Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނޭޓޯ

ޔޫކުރެއިން ހަނގުރާމަ ފުޅާވެދާނެކަމުގެ ބިރު ނޭޓޯގެ ވެރިޔާ ހިއްސާކުރައްވައިފި

ހުކުރުދުވަހު އާންމުކޮށްފައިވާ ބަސްދީގަތުމެއްގައި ޔޫކުރެއިން ހަނގުރާމަ ފުޅާވެ ރަޝިޔާއާއި ނޭޓޯގެ މެދުގައި ކުރެވޭ ހަނގުރާމައަކަށް ބަދަލުވެދާނެކަމުގެ ކަންބޮޑުވުން ނޭޓޯގެ ވެރިޔާ ފާޅުކުރައްވައިފިއެވެ.

ނޭޓޯގެ އަމީން ޢާންމު ޖެންސް ސްޓޮލްޓެންބާގް ނޯވޭގެ ބްރޯޑްކާސްޓާއެއްކަމަށްވާ އެންއާރްކޭއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ޔޫކުރެއިނުގެ ހަނގުރާމައަކީ ވަރަށްވެސް ނުބައި ފައްތަރެއްގައި އޮތް ހަނގުރާމައެއް ކަމަށާއި، އެއީ ރަޝިޔާއާއި ނޭޓުގެ މެދުގައި ކުރެވޭ ހަނގުރާމައަކަށްވެ ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އެކަން [ރަޝިޔާއާއި ނޭޓޯގެ ހަނގުރާމައަކަށް] ނުވޭތޯ އަހަރުމެން ކޮންމެ ދުވަހަކުވެސް މަސައްކަތްކުރަނީ،" ސްޓޮލްޓެންބާގް ވިދާޅުވިއެވެ. ސްޓޮލްޓެންބާގް ވިދާޅުވި ގޮތުގައި ނޭޓޯއާއި ރަޝިޔާގެ މެދުގައި ހަނގުރާމައިގެ ހުޅުފަޅައިގެން ދިއުމުގެ ފުރިހަމަ ފުރުސަތު އެބައޮތެވެ. އެހެންކަމުން ޔޫރަޕުގައި ބޮޑު ހަނގުރާމައެއް ނުފެށިވާނެ ހުރިހާ ގޮތަކަށް އަމަލުކުރުމަކީ މުހިއްމު ކަމެއް ކަމަށް ނޯވޭގެ ބޮޑުވަޒީރުކަން ކުރެއްވި ސްޓޮލްޓެންބާގް ފާހަގަކުރެއްވިއެވެ.

ރަޝިޔާގެ ބާރުތަކަށް ހަމަލާދިނުމަށް ބޭނުންވާ ޖާސޫސީ މައުލޫމާތު ފޯރުކޮށްދީ، ޔޫކުރެއިނު ސިފައިން ތަމްރީނުކޮށް، ޔޫކުރެއިނަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދެމުންދާ ދިއުމަކީ ސީދާ ގޮތުން ނޭޓޯއިން ހަނގުރާމާގައި ޝާމިލުވުންކަމަށް ރަޝިޔާއިން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ހުޅަނގާއި ރަޝިޔާގެ ގުޅުން ހީނަރުވެ ހަމަނުޖެހުމެއްގެ ތުންފައްމައްޗަށް ވެއްޓިފައިވާ މިންވަރު ދޭހަވާ ގޮތަކަށް އެންމެ ފަހުން ރަޝިޔާގެ ރައީސް ވިދާޅުވީ އެމެރިކާއިން ގެންގުޅޭ އަދުއްވެއް ހަމަލާއެއް ދިނުމުގެ ކުރިން ހަމަލާ ދިނުމުގެ މަފުހޫމު ރަޝިޔާއިން ބޭނުންކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޔޫކުރެއިން ހަނގުރާމައިގެން މާކުރިންވެސް ރަޝިޔާއިން އަންނަނޚި އެމެރިކާއިން އުފައްދަން އުޅޭ "ޕްރޮމްޕްޓް ގްލޯބަލް ސްޓްރައިކް ކެޕޭސިޓީ" ނުވަތަ ކުއްލިއަކަށް ދުނިޔޭގެ ކޮންމެ ތަނަކަށް ހަމަލާދިނުމުގެ ޤާބިލުކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ޤާބިލުކަމުގެ ބޭނުމަކީ އަދުއްވެއްގެ އިސްތިރާޖީ އަމާޒުތަކަށް، ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް އެއް ގަޑިއިރުގެ ތެރޭގައި ހަމަލާދެވޭނެ ޤާބިލުކަން ބިނާކުރުމެވެ.

އެ ވިސްނުމަކީ ފާޅުގައި އެމެރިކާއިން ދައްކަމުން އަންނަ ވާހަކައެއްކަން ފާހަގަކުރައްވައި ރަޝިޔާގެ ރައީސް ވެލްޑަމިއަރް ޕުޓިން ވިދާޅުވެފައިވަނީ އެ ޤައުމުގައި އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލުތައް އެބަހުރި ކަމަށާއި، ރަޝިޔާގެ އަމާޒަށް ހަމަލާދޭ ކުރޫޒް މިސައިލުތަކަކީ އެމެރިކާގެ އެފަދަ މިސައިލުތަކަށްވުރެ ވަރުގަދަ މިސައިލުތަކެއް ކަމަށެވެ.

ޕުޓިންވަނީ 2015 ވަނަ އަހަރު ޖަރުމަނާއި ފަރަންސޭސިން މެދުވެރިގެން ޔޫކުރެއިނާއެކު ރަޝިޔާއިން ވި ސުލްހައިގެ އެއްބަސްވުމުގެ ސަބަބުން ޔޫކުރެއިނަށް ހަނގުރާމައަށް ތައްޔާރުވާން ވަގުތު ލިބުނުކަމަށް ޖަރުމަންވިލާތުގެ ކުރީގެ ޗާންސެލާ އެންޖެލާ މާކެލް ދެއްކެވި ވާހަކަފުޅާމެދު ހިތްޕުޅުހަމެޖިވަޑައިނުގަންނަވާކަން ހާމަކުރައްވާފައެވެ.

"އަހަރުމެން އެ އެއްބަސްވުމުގައި ބައިވެރިވީ އިޚުލާޞްތެރިކަމާއެކު. އެކަމަކު މިހާރު ފެންނަ ގޮތުން އެހެން ބައިވެރިން އަހަރުމެންނަށް މަކަރުހެދީ. އެމީހުން ދިޔައީ ޔޫކުރެއިނަށް ހަތިޔާރު ފޯރުކޮށްދޭ ހަމަނުޖެހުމަށް ތައްޔާރުކުރަމުން،" ޕުޓިން ވިދާޅުވިއެވެ. ޕުޓިން ވިދާޅުވި ގޮތުގައި މާކަލްގެ ވާހަކަފުޅުގެ ސަބަބުން ހުޅަނގަށް ރަޝިޔާއިން ކުރާ އިތުބާރު އިހުނަށްވުރެ ކުޑަވެފައިވެއެވެ.

މި ލިއުމާއި ގުޅޭ