ކުރިއަށް އަންނަން އޮތް ޖީލުތައް ދުންފަތުން ސަލާމަތްކުރުމަށް ނިއުޒިލޭންޑުން ވަރުގަދަ ޤާނޫނެއް ފާސްކޮށްފިއެވެ.
ނިއުޒިލޭންޑުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ޤާނޫނުގައި ވާގޮތުން 1 ޖެނުއަރީ 2009 ގެ ފަހުން އުފަންވާ އެއްވެސް ފަރާތަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ނުގަނެވޭނެއެވެ. 2009 އެއްގައި އުފަންވި ކުދިންނަށް މިހާރު ވާނީ 14 އަހަރެވެ. މިއީ ދުނިޔޭގައިވެސް މިފަދަ ފުރަތަމަ ޤާނޫނެވެ.
ނިއުޒިލޭންޑުގެ އެސޯސިއޭޓު ހެލްތު މިނިސްޓަރު އައިޝާ ވެރެލް ވިދާޅުވި ގޮތުގައި މި ޤާނޫނުގެ ސަބަބުން އެތައް ހާސް ބަޔަކު ގިނަ ދުވަހު ރަނގަޅު ސިއްހަތެއްގައި ދިރިއުޅެން މަގުފަހިވާނެއެވެ. މިގޮތުން ކެންސަރާއި ހިތުގެ ބަލިތައް ފަދަ ބަލިތަކުން އެތައް ބަޔަކު ސަލާމަތްވާނެ ކަމަށް އައިޝާ ވިދާޅުވިއެވެ. އައިޝާ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ދެބެއިންގެ ދެދަރި ކޮއްކޮއެކެވެ.
މީގެ އިތުރުންވެސް ނިއުޒިލޭންޑުން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރާ މިންވަރު މަދުކުރުމަށް އިތުރު ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން ވަކި ހާއްސަ ފިހާރަތަކުން މެނުވީ ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމާއި، އެ ޤައުމަށް ދުންފަތުގެ ބާވަތްތައް އެތެރެކުރާ މިންވަރު މަދުކުރުން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ވިއްކޭ ފިހާރަތަކުގެ އަދަދު 6000 އިން 600 އަށް މަދުކުރުމަށް ވަނީ ނިންމާފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި ޤާނޫނަށް އަމަލުކުރަން ފަށާނީ 2023 ގައެވެ. އަދި ނިއުޒިލޭންޑުން އަމާޒު ހިފާފައިވަނީ 2025 ވަނަ އަހަރު އެ ޤައުމު ދުންފަތުން ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށެވެ.
މި ޤާނޫނުގެ ފުރަތަމަ ކިޔުން އިއްވަމުން އައިޝާ ވެރެލް ވިދާޅުވެފައިވާ ގޮތުގައި ޤާނޫނު ފާސްވުމަށްފަހު މިހާރު އުމުރުން 14 އަހަރުގެ ކުދިންނާއި، އަދި ފަހުން އުފަންވާ އެއްވެސް ބަޔަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމަކީ މަނާކަމަކަށް ވާނެ ކަމަށެވެ.
މި ޤާނޫނުން އެކަމަކު ވޭޕް ބޭނުން ކުރުން މަނަލެއް ނުކުރެއެވެ.