މިހާރު ބަނގުރޫޓުވެފައިވާ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ކްރިޕްޓޯ ކަރަންސީ އެކްސްޗޭންޖު އެފްޓީއެކްސްގެ ކުރީގެ ސީއީއޯ ސޭމް ބޭންކްމަން-ފްރީޑް ބަހާމާސްއިން ހައްޔަރުކޮށްފައިވާކަމަށް އެ ޤައުމުގެ އެޓާނީ ޖެނެރަލް ވިދާޅުވެއްޖެއެވެ. އޭނާގެ މައްޗަށް އެމެރިކާއިން ޖިނާއީ ދައުވާ އުފުލާފައިވާކަމުގެ ނޯޓިސް ލިބިފައިވާކަމަށްވެސް ބަހާމާސްގެ އެޓާނީ ޖެނެރަލް ނެރުއްވި ބަޔާނުގައި ބުނެފައިވެއެވެ.
ރޮއިޓާސްއަށް މައުލޫމާތު ދެމުން ބަހާމާސްގެ އޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ސޭމް އެމެރިކާއަށް ޖިނާއީ ދައުވާކުރުމަށް ރައްދުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެމެރިކާއިން އޭނާ މައްޗަށް ކުރާ ތުހުމަތުތަކަކީ ކޮބައިކަން އެ އޮފީހުން ހާމަނުކުރެއެވެ.
ނިއުޔޯކުގެ ދެކުނު ޑިސްޓްރިކްޓުގެ އެޓާނީ ޑެމިއަން ވިލިއަމްސް ޓުވިޓާގައި އާންމުކުރެއްވި ބަޔާނެއްގައި ސޭމް ހައްޔަރުކުރިކަން ކަށަވަރުކޮށްދެއްވައި، އަންގާރަދުވަހުގައި އެ މައްސަލައާ ގުޅޭ ތުހުމަތުތައް އާންމުކުރާނެ ކަމަށެވެ.
އެފްޓީއެކްސް ބަނގުރޫޓުވުމާއެކު ޓުވިޓާއާއި އާންމު ބައެއް މީޑިއާ މަންސަތަކުގައި ހަރަކާތްތެރިކޮށް ފެނުނު ސޭމް ހައްޔަރުކުރުމުގެ ގަޑިއިރުތަކެއް ކުރިންވެސް އޭނާ ގެންދިޔައީ ޓުވީޓުކުރަމުންނެވެ.
ސޭމްގެ ކުންފުނި ބަނގުރޫޓުވެގެން ދިޔައިރު ގިނަ އަދަދެއްގެ ބަޔަކު އެފްޓީއެކްސްގައި ރައްކާކޮށްފައި ހުރި ފައިސާތައް ގެއްލިގެން ގޮސްފައިވެއެވެ. އެފްޓީއެކްސް ބަނގުރޫޓުވީ ސޭމްގެ އިތުރު ކުންފުންޏަކަށް އެފްޓީއެކްސްގެ ކަސްޓަމަރުންގެ ފައިސާއިން ޓްރޭޑުކުރަން ހުއްދަދިނުމުގެ ސަބަބުން އެ ފައިސާ ގެއްލިގެންނެވެ.
އެފްޓީއެކްސް ބަނގުރޫޓުވުމާ ގުޅިގެން ކްރިޕްޓޮކަރަންސީ މާކެޓު ރެގިއުލޭޓުކުރާ މިންވަރު އިތުރުކޮށް އެކަމަށް ހަރުދަނާ އުސޫލުތަކެއް ޤާއިމުކުރުމަށް ގިނަ ބަޔަކުވަނީ ގޮވާލާފައެވެ.