މަސްތުވާތަކެތީގެ މައްސަލަ ހައްލުވާނީ އަވައްޓެރި ފުލުހުންގެ ފަލްސަފާއާ އެއްގޮތަށް މަސައްކަތްކޮށްގެންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވީ ތ. އަތަޮޅުގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އާއްމުކޮށް ހިނގާ ކުއްތައް، ވަކިން ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭނީ އަވައްޓެރި ފުލުހުންގެ ފަލްސަފާއާ އެއްގޮތަށް ފުރިހަމަ ގިނަ މަސައްކަތްތަކެއް ކޮށްގެންކަމަށެވެ.
މިކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ކޮމިއުނިޓީ ޕޮލިސިން ޕްރިންސިޕަލްތަކާ އެއްގޮތަށް ފުލުހުން ތަމުރީނުކުރުމަށް މިއަދު ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަކަމަށެވެ.
ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ ތެރެއިން ފުލުހުންހެ ހިދުމަތް ދިނުމަށް އެކުލަވައިލެވުނު ''ނެއިބަހުޑް ޕޮލިސިންގ މޮޑެލް - އަވައްޓެރި ފުލުހުންގެ ހިދުމަތް'' މުޅި ރާއްޖޭގައި ތައާރަފު ކޮށްފައިވާއިރު އެ ހިދުމަތް މުޅި ރާއްޖެއަށް ތައާރަފު ކުރުމުގެ މަސައްކަތް ފެށީ އޮކްޓޯބަރު 10، 2020 ގައެވެ.
ނެއިބަހުޓް މޮޑެލް އަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު މާލޭ އޭރިއާގައި އަދި 2019 ގައި އައްޑޫ ފުވައްމުލަކުގައި ޕައިލެޓް ކުރުމަށްފަހު 2019 މާރިޗު 29 ވަނަ ދުވަހު އިފްތިތާހު ކުރެވުނު ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭންގެ ޕްރައިރިޓީ އެއްގައި ހިމެނޭ ޕްރޮޖެކްޓެއްގައި ހިމަނާ، ސީދާ ދިވެހިރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ފޯރުކޮށްދެވޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ މޮޑެލް އެއް ކަމަށް ފުލުހުން ބުނެއެވެ.