މިއީ ބައިނަލްއަގްވާމީ ބޮޑު މުބާރާތުގައި އިންގްލެންޑާއި ފްރާންސް ނޮކްއައުޓް މެޗަކަށް ނުކުންނަ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ވޯލްޑް ކަޕްގައި ވެސް މި ދެ ޓީމު މި ނުކުންނާނީ ގިނަ އަހަރުތަކަކަށް ފަހު އެވެ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މި ދެޓީމު އެންމެ ފަހުން ވާދަކޮށްފައި ވަނީ 1982 ވަނަ އަހަރު އެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ ކުރިން ކުރެވުނު ތަޖުރިބާއާ އެކު މިހާރު އިންގްލެންޑް ޓީމު އިތުރަށް ވަރުގަދަވެފައި ވާކަމަށެވެ. ސައުތުގޭޓް އިޝާރަތްކުރީ އެންމެ ފަހުގެ ޔޫރޯ އާއި ވޯލްޑް ކަޕްގައި އިންގްލެންޑްގެ ނަތީޖާ ތަކަށެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލުގައި ބަލިވިއިރު އެންމެ ފަހުގެ ޔޫރޯ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން އިންގްލެންޑް ބަލިވި އެވެ.
"މިކަހަލަ ބޮޑު މެޗަކަށް ތައްޔާރުވާއިރު ކުރިން ބަލިވި ބައެއް މެޗުތައް ހަނދާން ހުރޭ. ފްރާންސް ކަހަލަ ޓީމެއް އަތުން މޮޅުވެވޭނީ ވަރަށް ބޮޑަށް ސަމާލުވެގެން. މިދިޔަ އަހަރުތަކުގައި ބޮޑެތި މެޗުތަކުގެ ތަޖުރިބާ އިންގްލެންޑުން ވަނީ ކޮށްފަ" ސައުތުގޭޓް ބުންޏެވެ.
ވޯލްޑް ކަޕްގެ ދެވަނަ ބުރުން އިންގްލެންޑް ފުރުސަތު ހޯދީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގެ އިންގްލެންޑަށް ޕޮއިންޓް ގެއްލުނީ އެމެރިކާއާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުވި މެޗުގަ އެވެ. ދެވަނަ ބުރުގައި މޮޅު ކުޅުމެއް ދައްކައި 3-0 އިން ސެނެގޯލް ބަލިކުރި އެވެ.
އިންގްލެންޑެކޭ އެއްގޮތަށް ފްރާންސްގެ ނަތީޖާތައް ވެސް ރަނގަޅެވެ. ގްރޫޕް ސްޓޭޖުގެ އެއްވަނަ ހޯދިއިރު އެޓީމު ބަލިވީ، ދެވަނަ ބުރު ކަށަވަރުވީ ފަހުން ކުޅުނު ޓިއުނީޝިއާ މެޗުންނެވެ. ދެވަނަ ބުރުގައި ފަސޭހައިން ޕޮލެންޑް ބަލިކުރި އެވެ.
ކުއާޓާ ފައިނަލާ ހަމައަށް އައިއިރު އިންގްލެންޑުން ވަނީ 12 ގޯލު ޖަހައިފަ އެވެ. ފްރާންސް ވަނީ ނުވަ ގޯލު ޖަހައިފަ އެވެ. އޭގެތެރެއިން ފަސް ގޯލު ޖެހީ ކިލިއަން އެމްބާޕޭ އެވެ. މިރޭ އިންގްލެންޑަށް އެންމެ އުނދަގޫ ވާނީ ވެސް އެމްބާޕޭ ހުއްޓުވާށެވެ.
މެޗަށް ނުކުންނައިރު، ރަހީމް ސްޓާލިން މިހާރު ވަނީ ޓީމާ ގުޅިފަ އެވެ. އާއިލީ ކަމެއްގައި އަނބުރާ ގައުމަށް ދިއުމާ އެކު ދެވަނަ ބުރުގެ މެޗުގައި ސްޓާލިން ނުކުޅެ އެވެ.
ފްރާންސަށް 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު، ޑިޑިއޭ ޑެޝޯމްޕްސް ބުނީ އިންގްލެންޑުގައި ބަލި އެއްވެސް ކަމެއް ނެތް ކަމަށެވެ.
"އިންގްލެންޑަކީ އެޓޭކުގައި ވަރަށް ވަރުގަދަ ޓީމެއް. ކައުންޓަ އެޓޭކުގައި އިންގްލެންޑުން ބައިވަރު ގޯލު ޖަހައިފި. އެނޫން ވެސް ބައިވަރު ކޮލިޓީ އެޓީމުން ފެނޭ. ސެޓް ޕީސް ތަކުގައި ވެސް އިންގްލެންޑް ފެންނަނީ ނުރައްކާކޮށް. އެޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރީ ނަސީބަކުން ނޫން" އިންގްލެންޑުގެ ވަރުގަދަކަން ހާމަކުރަމުން ކޯޗު ބުންޏެވެ.
މެޗަށް ނުކުންނައިރު ފްރާންސްގެ ސްކޮޑުގައި މިވަގުތު ތިބި ހުރިހާ ކުޅުންތެރިން ވެސް ތިބީ ފިޓްކޮށެވެ. އެކަމަކު ޑިފެންޑަރު ޖޫލްސް ކޫންޑޭ އާއި މިޑްފީލްޑަރު އައުރެލިން ޗުއަމެނީ އަށް ރީނދޫ ކާޑު ދައްކާފައިވާއިރު އެ ކުޅުންތެރިން މިރޭގެ މެޗުގައި ރީނދޫ ކާޑުން ސަލާމަތްވުން މުހިއްމެވެ. ކާޑެއް ދައްކައިގެން ފްރާންސް ސެމީ ފައިނަލަށް ގޮސްފި ނަމަ މި ދެ ކުޅުންތެރިންނަށް ވެސް ނުކުޅެވޭނެ އެވެ.
އިންގްލެންޑަށް ވޯލްޑް ކަޕް ތަށީގައި އަތްލެވުނީ 1966 ވަނަ އަހަރު އަމިއްލަ ގައުމުގައި މުބާރާތް ބޭއްވި ފަހަރު އެވެ. ފްރާންސް ވަނީ 1998 އަދި 2018 ވަނަ އަހަރު ޗެމްޕިއަންކަން ހޯދާފަ އެވެ.
އިންގްލެންޑާއި ފްރާންސް ވާދަކުރާ ކުއާޓާ ފައިނަލުގެ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ. މެޗު ކުޅޭނީ ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގަ އެވެ.