އަންހެނަކަށް ބްލައިކްމެއިލްކޮށް އޭނާ ރޭޕްކުރިކަމުގެ ތުހުމަތުގައި ފިރިހެނަކު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުގައި، އޭނާ އެދޭކަމެއް ނުކޮށްދީފިނަމަ އަންހެންމީހާގެ ފޮޓޯތަކެއް ފޭސްބުކަށް ލާނެކަމަށް ބުނެ ބްލެކްމެއިލުކޮށް މަޖުބޫރުކޮށްގެން އޭނާއާއެކު ޖިންސީ ގުޅުން ހިންގިކަމުގައި ތުހުމަތުވާ މައްސަލައެކެވެ.
އެ ތުހުމަތުގައި އޭނާގެ މައްޗަށް ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ބިރުދެއްކުމުގެ ކުށުގެ ދައުވާއާއި ރޭޕްކުރުމުގެ ކުށުގެ ދައުވާ ދައުލތުން އުފުލިއެވެ. ނަމަވެސް އެ ދެ ދައުވާއަށްވެސް އޭނާ އިންކާރުކުރިއެވެ.
ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާއިން އެ ދެ ދައުވާ ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ނިންމައި އޭނާގެ މައްޗަށް ހުކުމްކޮށްފައިވެއެވެ. އެގޮތުން ބްލެކްމެއިލްކުރުމުގެ ކުށް ސާބިތުވެ އަދަބެއްގެ ގޮތުގައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ.
ނަމަވެސް ޖަލުގައި އޭނާ ހޭދަކުރި 3 އަހަރާއި 2 މަހާއި 6 ދުވަސް އެ ހުކުމް އުނިކޮށް އޭނާ ތަންފީޒުކުރަންޖެހޭ އަދަބަކީ 1 އަހަރާއި ނުވަ މަހާއި 24 ދުވަސްކަމަށް ކޯޓުން ކަނޑައެޅިއެވެ.
ރޭޕުކުރުމުގެ ކުށް ސާބިތުވުމުން އޭނާގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ކޯޓުން އިއްވާފައިވެއެވެ. ނަމަވެސް އެ ހުކުމުންވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ތަންފީޒުކުރަންޖެހޭ މުއްދަތެއްކަމަށް ކަނޑައަޅާފައިވާ 11 އަހަރާއި 9 މަހާއި 24 ދުވަސްކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ.