ސްވިޑެންގެ ސްޓޮކްހޯމްގެ މިސްކިތަކަށް ހަމަލާދީ މިސްކިތުގެ ބޭރުގައި މުޞްޙަފަކަށް ގެއްލުންދީ އެލުވާފައި ބޭއްވި ބޭއްވުން އެ މިސްކިތުގެ އިދާރާއިން ކުށްވެރިކޮށްފިއެވެ.
ފާއިތުވި ހުކުރުދުވަހުގައި ސްޓޮކްހޯމް ސެންޓްރަލް މިސްކިތަށް ދިން ހަމަލާގެ ފޮޓޯތައް އެ މިސްކިތުންވަނީ އާންމުކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ކީރިތި ޤުރުއާނުގެ މުޞްޙަފެއް މިސްކިތުގެ ބޭރުގައި ހުރި ދަގަނޑުގަނޑެއްގައި ޗޭނުޖަހައި އެލުވާފައި އޮތެވެ. އެ މުޞްޙަފު އޮތީ ވަރަށް ބޮޑަށް ގެއްލުންދީފައެވެ.
އެ މިސްކިތުގެ އިދާރާއިން ބުނެފައިވަނީ މިފަދަ އިންޒާރުތަކާއި ފުރައްސާރައަކީ ވަރަށް ގިނައިން ކުރިމަތިވަމުންދާ ކަމެއް ކަމަށެވެ.
އެ މިސްކިތުގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ހަލާކުކޮށްފައިވާ މުޞްޙަފެއް މިސްކިތުގެ ދޮރާ އިންވެގެން ހުރި ދަގަނޑު ބާގައި އެލުވާފައި އޮތުމަކީ މުސްލިމުންނަށް ވަރަށް ބޮޑު އިހާނަތިކަމެއް ކަމަަށެވެ.
"އަހަރުމެންގެ މިސްކިތާއި މި މިސްކިތުގެ ޖަމާޢަތަށް ފުޅާ ދާއިރާއެއްގައި އިންޒާރު ލިބޭ. ނަސްލީ ތަފާތުކުރާ މީހުން އަންނަނީ އެ މީހުންނާ ތަފާތު ނޫން މީހުންނަށް ދުއްތުރާކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުންކުރަމުން،" އެ ޕޯސްޓުގައި ބުނެފައިވެއެވެ.
އިތުރަށް މިސްކިތުގެ ބަޔާނުގައި ބުނެފައިވަނީ އެ ހަމަލާގެ ފޮޓޯތައް އާންމުކުރަން ނިންމާފައިވަނީ ނަފުރަތުން ފުރިގެންވާ މިފަދަ ކުށްތައް އާންމުވިޔަނުދިނުމަށްޓަކައި އެ މިސްކިތުގެ ޖަމާއަތާއި އާންމުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށް ކަމަށެވެ.
ކީރިތި ޤުރުއާނާއި މުޞްޙަފަށް ގެއްލުންދިނުމާއި ފުރައްސާރަކުރުމަކީ ސްވިޑެންގައި މިހާރަކަށް އައިސް ވަރަށް އާންމު ކަންކަމެވެ.
ސްވިޑަން އަދި ޑެންމާކު ރައްޔިތުކަން އޮންނަ ރަސްމުސް ޕަލޫޑިން އަންނަނީ އެ ދެ ޤައުމުގައި އިންތިޒާމީ ސިފައެއްގައި ޤުރުއާން އެންދުމުގެ ހަރަކާތްތައް އިންތިޒާމުކޮށް ކުރިއަށްގެންދަމުންނެވެ. އެ ހަރަކާތްތަކާ ގުޅިގެން ހަޅުތާޅުތަކާއި ހަމަނުޖެހުންތައް ހިނގާފައި އެބަހުއްޓެވެ.
ސްޓޮކްހޯމް ސެންޓްރަލް މިސްކިތުގެ އިމާމް އަދި ޑައިރެކްޓާ މަޙްމޫދު ޚަލްފީ އަނާޟޯލް އެޖެންސީއާ ވާހަކަދައްކަމުން ބުނެފައިވަނީ ފާއިތުވި ޑިސެންބަރުގައި ސްޓޮކްހޯމްގައި ޤުރުއާން އަންދައިލި މަންޒަރު ފެނުނު ކަމަށާއި، އެއީ ބަލަން ވަރަށް ހިތްދަތި މަންޒަރެއް ކަމަށެވެ.
"އިސްލާމްދީނުގައި ޤުރުއާނަކީ މުޤައްދަސް ފޮތެއް. އެއީ މާތްﷲގެ ބަސްފުޅު. އެހެންކަމުން ޤުރުއާން އެންދުމަކީ މުސްލިމުންނަށް ވަރަށް ބޮޑު ވޭން އިހުސާސުކުރުވަނިވި ކަމެއް،" އޭނާ ވިދާޅުވިއެވެ.