މީހަކު ތައްޔާރުކުރި އާޓް ވޯކެއް އޭނާގެ ހުއްދަ ނުހޯދައި ބޭނުންކުރުމުގެ ސަބަބުން ޓީއެމްއޭގެ މައްޗަށް އޭނާއަށް ބަދަލެއް ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލާގައި ދައުވާ ކުރާ ފަރާތުން ޓީއެމްއޭއިން އިއުލާންކުރި ކްރިއޭޓިވް ޑިޒައިނާގެ ވަޒީފާއަށް ކުރިމަތިލުމުން ފެންވަރު ބެލުމުގެ ގޮތުން ސްކިލް ޓެސްޓެއްގެ ގޮތުގައި ޓީއެމްއޭއިން އެދުނު އީދު ގްރީޓިން ކާދެއް އޭނާ ތައްޔާރުކޮށް އެ ކުންފުންޏަށް ފޮނުވިއެވެ.
އެ އާޓްވޯކަށް ބަދަލު ގެނެސް ޓީއެމްއޭއިން އެ ކުންފުނީގެ ފޭސްބުކް ޕޭޖާއި އިންޓަގްރާމްގައި އެ އާޓްވޯކް ޕޯސްޓުކުރީ އެފަރާތުގެ ހުއްދަ ހޯދުމެއް ނެތިއެވެ. އެ މައްސަލާގައި އޭނާ ޓީއެމްއޭގެ މައްޗަށް ދައުވާކޮށްފައިވަނީ ރާއްޖޭގެ ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނާ ޚިލާފަށް އޭނާގެ އުފެއްދުމަށް ބަދަލުގެނެސް، އާންމުންނަށް ފެންނަ ގޮތަށް ބަހައްޓައި އާންމުންނަށް ފޯރުކޮށްދީފައިވާތީ އެ ޤާނޫނުގައި ވާ ގޮތުގެ މަތިން އޭނާގެ އިޤުތިޞާދީ ޙައްޤުތަކާއި، އަޚުލާޤީ ޙައްޤުތަކުން އޭނާ މަހުރޫމުކޮށްފައިވާތީ، ބަދަލާއި ޚަރަދު ހޯދުމަށެވެ.
މި މައްސަލާގައި ޓީއެމްއޭއިން ކޯޓުގައި ބުނެފައިވަނީ އެ އާޓްވޯކުގައި އެ ކުންފުނީގެ ލޯގޯ ހިމަނާފައިވާތީއާއި، ސީޕްލޭނެއް ހިމަނާފައިވުމުންނާއި، އެ އާޓްވޯކަކީ އެ ކުންފުނީގެ ގައިޑްލައިންތަކާ އެއްގޮތަށް ކުލަތައް ބޭނުންކޮށްފައިވާ އާޓުވޯކަކަށްވެފައި، އެއީ އެ ކުންފުނީގެ ވަޒީފާއަކަށް މީހަކު ނެގުމަށް ހުނަރު ވަޒަންކުރަން ފޮނުވާފައިވާ މަސައްކަތެއް ކަމުގައިވާތީ އެ އާޓްވޯކުގެ މިލްކުވެރިކަން އޮންނާނީ އެ ކުންފުންޏަށް ކަމަށެވެ.
އަދި އެ އާޓްވޯކަކީ އެ ކުންފުނީގެ ކޮންޓެންޓެއްކަމަށްވާތީ އެ ކުންފުންޏަށް އެއާޓްވޯކު ބޭނުން ގޮތަކަށް ބޭނުންކުރެވޭނެކަމަށާއި، އެ އާޓްވޯކު ބޭނުންކުރުމުގެ ސަބަބުން އެ ކުންފުނިން ދައުވާކުރި ފަރާތަށް ދޭންޖެހޭނެ ބަދަލެއްވެސް ނޯންނާނެކަމަށް ޓީއެމްއޭއިން ބުނެފައިވެއެވެ.
ދައުވާކުރި ފަރާތުން ފާހަގަކޮށްފައިވަނީ އެއީ ހުނަރު ވަޒަންކުރަން ފޮނުވި އާޓުވޯކެއްކަމަށްވާތީ، ހުނަރު ވަޒަންކުރުން ފިޔަވައި އެހެން މަޤުޞަދަކަށް އެ އާޓްވޯކު އަލުން އުފައްދައި އެ އުފެއްދުން ބޭނުންކޮށްގެން މާލީ މަންފާއެއް ހޯދުމުގެ ޙައްޤު ޓީއެމްއޭއަށް ނޯންނާނެ ކަމަށެވެ.
