔޫރޯއެވެ. އެއާއި އެކު އެ ކުންފުނި ވެފައިވާނީ ޔޫރަޕުގެ އެންމެ އަގުބޮޑު ކުންފުންޏަށެވެ.
އެލްވީއެމްއެޗުން ވަނީ ދާދިފަހުން އެ ކުންފުނީގެ ސީއީއޯގެ މަޤާމު އުމުރުން 80 އަހަރުވަންދެން ފުރޭނެ ކަމަށް ނިންމާފައެވެ. އެހެން ކަމުން އަދި ގިނަ ދުވަސްތަކެއް ވަންދެން އާނޯލްޓް އެލްވީއެމްއެޗް ހިންގުމުގައި ހުންނަން ގަސްތުކުރާކަމަށް ލަފާކުރެވެއެވެ.
މަޝްހޫރު ބައެއް އެހެން ބިލިއަނަރުންނާއި ހިލާފަށް އާނޯލްޓަކީ މީޑިއާއާއި ވަރަށް ދުރު މީހެކެވެ. ދާދި ފަހުން އޭނާ ވަނީ އޭނާގެ ޕްރައިވެޓް ޖެޓްވެސް ވިއްކާލާފައެވެ. މިކަންކޮށްފައިވަނީ، އޭނާގެ ޖެޓު ދަތުރުކުރާ މަންޒިލްތައް ބަލައި އެއާއި ގުޅޭ މައުލޫމާތު ގެނެސްދޭ ޓުވިޓަރ އެކައުންޓެއްގެ ސަބަބުންނެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާއަށް އާނޯލްޓް ވެފައިވާއިރު 164 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާއި އެކު ދެވަނައިގައި އޮތީ އެލޮން މަސްކެވެ. އަދި ތިންވަނައިގައި އޮތީ އިންޑިއާގެ ބިލިއަނަރު ޤައުޓަމް އަދަނީއެވެ.