ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލުގައި ރޭ ފްރާންސާއި އިންގްލޭންޑް ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށް ފްރާންސް މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.
ފްރާންސަކީ 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑްކަޕްގެ ޗެމްޕިއަނުންނެވެ. ސެމީ ފައިނަލްގައި ފްރާންސުން ކުޅެން ޖެހޭނީ މުޅިން އަލަށް މި މުބާރާތުގެ ސެމީފައިނަލުގައި ވާދަކުރާ މޮރޮކޯއާއި އެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 17 ވަނަ މިނިޓުގައި ފްރާންސުގެ އޮރޭލިއަނ ޗުއަމެނީއެވެ. އޭގެ ފަހުން މެޗުގެ ދެވަނަ ހާފް ފެށި ކުޑައިރުކޮޅެއް ނުވެ އިންގްލޭންޑަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ނަތީޖާ އެއްވަރުކޮށްދިނެވެ. އެހެން ނަމަވެސް މެޗުގެ 78 ވަނަ މިނިސްޓުގއި ފްރާންސްގެ އެންޓޮއިން ގްރީޒްމަން ނަގައިދިން ހުރަހަކުން އޮލިވިއޭ ޖިރޫ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވައްދާ ފްރާންސުން ލީޑު ނެގިއެވެ.
މެޗު ނިމެން ގާތް ވެފައި ވަނިކޮށްވެސް އިންގްލޭންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެހެން ނަމަވެސް އެ ޕެނަލްޓީ ކާމިޔާބު ނުކުރެވުނެވެ.
މިއަހަރުގެ މުބާރާތުން އިންގްލޭންޑް ކަޓާފައިވާއިރު 2018 ވަނަ އަހަރުގެ ވޯލްޑްކަޕަުން އިންގްލޭންޑް ކެޓީ އެ އަހަރުގެ ރަނަރަޕް ކްރޮއޭޝިއާ އަތުންނެވެ. އިންގްލޭންޑަށް މިހާތަނަށް ވޯލްޑް ކަޕް ތަށި ލިބިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 1966 ވަނަ އަހަރެވެ. ފްރާންސް ވަނީ ދެ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ 1998 ވަނަ އަހަރު އަދި އޭގެ 20 އަހަރު ފަހުން 2018 ގައެވެ.