އިތުރަށް އޭނާގެ ފަރާތުން ފާހަގަކޮށްފައިވަނީ އެ އާޓްވޯކަކީ އޭނާގެ އުފެއްދުމެއްކަމާމެދު ޓީއެމްއޭއިން ސުވާލުވެސް އުފައްދާފައިނުވާކަމަށެވެ. އަދި އެ އުފެއްދުން އެ ކުންފުނީގެ ފޭސްބުކް ޕޭޖާއި އިންސްޓަގުރާމުން ނެގުމަށް އަންގައި އޭނާގެ ފަރާތުން އީ-މެއިލެއް ފޮނުވުމުން އެ އާޓްވޯކު އެ ކުންފުނިން ނެގިކަންވެސް އޭނާ ފާހަގަކުރިއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ބުނެފައިވަނީ އެ މަސައްކަތަށް ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު، އެ އާޓްވޯކުގައި ހިމެނި ޓީއެމްއޭގެ ލޯގޯ ފިޔަވައި ދެން ހުރި ހުރިހާ ތަކެއްޗަކީ ދައުވާކުރި ފަރާތުގެ މަސައްކަތް ކަމަށެވެ. އަދި ކޮޕީރައިޓުގެ ޤާނޫނުގައި ބުނެފައިވާ ގޮތުން އުފެއްދުމެއް އުފައްދާ މީހަކީ އެ އުފެއްދުމުގެ މުޞައްނިފުކަމަށްވާތީ މި އާޓްވޯކުގައި ހިމެނޭ ޓީއެމްއޭ ލޯގޯ ނުހިމަނައި މުޅި އުފެއްދުމުގެ މުޞައްނިފަކީ ދައުވާކުރި ފަރާތް ކަމަށެވެ.
ކޮޕީ ރައިޓް ޙައްޤަށް މި މައްސަލާގައި އަރައިގަނެފައިވޭތޯ ކަނޑައެޅުމުގައި ބޭނުންކުރާނެ މިންގަނޑަކީ އިނގިރޭސިވިލާތުގެ ހައުސް އޮފް ލޯޑްސްގެ ނިންމުމެއްގައި ބަޔާންކޮށްފައިވާ މިންގަނޑުކަމަށްވާ، ދެ ޑިޒައިނުގެ އެއްގޮތަކަމަށް ބަލައި ވަޒަންކުރުންކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ. އަދި އެ މިންގަނޑު މި މައްސަލައަށް ތަޠުބީޤުކޮށް ހިންގާއިރު، ޓީއެމްއޭގެ ލޯގޯ އުނިކުރުމުން ދެ ޑިޒައިނުގައި ހުރީ ހުސް އެއްގޮތް ކަންކަމަށް ކޯޓުން ފާހަގަކުރިއެވެ. އެހެންކަމުން ދައުވާކުރި ފަރާތުގެ އުފެއްދުމުގެ ކޮޕީ ރައިޓަށް ޓީއެމްއޭއިން އަރައިގަނެފައިވާކމަަށް އެ ހުކުމުގައި ކަނޑައަޅާފައިވެއެވެ.
އެގޮތުން އެ އުފެއްދުމަށް ބަދަލުގެނެސް އަލުން އުފައްދައި އާންމުންނަށް ފެންނަ ގޮތަށް ބަހައްޓައި ސޯޝަލް މީޑިއާގެ ޒަރިޔާއިން އެ އުފެއްދުން އާންމުންނަށް ފޯރުކޮށްދިނުމަކީ ދައުވާކުރި ފަރާތަށް ލިބިފައިވާ އިޤުތިޞާދީ ޙައްޤަށް އަރައިގަތުންކަމަށް ކޯޓުން ބުނެފައިވެއެވެ. އަދި އެ އުފެއްދުމަކީ ދައުވާކުރި ފަރާތުގެ އުފެއްދުމެއްކަމަށްވާތީ އެ އުފެއްދުމާ ގުޅިފައިވާ އަޚުލާޤީ ޙައްޤުތަކަކީ ދައުވާކުރިފަރާތާއި ވަކިނުވާނެ ޙައްޤުތަކެއްކަމަށާއި، އެ ޙައްޤުތަކަށް ޓީއެމްއެމްއޭއިން އަރައިގަނެފައިވާކަމަށް ޤާޟީ ކަނޑައެޅުއްވިއެވެ.
