ތުރުކީގެ ދެކުނުއިރުމަތީ ފަރުބަދަތަކުން 150 މިލިއަން ފީފާ ތެޔޮ ހުރި ބޮޑު ތެޔޮ ރިޒާވްއެއް ފެނިފައިވާ ކަމަށާއި، އެ ރިޒާވްގެ އަގު 12 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަން ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން އިއުލާނުކުރައްވައިފިއެވެ.
"ގަބަރު ފަރުބަތަކުން އަހަރުމެންނަށް 150 މިލިއަަން އެމެރިކާ ޑޮލަރުގެ ތެޔޮ ހުރި ތެޔޮ ރިޒާވެއް ފެނިއްޖެ. އެއީ 2022 ވަނަ އަހަރުގައި އެއްގަމުން ފެނުނު އެންމެ ބޮޑު 10 ތެޔޮ ރިޒާވްގެ ތެރޭގައި ހިމެނޭ ތަނެއް. އެ ރިޒާވްގެ އަގަކީ ގާތްގަނޑަކަށް 12 ބިލިއަން ޑޮލަރު،" ހޯމަދުވަހު އަންކާރާގައި އޮތް ކެބިނެޓު ބައްދަލުވުމަކަށްފަހު އުރުދުޣާން ވިދާޅުވިއެވެ.
އުރުދުޣާން ވިދާޅުވި ގޮތުގައި ހިކިފަސްތަނުން ތެޔޮ ހޯދުމުގެ މަސައްކަތް މިހާރު ތުރުކީންވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އަދި ކުރިން ތެޔޮ ނެތްކަމަށް ޤަބޫލުކުރެވިގެން ކޮންކުރީޓު އަޅާފައިހުރި ވަޅުތަކުން ތެޔޮ ނެގުމުގެ މަސައްކަތް އަލުން ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ތުރުކީގެ އެ ސަރަހައްދަކީ ޓެރަރިޒަމުގެ ހަރަކާތްތަކުގެ ސަބަބުން ވަރަށް ބޮޑަށް އެކަހެރިކޮށް ކުރިން އޮތް ސަރަހައްދެކެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ތުރުކީގެ އަމާޒަކީ ތުރުކީ ބިމުން ތެޔޮ އުފައްދާ މިންވަރު ދުވާލެއްގެ މައްޗަށް 100،000 ފީފާއަށް އިތުރުކުރުމެވެ. އެކަން ހާސިލުކުރުމަށް ތެޔޮ ހޯދުމަށް ކުރަންޖެހޭ ދިރާސާތަކާއި، ތެޔޮ ހުރިކަމަށް ފެންނަ ތަންތަން ކޮނުން އިތުރުކުރުމާއި، ތެޔޮ އުފައްދާ މިންވަރު އިތުރުކުރާ އުސްލޫބުތައް ތަރައްޤީކުރަމުން އަންނަ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.
އަލަށް ތެޔޮ ރިޒާވް ފެނުނު ސަރަހައްދަށް ނަން ދީފައިވަނީ ގަބަރް ފަރުބަދަތަކުގައި މައިނިން މަސައްކަތްކުރަނިކޮށް މަރުވި ގެންޑަމަރީ އެސްމާ ޗެވިކަށް ނިސްބަތްކޮށް ކަމަށް ތުރުކީ ސަރުކާރުން ބުނެފައިވެއެވެ.