ހުނަރު ވަޒަންކުރަން ހުށަހެޅި އާޓްވޯކެއް އޭނާގެ ހުއްދައެއް ނެތި ބޭނުންކޮށްފާނެކަމަކީ ކުރިން ދައުވާކުރި ފަރާތަށް ވަޒަންކުރަން އެނގޭނެކަމަކަށްނުވާތީ، އެ މައްސަލާގައި އޭނާގެ އިޤުތިޞާދީ އަދި އަޚުލާޤީ ޙައްޤުތަކަށް ލިބުނު ގެއްލުމަކީ ހިސާބު އަދަދުން ބަޔާންކޮށް ސާބިތުކޮށްދެވޭނެ ކަމެއް ނޫންކަން ސަބަބުވެރި އިންސާނެއްގެ ބުއްދިން ވިސްނުމުން އެނގޭކަން ޤާޟީ ފާހަގަކުރެއްވިއެވެ. އަދި އެ އުފެއްދުން ބޭނުންކުރުމުން ޓީއެމްއޭއަށް ލިބުނު ފައިދާއަކީ ފަސޭހައިން ދެނެގަނެވޭނެ ފައިދާއެއް ނޫންކަންވެސް ޤާޟީ ފާހަގަކުރައްވާފައިވެއެވެ.
އަދި ރާއްޖޭގެ ކޮޕީ ރައިޓް ޤާނޫނުގައި ބަދަލު ނަގައިދެވޭނެ ރޭންޖެއް ނުވަތަ ބަދަލު ނަގައިދެވިދާނެ ކަމުގައި ބަޔާންކޮށްފައިނުވާތީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި މިފަދަ މައްސަލަތަކުގައި ބަދަލު ނަގައިދޭ އުސޫލުން ބަދަލު ނަގައިދިނުމަކީ ކޯޓުތަކަށް ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، 2010 ވަނަ އަހަރު އަމަލުކުރަން ފެށި އެ ޤާނޫނަށް ރާއްޖެއަށް އަންނަ ބަދަލުތަކާ އެއްހަމަވާނެ އުސޫލުން ބަދަލުގެނައުމަކީ ބޭނުންތެރިކަމެއްކަމަށް ޤާޟީ ވިދާޅުވިއެވެ.
އެހެންނަމަވެސް މި މައްސަލާގައި ޓީއެމްއޭއަށް ނާޖައިޒު މަންފާއެއް ލިބިފައިވާކަމަށާއި، އެއީ ކްރިއޭޓިވް ޑިޒައިނަރަކަށް އަގު ދީގެން ކުރެވޭނެ މަސައްކަތެއް އެއްވެސް އަގެއް ނުދީ ކުރުވައި އެ މަސައްކަތް ބޭނުންކުރުމުން ލިބުނު ނާޖައިޒު މަންފާކަމަށް ޤާޟީ ނިންމަވާފައިވެއެވެ.
މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ޤާޟީ މަރިޔަމް ވަޙީދު ނިންމަވާފައިވަނީ، ލޯޔަރުގެ ފީގެ ގޮތުގައި، ފަރުޙާނު ތަމްސީލުކުރި "ދަ ލޯ އޮފީސް އޮފް ޝައްފާން މުޙައްމަދު"އަށް އޭނާ ދެއްކި 25،000 ރުފިޔާއާއި މި އުފެއްދުމުގެ އަގުކަމުގައިވާ 15،000 ރުފިޔާގެ ބަދަލެއް ދައުވާކުރި ފަރާތަށް ނަގައިދިނުމަށެވެ. އަދި އެ 40،000 ރުފިޔާ ވީހާވެސް އަވަހަކަށް ދައުވާކުރި ފަރާތަށް ދެއްކުމަށް ޤާޟީ އަންގަވާފައިވެއެވެ.